ޗެކްރިޕަބްލިކްގައި ކުރިޔަށް ދިޔަ ބައިނަލްލަގްވާމީ ޓެނިސް މުބާރާތެއް ކަމަށްވާ ލޭވާ ކަޕްގެ ޗެމްޕިއަންކަން ޓީމް ޔޫރަޕުން ހޯދައިފިއެވެ.
ދުނިޔޭގެ އެންމެ ނަންހިނގާ ޓެނިސް ކުޅުންތެރިންގެ ކުޅުން ފެނިގެން ދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޔޫރަޕުން ހޯދީ 15 ޕޮއިންޓް 9 ޕޮއިންޓްއިން ދުނިޔޭގެ އެހެން ބައްރުތަކުން ހޮވާލެވުނު ޓީމުގެ ކުޅުންތެރިން ބަލިކޮށްގެންނެވެ. މުބާރާތުގެ ފަހު ދުވަހުގެ ކުޅުމާ ހަމަޔަށް ދިޔައިރުވެސް ޓީމް ޔޫރަޕް އޮތީ 9 ޕޮއިންޓް ތިން ޕޮއިންޓްގެ ލީޑެއްގައެވެ.
މުބާރާތުގެ ފަހު ދުވަހުގެ ފުރަތަމަ މެޗުގައި ޔޫރަޕުގެ ތޯމަސް ބާޑިޗް އަދި މަރިން ސިލިޗްއާ ދެކޮޅަށް ނުކުމެފައި ވަނީ ޖޮން ސޮކް އަދި ޖޮން އިސްނާގެ ޕެއާއެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކުރީ ޓީމް ވޯލްޑްގެ ސޮކް އަދި އިސްނާގެ ޕެއާއެވެ. މި ދެ ކުޅުންތެރިން މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 7-6 އަދި 7-6 އަކުންނެވެ.
އެހެން ނަމަވެސް ޓީމް ޔޫރަޕުން ވަނީ ދެން ކުޅެވުނު ސިންގަލްސް މެޗު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. އެގޮތުން ޓީމް ޔޫރަޕުގެ އެލެކްޒެންޑާ ޒަވަރޭވް އަދި ޓީމް ވޯލްޑްގެ ސޭމް ކުއެރީ ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކުރީ ޒަވަރޭވްއެވެ. އޭނާ މި މެޗުގެ ސެޓުތަށް ގެންގޮސްފައި ވަނީ 6-4 އަދި 6-4 އަކުންނެވެ.
Let the #TeamEurope celebrations commence. #LaverCup pic.twitter.com/sny5npZLQ7
— Laver Cup (@LaverCup) September 24, 2017
ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނައިގައި ރޭންކް ކުރެވިފައި އޮތް ރަފައޭލް ނަދާލް ވަނީ ޓީމް ވޯލްޑްގެ ޖޯން އިސްނާ އަތުން ބަލިވެފައެވެ. މި މެޗު ނަދާލް ކާމިޔާބުކުރި ނަމަ ޓީމް ޔޫރަޕަށް މުބާރާތުގެ ތަށި ޔަގީންވާން އޮތް ނަމަވެސް އޭނާވަނީ 7-5 އަދި 7-6 އަކުން އިސްނާ އަތުން ބަލިވެފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމް ހޮވުމަށް ކުޅުނު ސިންގަލްސް މެޗުގައި ޓީމް ޔޫރަޕުގެ ފަރާތުން ރޯޖާ ފެޑެރާ ވާދަކުރިއިރު އޭނާއާ ދެކޮޅަށް ޓީމް ވޯލްޑްއިން ނެރުނީ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްއެވެ. މި މެޗުން ފެޑެރާ މޮޅުވީ އެއް ސެޓު އެއް ސެޓުން އެއްވަރުވުމާ ވިދިގެން ނަތީޖާ ނެރެން ކުޅުނު ޓައި ބްރޭކާ ކާމިޔާބު ކޮށްގެންނެވެ. އެގޮތުން ފުރަތަމަ ސެޓު 6-4 އަކުން ކިރްގިއޯސް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓު ފެޑެރާ ވަނީ 7-6 އަކުން ކާމިޔާބު ކޮށްފައެވެ. ޓީމް ޔޫރަޕަށް ފެޑެރާ ތަށި ޔަގީން ކޮށްދިނީ ޓައި ބްރޭކާ 11-9 އަކުން ކާމިޔާބު ކޮށްގެންނެވެ.
World domination: #TeamEurope haven't yet won a point in the second set. #TeamWorld now 7-6(5) 3-0. pic.twitter.com/dSxyj9RiLk
— Laver Cup (@LaverCup) September 24, 2017
ގޮލްފްގެ ރައިޑާ ކަޕްގެ ފޯމެޓާ އެއްގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފެޑެރާ ބުނެފައިވަނީ މި މުބާރާތަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާއެކު އެއް ޓީމަކަށް ކުޅެން ފުރުސަތު ލިބުމަކީ އޭނާއަށް ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ލޭވާ ކަޕް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު މި މުބާރާތުގެ ދެވަނަ ދުވަހުގައި ނަދާލްއާ ފެޑެރާވަނީ ފުރަތަމަ ފަހަރަށް ޑަބަލްސް ޕެއާއެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ފެޑެރާ ބުނެފައިވަނީ އެ މެޗަކީ ދުވަހަކުވެސް ހަދާނުން ފިލައިގެން ނުދާނެ މެޗެއް ކަމަށާއި އެއީ ވަރަށް ތާރީހީ މެޗެއް ކަމަށެވެ. ހަމައެހެންމެ ނަދާލް ބުނެފައިވަނީ އެއީ އޭނާ ދެކުނު ހުވަފެނެއް ކަމަށާއި އެކަން ހަގީގަތަކަށް ވުމުން އެއީ އޭނައަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
Congratulations to #TeamEurope for claiming the inaugural #LaverCup #GClass pic.twitter.com/VQHrjiEkSL
— Laver Cup (@LaverCup) September 24, 2017
ލޭވާ ކަޕަކީ އޭޓީޕީ ވޯލްޑް ޓުއާގައި ނުހިމެނޭ މުބާރާތަކަށް ވިޔަސް އަންނަ އަހަރުވެސް މި މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވެއެވެ. އަންނަ އަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ޗިކާގޯގައެވެ.