ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 15:13
ހެރީ ކޭން
ހެރީ ކޭން
ގޯލް.ކޮމް
ހެރީ ކޭން
ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއާ މެސީއަށް: ކޭން
ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ދެން ފެންނާނީ ގޮލްފް ކުޅުންތެރިއެއްގެ ގޮތުގަ: ކޭން
އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން: ކޭން
ކޭން ވަނީ މިދިޔަ ސީޒަނުގައި 25 ލަނޑު ޖަހާފަ

ފުޓްބޯޅަ ކެރިއަރުގައި ނަމޫނާއެއްގެ ގޮތުގައި ބަލަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ލިއޮނެލް މެސީއަށް ކަމަށް ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ބުނެފިއެވެ.  

އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ދަ ޓެލެގްރާފްއާ ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން ކަމަށާއި އަދި އެކަން ހަގީގަތަކަށް ހެދުމަށް އޭނާ އެންމެ ބޮޑު ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަނީ ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކަމަށެވެ.

މީގެ އިތުރުން ކޭން ބުނެފައިވަނީ ސޯޝަލް މީޑިއާގެ ސަބަބުން މިފަދަ ކުޅުންތެރިންނާ ގާތް ގުޅުމެއް ބޭއްވުމަށް ވަރަށް ފަސޭހަ ކަމަށާއި އަދި ސީޒަން ނިންމާލުމަށް ފަހު އެނބުރި އޭނާގެ ކުޅުން ބަލާލާއިރު އެ ކުޅުންތެރިންނާ ގާތް ކުރާ ފެންވަރަށް ކުޅެވިފައި ހުންނަކަން ފާހަގަވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިތުރަށް ކުރިޔަށް ދިއުމަށް ހިތްވަރު ލިބޭ ކަމަށާއި އަދި ހުރި ހަރުފަތަށް ވުރެ އަބަދުވެސް އާ ހަރުފަތަކަށް ދިއުމަށް މަސައްކަތް ކުރާ ކަމަށްވެސް ކޭން ބުނެފައިވެއެވެ.

މި އިންޓަވިއުގައި ކޭންވަނީ އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ދެން ފެންނާނީ ގޮލްފް ކުޅުންތެރިއެއްގެ ގޮތުގައި ކަމަށް ބުނެފައެވެ. އަދި ކޮންމެ އަހަރުކެވެސް ލަނޑު ޖެހުމަށް އާ ޓާގެޓް ތަކެއް ކަނޑައަޅާ ކަމަށާއި މި ޓާގެޓް ތަކަކީ ރޮނާލްޑޯއާ މެސީއާ އެއް ހަމައަކަށް ދިއުމަށް އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެއް ކަމަށްވެސް ކޭން ބުނެފައިވެއެވެ.

މި އިންޓަވިއުގައި ކޭންގެ އިތުރުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބައިވެރިވެފައިވާއިރު އޭނާ ބުނެފައިވަނީ ޗެމްޕިއަންސް ލީގުގައި އެޕޮއެލްއާ ދެކޮޅަށް ކުޅޭ މެޗުގައި ކޭންއަށް ރެސްޓް ދޭން ބޭނުންވި ނަމަވެސް ސަސްޕެންޝަނާއި އިންޖަރީގެ ސަބަބުން ފުރަތަމަ އެގާރާގައި ކުޅޭ ހަތް ކުޅުންތެރިޔަކަށް މި މެޗުގައި ނުކުޅެވޭނެތީ އެކަން އެގޮތަށް ކުރެވެން ނެތް ކަމަށެވެ.

ޕޮޗެޓީނޯ އިތުރަށް ބުނެފައިވަނީ މި މެޗަކީ ކޮންމެހެން މޮޅުވާން ޖެހޭ މެޗެއް ކަމަށާއި ޗެމްޕިއަންސް ލީގުގައި އިތުރަށް ކުރިޔަށް ދިއުމަށް މިއީ މޮޅުވާން މަޖުބޫރު މެޗެއް ކަމަށެވެ. އަދި އިންޖަރީގައި ތިބި ކުޅުންތެރިން ނެތްތަން ފޫބެއްދުމުގެ ހުނަރު ބެންޗުގައި ތިބި ހުރިހާ ކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށްވެސް ޕޮޗެޓީނޯ ބުނެފައިވެއެވެ.

ކޭން މި މެޗަށް ނުކުންނައިރު އޭނާ ވަނީ މިހާތަނަށް އޭނާގެ ކެރިއަރުގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. އަދި މިދިޔަ ސީޒަނުގައި ޔޫރަޕުގެ ލީގުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ކޭންއެވެ.  

- ކޮމެންޓް