އިނގިރޭސިވިލާތް އީޔޫއިން ވަކިވި ކަމަށް ވިޔަސް މިހާރު ހުރި އެއްބަސްވުންތަކުގެ ދަށުން ވިޔަފާރި ކުރުމަށް އިންތިގާލީ ދެ އަހަރު ދޭން ޖެހޭނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.
އީޔޫގެ ގައުމުތަކުން އިނގިރޭސިވިލާތަށް ގޮސްގެން މަސައްކަތްކުރާ ފަރާތްތަކަށްވެސް އެ ހުށަހެޅުމުގެ ދަށުން އެ ގައުމުގައި މަސައްކަތް ކުރެވޭއިރު ވަކި އިދާރާއެއްގައި ރަޖިސްޓްރީ ވާންޖެހެއެވެ.އަދި އިނގިރޭސިވިލާތުން އީޔޫގެ ބަޖެޓަށް ފައިސާދޭނެ ކަމަަށް ބުނެފައިވާއިރު އެ ކަމުގެ ސަބަބުން އީޔޫގެ ބަޖެޓް ހުސްވެގެން ނުދާނެއެވެ.
އެކަމަނާ ގަބޫލް ކުރައްވާގޮތުގައި އިޓަލީގައި ދެއްވި ތަގުރީރުގައި ވިދާޅުވި ވާހަކަފުޅުތަކާއެކު އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމާ ބެހޭ މަޝްވަރާތައް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް އަންނާނެއެވެ.
އީޔޫގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހުންނަނަވާ މައިކަލް ބާނިއަރ ސިފަކުރެއްވިގޮތުގައި އެ ތަގުރީރަކީ ބިނާކުރަނިވި އަދި ކުރިޔަށް ވަޑައިިގެންނެވުމަށް ބޮޑުވަޒީރު ހުންނެވިކަން ދައްކުވައިދޭ ކަމެއްކަމަށެވެ.
ބޮޑުވަޒީރު މޭ ވަނީ "އާ ސެކިއުރިޓީ އެއްބަސްވުމެއްވެސް ހުށަހަޅުއްވާފައެވެ. އަދި އީޔޫގެ އެންމެ ވަރުގަދަބައިވެރިޔާ އަދި އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އެ ގައުމު އޮންނާނެކަމަށް މޭ ވަނީ ވިދާޅުވެފައެވެ.
އެކަމަނާ ވަނީ ވިޔަފާރީގައި މިހާރު ހުރި މޮޑެލްތަކާއެކު ދެފަރާތައް އެތައްކަމެއް ކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ.
"މިހާރު ނެތް އިތުރު ފީއެއް ނެގުމުގެ ބޭނުމެއް ނެތް"ބޮޑުވަޒީރު ވިދާޅުވިއެވެ. 2019 ވަނަ އަހަރުގެ މާޗް މަހު އީޔޫއިން ވަކިވުމަަށް ފަހު އިނގިރޭސި ވިލާތުން އީޔޫއަށް ދޭނީ ކިހާވަރެއްގެ މާލީއެހީއެއް ކަމެއް އެކަމަނާ ވިދާޅު ނުވި ނަމަވެސް ލަފާކުރެވިފައިވާ ގޮތުގައި 20 ބިލިއަން ޔޫރޯ ދޭނެއެވެ.
މިދިޔަ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އިނގިރޭސި ވިލާތުގައި ނެގި ފެންނަ ނުފެންނަ ވޯޓްގައި 51.9 އިންސައްތަ ރައްޔިތުން ވޯޓްދީފައިވަނީ އެ ގައުމު ވިލާތުގެ އިއްތިހާދުން ވަކިވުމަށެވެ.