ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
އަންގާރަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޮޓްމަންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޒިދާން ބުނެފައިވަނީ ސީޒަނުގެ ކުރީކޮޅުގައި ޓީމަށް މައްސަލަތަކެއް ދިމާވި ކަމަށާއި އެހެނަސް މިހާރު އެ މައްސަލަތަކުން އަރިގަނެވިފައިވާ ކަމަށާއި ބޭނުންވަނީ އަބަދުވެސް ރީތި ފުޓުބޯޅައެއް ކުޅެ ނަތީޖާ ނެރެން ކަމަށެވެ.
ޔޫރަޕުގެ ފުޓުބޯޅަ މުބާރާތެއްގައި ދުވަހަކުވެސް ރެއާލްއަށް ޑޯޓްމަންޑްގެ ދަނޑުގައި މޮޅުވެވިފައިނުވާއިރު ޒިދާން މިކަމާ ގުޅޭ ގޮތުން ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބު ދެމުން ބުނެފައިވަނީ މިއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި ބައިކޮޅަށް ގޯލު ވަނަސް މެޗުން މޮޅުވެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި އޭނާއަށް މެޗުން މޮޅުވެވޭނެ ކަމުގެ ފުރިހަމަ އިތުބާރު ލިބިގެން ދަނީ ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ފަރާތުން ފެންނަމުން އަންނަ ކުޅުމުގެ ސަބަބުން ކަމަށެވެ.
ހަމަ އެހެންމެ ޒިދާން ބުނެފައިވަނީ ލަލީގާއަކީ އެންމެ އުނދަގޫ މުބާރާތް ކަމަށާއި ވާދަވެރި ބާސެލޯނާ މިވަގުތު އެއްވަނައިގައި އޮތް ނަމަވެސް ސީޒަނަކީ ވަރަށް ދިގު ސީޒަނަކަށް ވުމާއެކު އަދިވެސް ރެއާލްއަށް އެއްވަނައަށް އެރުމުގެ ފުރުސަތުތަށް ލިބިގެންދާނެ ކަމަށެވެ. އަދި މި ފުރުސަތުތަކުގެ ބޭނުން ރެއާލްއިން އެންމެ ރަނގަޅު ގޮތުގައި ހިފާނެ ކަމަށާއި ކުޅުންތެރިންނަކީ އަބަދު އެއް ލެވެލްއެއްގައި ކުޅެވޭނެ ބައެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ. އަދި ލަލީގާގެ ތަށި ނުހޯދެންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ޒިދާން ބުންޏެވެ.
އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ޖަރުމަނުގެ މިޑްފީލްޑާ ޓޯނީ ކްރޫސް މި މެޗުގައި ކުޅޭނެ ކަމަށާއި އަދި އޭނާއަކީ ރެއާލްއަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށްވެސް ޒިދާން ބުނެފައިވެއެވެ.
ޒިދާން މިހެން ބުނެފައިވާއިރު މި ސީޒަނުގައި ރެއާލްއިން ސްޕެނިޝް ލަލީގާގައި ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. އަދި މިވަގުތު އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށްވުރެ ހަތް ޕޮއިންޓް ފަހަތުގައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެޕޮއެލް ނިކޯސިއާ އަތުން މޮޅުވި ނަމަވެސް އެ މެޗުގައި ރެއާލްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ.