ނުރައްކާތެރި ޙަމަލާތައްދީ މީހުން ގަތުލުކުރުން ރާއްޖޭގައި ދުވަހަކު ވެސް ނުދާ މިންވަރަށް ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރު އައިފަހުން މައްޗަށް ގޮސް، މުޖުތަމައުގައި ރައްކާތެރިކަން ޤާއިމުކުރުމަށް ނުކުޅެދިފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
އާދިއްތަ ދުވަހު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޮނިހިރު ދުވަހުގެރޭ ދިން ހަމަލާގައި ޒުވާނެއްގެ ފުރާނަ ދުއްވާލާފައިވާ ކަމަށެވެ. އަދި މިއީ ރައީސް ޔާމިންގެ ސަރުކާރު އައިފަހުން އެކިއެކި ޙަމަލާތަކުން މަރާލެވުނު 26 ވަނަ މީހާކަމަށްވެސް ބަޔާނުގައި ވެއެވެ.
މި ފަދަ ގިނަ ޤަތުލުތައް ހިންގާފައި ވަނީ ޢާންމު ތަންތާނގައި މީހުންގެ ލޯކުރިމަތީގައިކަމަށް ވެފައި، މައްސަލައެއް ސާބިތު ކުރުމަށް ލިބޭނޭ އެންމެ ހަރުދަނާ ހެއްކާއި ޤަރީނާތައް ލިބިދެވޭ ގޮތް ވީ ނަމަވެސް، އެފަދަ މައްސަލަތަކުގައި އިންސާފު ޤާއިމުކުރުމުގައި މުޅި ދައުލަތް ނުކުޅެދިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މީހުން ޤަތުލުކުރުމުގެ ޖަރީމާތައް ހިންގުން މިދަރަޖައަށް ޢާންމުވެ، ފުޅާވެގެން ގޮސްފައިވަނީ ރައީސް ޔާމިންގެ ސަރުކާރުގެ ފަސާދަވެރިކަމުގެ ސަބަބުން ނުރައްކާތެރި މުޖުރިމުންނަށް ހިމާޔަތް ލިބިގެންވާކަން އެ މުޖުރިމުންނަށް ޔަޤީންވާތީކަމުގައި ބަޔާނުގައި ވަނީ ބުނެފައެވެ.
ހަމަ އެފަދައިން ދިފާއީ ޚިދުމަތްތަކާއި ޕްރޮސެކިއުޓަރ ޖެނެރަލް އާއި ކޯޓުތަކާއި އަދި މުޅި ޖިނާޢީ ޢަދުލުގެ ނިޒާމުގެ ބޭނުން ސިޔާސީ ކަންކަން ޙާޞިލު ކުރުމަށް ނަހަމަ ގޮތުގައި ބޭނުން ހިފައި، އެކަމަށް ހުރިހާ ވަސީލަތްތަކާއި ވަގުތުތަކެއް ދުއްވާލުމުގެ ސަބަބުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭންޖެހޭ އަހަމިއްޔަތުކަން މުވައްސަސާތަކުގެ ނަޒަރުގައި ކުޑަވެފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭންޖެހޭ އަހަމިއްޔަތުކަން މުވައްސަސާތަކުގެ ނަޒަރުގައި ކުޑަވެފައިވާކަމުގެ އެއް ހެއްކަކީ،. މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު މަރާލާފައި ވަނީ ތަކުރާރުކޮށް އޭނާއަށް މަރުގެ އިންޒާރު ދީފައިވަނިކޮށް، ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށް، އެ މައްސަލަ ބެލުމަށް ފުލުހުން އިހުމާލުވެ ޔާމީންއަށް ރައްކާތެރިން ފޯރުކޮށް ނުދެވި ވަނިކޮށް ކަމަށެވެ. އަދި ނޫސްވެރިޔާ އަޙްމަދު ރިޟްވާނު ވަގަށް ނެގި މައްސަލައިގައި، ހުރިހާ ހެއްކެއް ލިބިފައިވީ ނަމަވެސް އެއްވެސް މީހަކު ހައްޔަރުގައި ބެހެއްޓޭނެ ގޮތެއް ނުވެ ދޫކޮށްލެވިފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނަ ރައްކާތެރިކޮށްދިނުމާއި، މުޖުތަމައުގެ ސަލާމަތްތެރިކަން ޤާއިމުކޮށްދިނުމަށް ރައީސް ޔާމިންގެ ސަރުކާރު ނުކުޅެދިފައިވުމުން، މި ސަރުކާރު ބަދަލުކޮށްގެން ނޫނީ ނުރައްކަލުން ސަލާމަތް ނުވެވޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މިއީ ރާއްޖޭގައި މީހުން މެރުމުގެ ޖަރީމާތައް ހިންގުމުގެ ރެކޯޑު އަދަދެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.