ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 12:10
މުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން
މުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން
ގޫގުލް
ލޭވާ ކަޕް
ލޭވާ ކަޕް: ޓީމް ޔޫރަޕުން ލީޑު ނަގައިފި
ޓީމް ޔޫރަޕުން ވަނީ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފަ
ޓީމް ވޯލްޑަށް ކާމިޔާބު ކުރެވުނީ ހަމައެކަނި ޑަބަލްސް މެޗު
ފުރަތަމަ ދުވަހު ރޯޖާ ފެޑެރާ ކުޅެފައެެއް ނުވޭ

އަލަށް ތައާރަފް ކުރި ބައިނަލްލަގްވާމީ ޓެނިސް މުބާރާތެއް ކަމަށްވާ ލޭވާ ކަޕްގެ ފުރަތަމަ ދުވަހުގެ ކުޅުން ނިމުނުއިރު ޓީމް ޔޫރަޕުން ލީޑު ނަގައިފިއެވެ.
ޗެކް ރިޕަބްލިކްގެ ޕްރާގްގައި ކުރިއަށްދާ މި މުބާރާތުގައި ޓީމު ޔޫރަޕުން ލީޑު ނަގާފައިވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެންނެވެ.  އެގޮތުން މުޅި ޔޫރަޕުން ހޮވާލެވުނު އެންމެ މޮޅު ކުޅުންތެރިންގެ ޓީމުންވަނީ ސިންގަލްސްގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ދުނިޔޭގެ އެހެން ކަންކޮޅުތަކުން ހޮވާލެވުނު ކުޅުންތެރިންގެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ ހަމައެކަނި ޑަބަލްސް މެޗެވެ.

ސިންގަލްސްގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ މެރިން ސިލިޗްއާއި ފްރޭންސިސް ޓިއަފޯއެވެ. މި މެޗް ސީދާ ދެ ސެޓުން ކާމިޔާބު ކުރީ ޔޫރަޕުގެ ޓީމުގައި ހިމެނޭ މަރިން ސިލިޗްއެވެ. އޭނާ މި މެޗު ކާމިޔާބު ކުރީ 7-6 އަދި 7-6 އަކުން ސެޓުތަށް ގެންގޮސްގެންނެވެ.

މި މުބާރާތުގެ ސިންގަލްސް ދެވަނަ މެޗުގައި ޑޮމިނިކް ތިއެމްވަނީ ޖޯން އިސްނާއާ ދެކޮޅަށް ކުޅުނު މެޗު އެއް ސެޓު އެއް ސެޓުން އެއްވަރުވުމާ ވިދިގެން ކުޅުނު ޓައި ބްރޭކާރ ކާމިޔާބުކޮށް ޓީމް ޔޫރަޕަށް ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. ފުރަތަމަ ސެޓު 7-6 އަކުން އިސްނާ ގެންދިޔަ ނަމަވެސް ތިއެމްވަނީ ދެވަނަ ސެޓު 7-6 އަކުން ގެންގޮސް މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މެޗުގެ ނަތީޖާ ނެރެން ކުޅުނު ޓައިބްރޭކާ ތިއެމް ކާމިޔާބުކުރީ 10-7 އަކުންނެވެ.

ސިންގަލްސްގެ ތިންވަނަ މެޗުގައި ޔޫރަޕުގެ ޓީމުގެ އެލެކްޒެންޑާ ޒަވަރޭވްވަނީ 7-6 އަދި 7-6 އަކުން ޑެނިސް ޝަޕޮވަލޯވް ބަލިކޮށް ޔޫރަޕަށް މޮޅެއް ކަށަވަރު ކޮށްދީފައެވެ.

ޓީމް ވޯލްޑް އިން ކާމިޔާބު ކުރި ހަމައެކަނި މެޗު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިކް ކިރްގިއޯސްއާ ޖެކް ސޮކްގެ ޑަބަލްސް ޕެއާއިންނެވެ. އެގޮތުން މި ދެ ކުޅުންތެރިންވަނީ ރަފައޭލް ނަޑާލްއާ ތޯމަސް ބާޑިޗްގެ ޕެއާ ބަލިކޮށްފައެވެ. ފުރަތަމަ ސެޓު 6-3 އަކުން ޓީމް ވޯލްޑް ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓު 7-6 އަކުން ކާމިޔާބުކޮށް ޓީމް ޔޫރަޕުން ވަނީ މި މެޗު ޓައިބްރޭކާއަކަށް ގެންގޮސްފައެވެ. މެޗުގެ ނަތީޖާ ނެރެން ކުޅުނު ޓައިބްރޭކާ ޓީމް ވޯލްޑްއިން ކާމިޔާބުކުރީ 10-7 އަކުންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ލިބިގެންދާނީ އެންމެ ފުރަތަމަ 12 ޕޮއިންޓް ހަމަކުރާ ޓީމަކަށެވެ. ޓީމް ޔޫރަޕުން ވަނީ މިހާރު ތިން ޕޮއިންޓް އެއް ޕޮއިންޓްގެ ލީޑެއް ޓީމް ވޯލްޑްގެ މައްޗަށް ނަގާފައެވެ. މި މުބާރާތުގެ ދެވަނަ ދުވަހުގައި ރޯޖާ ފެޑެރާގެ ކުޅުން ފެނިގެން ދާނެއެވެ.

- ކޮމެންޓް