ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންތައްތައް އިސްލާހު ކުރުމުގެ މަސައްކަތް ފެށުމާއެކު 56 ގާނޫނީ ވަކީލުން ސަސްޕެންޑް ކުރުމުން ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓޭޝަނާ (ޑީޖީއޭ) ދެކޮޅަށް ބައެއް ވަކީލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އާދިއްތަ ދުވަހު ހުށަހަޅާފައިވާ މި މައްސަލާގައި ވަކީލުން އެދިފައިވަނީ ޑީޖޭއޭ އަކީ ވަކީލުން ސަސްޕެންޑު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.
ހަތް ވަކީލުން މައްސަލަ ހުށަހަޅާފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވަކީލުން ވެސް މައްސަލަ ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމް ބޭނުން ކުރަމުން ދަނީ ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ގެންގުޅޭ "ޓޫލް" އެއްގެ ގޮތުގައި ކަމަށް ބުނެ ސަސްޕެންޑް ކޮށްފައިވާ ހުރިހާ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލާފައެވެ.
ޝަރުއީ ދާއިރާގައި އިސްލާހު ކުރަންޖެހޭ ކަންތައްތައް ބަޔާންކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން އުޅުމުން 56 ވަކީލަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެ ވަކީލުންތައް ސަސްޕެންޑް ކުރިއިރު، އިތުރު ދެ ވަކީލުން ސަސްޕެންޑް ކޮށްފައި ތިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން 13 ވަކީލަކަށް މި މަހު 18 ގައި ވަނީ އަލުން ހުއްދަ ދީފަ އެވެ.