ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 11:06
ގެރެތް ބެރީ
ގެރެތް ބެރީ
ގޫގުލް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔަކަށް ބެރީ
ބެރީ ވަނީ 633 ޕްރިމިއާ ލީގު މެޗުގައި ކުޅެފަ
މި ރިކޯޑު ކުރިން އޮންނަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރަޔާން ގިގްސްގެ އަތުގަ
ބެރީ އެންމެ ފުރަތަމަ ޕްރިމިއާ ލީގުގެ މެޗެއް ކުޅެފައިވަނީ އުމުރުން 17 އަހަރުގަ

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ މަގާމް ގެރެތް ބެރީ ހޯދައިފިއެވެ.

އުމުރުން 36 އަހަރުގެ ތަޖުރިބާކާރު މިޑްފީލްޑާ މި ރިކޯޑު ގާއިމްކުރީ ހޯމަ ދުވަހުގެ ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު ވެސްޓް ބްރޮމް ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުމުންނެވެ. ބެރީ ވަނީ 633 ޕްރިމިއާ ލީގު މެޗުގައި ކުޅެފައެވެ. ބެރީގެ ކުރިން މި ރެކޯޑު އޮންނަނީ ވޭލްސް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ހުނަރުވެރި މިޑްފީލްޑާ ރަޔާން ގިގްސް އަތުގައެވެ. އެގޮތުން 1992 ވަނަ އަހަރު ޕްރިމިއާ ލީގު ރީބްރޭންޑް ކުރި ފަހުން ގިގްސްވަނީ އެ ލީގުގައި 632 މެޗު ކުޅެފައެވެ.

މި ރިކޯޑު މުގުރާލުމަށްފަހު ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ބެރީ ބުނެފައިވަނީ މިއީ ވަރަށް އުފާވެރި ކަމެއް ކަމަށާއި އަދި ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ޝަރަފު ލިބިދާނެ ކަމަށް ދުވަހަކުވެސް އުއްމީދު ނުކުރާ ކަމަށެވެ. އަދި މިއީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށާއި އެހެނަސް މިފަދަ ބޮޑު ޝަރަފެއް ލިބުނު ނަމަވެސް އޭނާގެ ފޯކަސް ފުޓްބޯޅަ ކުޅުމަކުން ނުގެއްލޭނެ ކަމަށެވެ. މީގެ އިތުރުން ބެރީ ބުނެފައިވަނީ އޭނާގެ އުއްމީދަކީ އުމުރުން 40 އަހަރު ވާ އިރުވެސް ޕްރިމިއާ ލީގުގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެމިހުރުން ކަމަށެވެ.

ބެރީ އެންމެ ފުރަތަމަ ޕްރިމިއާ ލީގުގެ މެޗެއް ކުޅެފައިވަނީ 1998 ވަނަ އަހަރު އުމުރުން 17 އަހަރުގައި އެސްޓަން ވިލާއަށެވެ. އޭނާވަނީ އެސްޓަން ވިލާގެ އިތުރުން މެންޗެސްޓާ ސިޓީއާއި އެވަޓަންގެ އިތުރުން ވެސްޓް ބްރޮމްއަށްވެސް ޕްރިމިއާ ލީގުގައި ކުޅެފައެވެ. ޖުމްލަ 601 މެޗުގައި އޭނާ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައިވާއިރު ބެރީ ވަނީ ޕްރިމިއާ ލީގުގައި އޭނާ ހޭދަކުރި 20 އަހަރުގެ ތެރޭގައި 52 ލަނޑު ޖަހާ 63 އެސިސްޓް ހަދާފައެވެ. އަދި އޭނާއަކީ 119 ރީނދޫ ކާޑާއެކު ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ރީނދޫ ކާދު ދައްކާފައިވާ ކުޅުންތެރިޔާއެވެ. އަދި 52871 މިނިޓާއެކު ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނަ މިނިޓު ކުޅެފައިވާ ކުޅުންތެރިޔާއަކީވެސް ބެރީއެވެ.

ބެރީވަނީ މެންޗެސްޓާ ސިޓީއާ އެއްކޮށް އެއްފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި އޭނާވަނީ އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް 53 މެޗު ކުޅެދީފައެވެ.

 

- ކޮމެންޓް