ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 08:51
ޓީސީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ
ޓީސީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ
މުހައްމަދު ޝަރުހާން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ގްރީން ބަލިކޮށް ޓީސީ އަށް ފުރަތަމަ ބުރުން ތިންވަނަ
ގްރީން އަތުން ޓީސީ މޮޅުވީ 1-3 ގެ ނަތީޖާއަކުން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ތިންވަނައިގައި އޮވެ ޓީސީ ސްޕޯޓްސް ކްލަބު ފުރަތަމަ ބުރު ނިންމާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ގްރީންއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކޮށްފައިވަނީ ފުރަތަމަ ހާފްގައި ޓީސީ އެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓީސީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން 58 ވަނަ މިނެޓުގައި ޓީސީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ.

މި ލަނޑު ޖެހިތާ މިނެޓެއް ފަހުން ޓީސީގެ ބިދޭސީ ކުޅުންތެރިޔާ އީސާ އަލް މަބްރީ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ގްރީންގެ ކީޕަރު ކުރިއަށް އެރުމުން އޭރިޔާ ބޭރުން އެއްފަހަރުން ފޮނުވާލައިގެންނެވެ.

ޓީސީގެ ތިންވަނަ ލަނޑު 62 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޓެވާޓް އެވެ. މެޗުގެ 75 ވަނަ މިނެޓުގައި ގްރީން އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ އަހުމަދު ނިޒާމް އެވެ.

މި ނަތީޖާއާއެކު ޓީސީ ވަނީ 16 ޕޮއިންޓް ހަމަކޮށް، ދެވަނައިގައި އޮތް މާޒިޔާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދާފައެވެ. އެހެން ނަމަވެސް އެޓީމު ތިންވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އެއްވަނައިގައި 18 ޕޮއިންޓާއެކު އޮތީ ނިއުރޭޑިއަންޓް އެވެ. ހަތަރުވަނައިގައި ގްރީން އޮތީ 12 ޕޮއިންޓާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް