ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 10:16
ބާސެލޯނެ ކުޅުންތެރިން އުފާފާޅު ކުރަނީ
ބާސެލޯނެ ކުޅުންތެރިން އުފާފާޅު ކުރަނީ
ގޫގުލް
ކުޅިވަރު
ސްޕެނިޝް ލަލީގާ: ވިދިވިދިގެން 6 ވަނަ މެޗުންވެސް ބާސެލޯނާ މޮޅުވެއްޖެ
ރޭގެ މެޗުގައި ބާސާއިން ކާމިޔާބު ކުރި 3 ގޯލުގެ ތެރެއިން 2 ގޯލަކީ ޖިރޮނާގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަތް ދެގޯލު

ސްޕެނިޝް ލަލީގާގައި ރޭ ޖިރޮނާ އަތުން މޮޅުވެ ބާސެލޯނާ ލީގުގައި ވިދިވިދިގެން މޮޅުވަމުން އަންނަ މެޗުތަކުގެ އަދަދު ހަޔަކަށް އިތުރުކޮށްފި އެވެ.

ބާސެލޯނާ މި މެޗުން މޮޅުވެފައިވަނީ ޖިރޮނާގެ މައްޗަށް 0-3 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.

މި މޮޅާއެކު ބާސާ ލީގުގެ އެއްވަނައިގައި މިހާރު އޮތީ 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 14 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ތިންވަނައިގައި 13 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ. އަދި 11 ޕޮއިންޓާއެކު ލީގުގެ ހަތަރުވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

ޖިރޮނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 17 ވަނަ މިނެޓްގައެވެ. މި ގޯލަކީ ޖިރޮނާގެ ބެނީޓޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެކުރިން ވެސް ބާސާއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

އެއް ގޯލުގެ ލީޑަކާއި އެކު ބާސާއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހުހާފުގެ 48 ވަނަ މިނެޓުގައި ބާސާއިން ކާމިޔާބުކުރި އެޓީމުގެ ދެވަނަ ގޯލަކީ ވެސް ޖިރޮނާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެހެން ނަމަވެސް ބާސާގެ ތިންވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. މިއީ މި ސީޒަނުގައި ސުއަރޭޒް ކާމިޔާބުކުރި ދެވަނަ ގޯލެވެ.

ރޭގެ މެޗުން ބާސާ މޮޅުވިއިރު އެޓީމާ އެންމެ ވާދަވެރި ރެއާލް މެޑްރިޑް ވެސް ރޭ ވަނީ ރަށުން ބޭރުގައި އަލަވޭސްއާ ބައްދަލުކޮށް 1-2 އިންނެވެ. މި މެޗުގައި ރެއާލްގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ޑެނީ ސެބަލޯސްއެވެ.

މީގެއިތުރުން ލީގުގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ވެސް ރޭ ވަނީ ސެވިއްޔާގެ މައްޗަށް 0-2 އިން ކުރި ހޯދާފައެވެ. އަދި މަލާގާ އަދި އެތްލެޓިކޯ ކުލަބު ބައްދަލުކުރި މެޗު ވަނީ 3-3 އިން އެއްވަރުވެފައެވެ.

 

- ކޮމެންޓް