ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 13:25
މާކުއޭޒް އެރާގޮން ޖީޕީގެ ތެރެއިން
މާކުއޭޒް އެރާގޮން ޖީޕީގެ ތެރެއިން
ގޫގުލް
މޮޓޯ ޖީޕީ
މޮޓޯ ޖީޕީ: އެރާގޮން ޖީޕީ މާކުއޭޒް ކާމިޔާބު ކޮށްފި
ޑޮވީޒިއޯސޯ ރޭސް ނިންމާފައިވަނީ 42 މިނެޓު 6 ސިކުންތުން
މި ރޭހަށް ފަހު މޮޓޯ ޖީޕީ ޑްރައިވަރުންގެ ރޭންކިންގައި މާކުއޭޒްއަށް ލިބިފައިވާ ލީޑު އޭނާ ވަނީ އިތުރަށް ފުޅާކޮށްފަ

މޮޓޯ ޖީޕީގެ އެރާގޮން ގްރޭންޑް ޕްރީ ޑުކާޓީގެ މާކް މާކުއޭޒް ކާމިޔާބު ކޮށްފިއެވެ.

ސްޕެއިންގެ "ކިއުޑާޑް ޑެލް މޮޓޯ ޑެ އެރާގޮން" ރޭސިން ސާކިޓުގައި ކުރިޔަށް ދިޔަ އެރާގޮން ގްރޭންޑް ޕްރީ މާކުއޭޒް ކާމިޔާބު ކޮށްފައިވަނީ ޑެނީ ޕެޑްރޯސާ އަދި ހޯޒޭ ލޮރެންޒޯ ފަހަތަށް ޖައްސާލުމަށް ފަހުއެވެ.

ޑޮވީޒިއޯސޯ ރޭސް ނިންމާފައިވަނީ 42 މިނެޓު 6 ސިކުންތުންނެވެ. އަދި ޕެޑްރޯސާ ރޭސް ނިންމާފައިވަނީ އޭގެ ސިކުންތެއް ފަހުންނެވެ. ލޮރެންޒޯ ވެސް ރޭސް ނިންމާފައި ވަނީ ގާތްގަނޑަކަށް ހަމަ ޕެޑްރޯސާއާ އެއްކޮށެވެ. ރޭސް ފެށިގެން ލޮރެންޒޯ ލީޑުގަ އޮތް ނަމަވެސް ފަސް ވަނައިގައި އޮވެ ރޭސް ފެށި މާކުއޭޒް ވަނީ ރޭހުގެ މެދާ ހަމައިން ލީޑު ނަގާފައެވެ.

މި ރޭހުގައި މީގެ ތިންހަފްތާ ކުރިން ފައި ބިދުމުގެ ސަބަބުން މެލޭޝިއާ ގްރޭންޑް ޕްރީ އިން ވަކިވި ޔަމަހާގެ ވެލެންޓީނޯ ރޮސީވެސް ވަނީ ވާދަކޮށްފައެވެ. އޭނާއަށް އެރާގޮން ޖީޕީއިން ލިބިފައިވަނީ ފަސްވަނައެވެ.

ރޭސް ނިންމާލުމަށް ފަހު ވާހަކަ ދައްކަމުން މާކުއޭޒް ބުނެފައިވަނީ ވަރަށް ވާދަވެރި ރޭހަކަށް ފަހު އެއްވަނަ ލިބުމުން ވަރަށް އުފާވާ ކަމަށާއި އެހެން އަހަރު ތަކުގައި މި ސާކިޓްގައި ޖެހި ރޭސްތަކަށް ވުރެ މި އަހަރުގެ ރޭސް މާ އުނދަގޫ ކަމަށެވެ.

މި ރޭހަށް ފަހު މޮޓޯ ޖީޕީ ޑްރައިވަރުންގެ ރޭންކިންގައި މާކުއޭޒްއަށް ލިބިފައިވާ ލީޑު އޭނާ ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން 224 ޕޮއިންޓާއެކު އެއްވަނައިގައި އޭނާ އޮތްއިރު 208 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އަންދަރޭ ޑޮވީޒިއޯސޯއެވެ. 196 ޕޮއިންޓާއެކު ޔަމަހާގެ މަވެރިކް ވިނާލޭސް ތިންވަނައިގައި އޮތްއިރު އޭނާގެ ފަހަތުން ހަތަރު ވަނައިގަ އޮތީ ހޮންޑާގެ ޑެނީ ޕެޑްރޯސާއެވެ.

ކޮންސްޓްރަކްޓާސް ޗެމްޕިއަންޝިޕުގައި 274 ޕޮއިންޓާއެކު ހޮންޑާ އޮތްއިރު ދެވަނައިގައި 257 ޕޮއިންޓާއެކު އޮތީ ޔަމަހާއެވެ. އަދި 248 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ޑުކާޓީއެވެ.

މޮޓޯ ޖީޕީ ސީޒަނުގައި ބާކީ ހަތަރު ރޭސް އޮތް އިރު ދެން އޮންނަ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަޕާންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް