ޖަޕާންގެ ޓޮކްޔޯގައި ކުރިޔަށްދިޔަ ޕޭން ޕެސިފިކް އޯޕަންގެ ޗެމްޕިއަންކަން ކެރޮލައިން ވޮޒްނިއާކީ ހޯދައިފިއެވެ.
ޑަބްލިއުޓީއޭ ރޭންކިންގެ ފަސް ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ވޮޒްނިއާކީ މި މުބާރާތް ކާމިޔާބު ކުރީ ޑަބްލިއުޓީއޭ ރޭންކިންގެ 23 ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ރަޝިއާގެ އަނަސްޓޭޝިއާ ޕަވްލަޗެންކޮވާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-0 އަދި 7-5 އަކުންނެވެ. ވޮޒްނިއާކީ ފުރަތަމަ ސެޓު ގެންދިޔައީ 22 މިނިޓުގެ ތެރޭގައެވެ.
މުބާރާތް ކާމިޔާބު ކުރުމަށް ފަހު ވާހަކަ ދައްކަމުން ވޮޒްނިއާކީ ބުނެފައިވަނީ މިއީ އޭނާ މި އަހަރު ކުޅުނު ހަތް ވަނަ ފައިނަލް ކަމަށާއި އަދި ޕަވްލަޗެންކޯވާ އާ ދެކޮޅަށް ކުޅުނު މެޗަކީ މި އަހަރު ކުޅުނު ފައިނަލްތަކުގެ ތެރެއިން އެންމެ އުނދަގޫ މެޗު ކަމަށެވެ. ހަމައެހެންމެ އޭނާ ބުނެފައިވަނީ މީގެ ކުރިން ވެސް މި މުބާރާތް އޭނާ ކާމިޔާބު ކޮށްފައިވުމާއެކެ އެކަން ވެގެންދިޔައީ މި އަހަރުގެ މުބާރާތް ވެސް ކާމިޔާބު ކުރަން އިތުރު ހިތްވަރަކަށް ކަމަށެވެ.
މިއީ ވޮޒްނިއާކީ ޕޭން ޕެސިފިކް އޯޕަން ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހަރުގެ އިތުރުން 2010 ވަނަ އަހަރުވެސް މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މި މުބާރާތް ވެގެން ގޮސްފައިވަނީ މިހާތަނަށް ވޮޒްނިއާކީ ކާމިޔާބުކުރި 26 ވަނަ ޑަބްލިއުޓީއޭ މުބާރާތަށެވެ. އަދި އޭނާ އަންނަނީ 2008 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރުކުވެސް އެއް ޑަބްލިއުޓީއޭ މުބާރާތް ކާމިޔާބު ކުރަމުންނެވެ.