މިޔަންމާ ސިފައިންނާއި ބުޑިސްޓުންގެ ހައްދުފަހަނަ އަޅާފައިވާ މީހުންގެ ނުބައި ކަމުން ސަލާމަތް ވުމަށް ބަންގްލަދޭޝް އަށް އައިސް ތިބި ރޮހިންޖާ ރެފިއުޖީންނަށް ފޯނުގެ ޚިދުމަތް ދިނުން ބަންގްލަދޭޝްގެ ސަރުކާރުން އާދިއްތަ ދުވަހު މަނާކޮށް ޓެލެކޮމް ޚިދުމަތްދޭ ކުންފުނިތަކަށް އެކަން އަންގައިފިއެވެ.
ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނެފައިވަނީ މިއީ ސަލާމަތީ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
ބަންގްލަދޭޝްގައި މިހާރު ތިބި ހަތަރު ލައްކަ އަށް ވުރެ ގިނަ ރެފިއުޖީންގެ ތެރޭގައި ހިމެނޭ މީހަކަށް ފޯނުގެ ޚިދުމަތް ދީފިނަމަ ޖުރިމަނާ ކުރާނެ ކަމަށްވެސް ބަންގްލަދޭޝް ސަރުކާރުން ވަނީ އަންގާފައެވެ.
"މި ވަގުތައް އެމީހުންނަކަށް ސިމް ކާޑެއް ނުގަނެވޭނެ" ބަންގްލަދޭޝްގެ ޓެލެކޮމް މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމަށްވާ އީނަތު ހުސެއިން، އޭއެފްޕީއަށް ދިން އިންޓަވިއު އެއްގައި ބުނެފައިވެއެވެ.
ބަންގްލަދޭޝް އިން ބުނެފައިވަނީ މިހާރުވެސް އައިޑެންޓިޓީ ކާޑު ނެތް ބަންގްލަދޭޝް މީހުންނަށް ސިމް ކާޑު ވިއްކުމަކީ އެ ގައުމުގައި މަނާ ކޮށްފައިވާ ކަމެއް ކަމަށެވެ.
ބަންގްލަދޭޝް އިން ބުނެފައިވަނީ، ރެފިއުޖީންނަށް ބަޔޯމެޓްރިކް އައިޑީކާޑު ހަދައި ދެވުމުން ރެފިއުޖީންނަށްވެސް ސިމްކާޑު ގަނެވޭނެ ކަމަށެވެ. ނަމަވެސް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ބުނަނީ އެކަމަށް ހަމަސް ދުވަސްވަރު ނަގާނެ ކަމަށެވެ.
ބަންގްލަދޭޝް މިޔަންމާ ބޯޑަރު ސަރަހައްދުގައި ކަނޑައަޅާފައިވާ ކޭމްޕް ސަރަހައްދުން ބޭރަށް ރޮހިންޖާ ރެފިއުޖީންނަށް ދިއުންވެސް އޮންނަނީ މަނާކޮށްފައެވެ. އަދި ބަންގްލަދޭޝްގެ ސިފައިންނާ ފުލުހުން ގުޅިގެން ޗެކް ޕޯސްޓްތައް ހަދާ ސަރަހައްދުން ނުކުންނަ މީހުން އަނބުރާ ކޭމްޕް ސަރަހައްދަށް ފޮނުވާލުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.
ރެފިއުޖީ ކޭމްޕްގައި އެތައް ބަޔަކު އެއްވެސް ވަރެއްގެ ބޯހިޔާވަހި ކަމެއް ނެތި ތިބެން ޖެހުމުގެ އިތުރުން ކާނާއާއި ބޯފެނުގެ ދަތިކަންވެސް ރެފިއުޖީންނަށް އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ.