ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 13:48
ބަޔާންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު
ބަޔާންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު
ގޫގުލް
ބުންޑަސްލީގާ
ބުންޑަސްލީގާ: އެއްވަރުވެ ބަޔާންއަށް ނުތަނަވަސްކަން
ވޮލްފްސްބާގައި ދެކޮޅަށް ބަޔާންއިން ކުޅުނު މެޗު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުން
ބުންޑެސްލީގާގެ ދެވަނަ ބަޔާންއަށް ލިބިފައިވަނީ ކުޅުނު 6 މެޗުން ލިބުނު 13 ޕޮއިންޓާއެކު

ބުންޑަސްލީގާގައި ވޮލްފްސްބާގާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ ބަޔާން މިއުނިކަށް އިތުރު ގޮންޖެހެންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވޮލްފްސްބާގާއި ދެކޮޅަށް ބަޔާންއިން ކުޅުނު މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ އެގާރައިގައި މޮޅު ކުޅުންތެރިންތަކެއް ހިމަނައިގެން މި މެޗަށް ނުކުތް ބަޔާންއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ އެ ޓީމުންނެވެ. މި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއެވެ. ބަޔާންއިންވަނީ އޭގެ ނުވަ މިނެޓު ފަހުން އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާޔެން ރޮބެންއެވެ.

ފުރަތަމަ ހާފު ނިމިފައި ވަނީ 2-0 އަކުން ވޮލްފްސްބާގުގެ މައްޗަށް ބަޔާން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގައި ވޮލްފްސްބާގުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ބަޔާންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަވެގެންދިޔައީ 56 ވަނަ މިނިޓެގައި މެކްސިމިލިއަން އާނޯލްޑް ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ވޮލްފްސްބާގުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 83 ވަނަ މިނިޓެގައި ބެންޗުން ކުޅެންއެރި ޑެނިއެލް ޑިޑާވީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ރޮބެން ކާމިޔާބުކުރި ލަނޑާއެކު އޭނާވަނީ ބަޔާންއަށް ބުންޑެސްލީގާގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ބިދޭސީ ކުޅުންތެރިޔާގެ ރެކޯޑާ ހަމަހަމަކޮށްފައެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން ބަޔާންގެ ދަނޑުގައި ވޮލްފްސްބާގްއިން ޕޮއިންޓެއް ހޯދި ފުރަތަމަ ފަހަރެވެ. އަދި މި މެޗުގައި ބަޔާންގެ ކީޕަރު ސްވެން އުލްރިޗް ކޮޅަށް ވަން ލަނޑަކީ އޭނާގެ ކޮޅަށް މިހާތަނަށް ހިލޭ ޖެހުމަކުން ވަން 10 ވަނަ ލަނޑެވެ.

މި މެޗު އެއްވަރުވުމާ ވިދިގެން ބަޔާންއަށް ވަނީ ބުންޑެސްލީގާގެ އެއްވަނަ ގެއްލިފައެވެ. އެގޮތުން ބުންޑެސްލީގާގެ ދެވަނަ އެ ޓީމަށް ލިބެނީ ކުޅުނު 6 މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ވޮލްފްސްބާގް އޮތީ ކުޅުނު 6 މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް