އިންޑިއާގެ ކަލާސް ޓީވީ ޗެނަލުން އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޝޯ "ބިގްބޮސް11" ވަނަ ސީޒަނު ގައި ޝޯގެ ޕްރެޒެންޓަރ ސަލްމާން ޚާން އެ ޝޯ ހޮސްޓް ކުރާނީ ކޮންމެ އެޕިސޯޑަކަށް 1.5 މިލިއަން ޑޮލަރަށްކަން ހާމަވެއްޖެއެވެ.
"ބިގް ބޮސް" ޝޯ އަކީ މަޝްހޫރު ފަރާތްތައް ބައިވެރިކޮށްގެން ގެއެއްގެ ތެރޭގައި ދިރިއުޅެން ޖެހޭ ޝޯއެކެވެ. މި ޝޯގައި އެފަރާތްތަކަށް އެކި ޓާސްކްތައް ހަވާލު ކުރެވެއެވެ. އެ ޓާސްކްތައް ފުރިހަމަ ނުކުރެވޭ ފަރާތްތައް އެ ގެއިން ބޭރު ކުރެވޭ ގޮތަށް އޮންނަ މި ޝޯ ގައި އެ ގެތަކުގައި ސަރވައިވް ވާ 3 މީހުންގެ ތެރެއިން އެއްވަނައަށް ދާ ފަރާތްތަކަށް އަގުބޮޑު އިނާމެއް ދެއެވެ. ގެއިން ބޭރު ކުރެވޭނީ އެގޭގައި އުޅޭ މީހުންނާއި އާންމުންގެ ވޯޓުންނެވެ.
މިޝޯއަކީ 3 މަސް ދުވަހަށް ކުރިއަށް ގެންދާ ޝޯއެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި 15 ހަފްތާ ވަންދެން ސަލްމާން "ބިގްބޮސް11" ގެ މަސައްކަތް ކުރާނެއެވެ. އެހެން ކަމަށްވާނަމަ އޭނާއަށް 28.5 މިލިއަން ޑޮލަރު އެ ޝޯ ނިމޭއިރު ލިބޭނެއެވެ.
އެޕިސޯޑަކަށް ބަލާކަމުގައި ވާނަމަ އެއީ އިންޑިއާގެ 22 ކުރޯޑް ރުޕީސް ހަފްތާއެއްގައި ސަލްމާނަށް ލިބޭނެއެވެ.
ސަލްމާން ވެގެން ދާނީ އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު އަގަގަށް ޝޯ ހުށައަޅާފައިވާ ފަރާތަކަށެވެ.
ސަލްމާން "ބިގްބޮސް" ހުށައަޅަން ފަށާފައިވަނީ "ބިގް ބޮސް4" ވަނަ ސީޒަނުން ފެށިގެންނެވެ.
މިހާތަނަށް "ބިގްބޮސް"ގެ 10 ޝޯ ވަނީ ދައްކާފައެވެ. މިއީ ސަލްމާން ޚާން "ބިގް ބޮސް" ޝޯ ހުށައަޅައިދޭ 8 ވަނަ ފަހަރެވެ. މި ޝޯގައި ބައިވެރިވާ ތަރިންގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެއެވެ.