ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 10:34
މި މެޗުގައި އާސެނަލްއަށް ލަނޑުތަށް ޖަހައިދިން ލަކަޒެޓް
މި މެޗުގައި އާސެނަލްއަށް ލަނޑުތަށް ޖަހައިދިން ލަކަޒެޓް
ގޫގުލް
އިނގިރޭސި ޕްރިމިއާ ލީގު
ވެސްޓް ބްރޮމް އަތުން މޮޅުވެ ތާވަލުގެ ހަތްވަނައަށް އާސެނަލް ޖެހިލައިފި
ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން
މި މެޗުގައި އެ ޓީމަށް ދެ ލަނޑުވެސް ޖަހައިދިނީ ލަކަޒެޓް
އާސެނަލްވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލާފަ

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އާސެނަލްއިން ތާވަލުގެ ހަތްވަނައަށް ޖެހިލައިފިއެވެ.

ހޯމަ ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއިން ވަނީ ވެސްޓް ބްރޮމްގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ އެ ޓީމުގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި 70 ޕަސެންޓް ބޯޅަ ޕޮސިޝަން ހިފަހައްޓާފައެވެ.

އާސެނަލްއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ސަންޗޭޒް ގޯލާ އަމާޒުކޮށް ފޮނުވާލި ހިލޭ ޖެހެމުއް ވެސްޓް ބްރޮމްގެ ގޯލުގެ ދަނޑީގައި ޖެހިފައި ބޯޅަ އޭރިއާ ތެރެއަށް ނުކުތް ވަގުތު ލަކަޒެޓް ބޮލުން ވެސްޓް ބްރޮމްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. އާސެނަލްއިން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ވެސްޓް ބްރޮމްއިން ވަނީ ކައުންޓާ އެޓޭކުގައި އާސެނަލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ފުރަތަމަ ހާފު ނިމިފައިވަނީ 1-0 ގެ ނަތީޖާއަކުން ވެސްޓް ބްރޮމްގެ މައްޗަށް އާސެނަލް ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް އާސެނަލްއިން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އާސެނަލްއިން މެޗުގައި އެ ޓީމުގެ ލީޑު ފުޅާކުރީ 67 ވަނަ މިނެޓުގައެވެ. އެގޮތުން ވެސްޓް ބްރޮމްގެ އޭރިއާ ތެރެއިން އާސެނަލްގެ އާރޮން ރަމްސީއަށް ފައުލް ކުރުމާ ގުޅިގެން ރެފްރީ ވަނީ އެ ޓީމަށް ޕެނަލްޓީއެއް ދީފައެވެ. މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު ލަކަޒެޓް ވަނީ މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލާ މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ވެސް ލަކަޒެޓްއަށް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ފުރުސަތު ލިބިފައެވެ. އެހެނަސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި މެޗުގައި ލަކަޒެޓް ކާމިޔާބު ކުރި ޕެނަލްޓީއަކީ ޕްރިމިއާ ލީގުގައި އާސެނަލްއިން ޖެހި 100 ވަނަ ޕެނަލްޓީއެވެ. އަދި ލަކަޒެޓް ވެގެން ގޮސްފައި ވަނީ 1988 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ތިން ހޯމް ގޭމްގައި ލަނޑު ޖެހި އާސެނަލްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި މޮޅާއެކު އާސެނަލްއިން ވަނީ  ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އެގޮތުން އެ ޓީމަށް ހަތްވަނަ ލިބެނީ ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ހަމައެހެންމެ ވެސްޓް ބްރޮމްއޮތީ ކުޅުނު ހަ މެޗުން ލިބުނު އަށް ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް