ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 19:29
ތިނަދޫ އަތުން ނިއު މޮޅުވީ 1-2 ގެ ނަތީޖާއަކުން
ތިނަދޫ އަތުން ނިއު މޮޅުވީ 1-2 ގެ ނަތީޖާއަކުން
މުހައްމަދު ޝަރުހާން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ތިނަދޫ ބަލިކޮށް ނިއު ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި
ތިނަދޫ އަތުން ނިއު މޮޅުވީ 1-2 ގެ ނަތީޖާއަކުން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ.ތިނަދޫ ބަލިކޮށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ޕޮއިންޓް ތާވަލުގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗު ތިނަދޫއާ ވާދަކޮށް ނިއު އިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ނިއުއެވެ. އެގޮތުން އެޓީމުން ވަނީ ތިނަދޫގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނިއުއެވެ. މި ލަނޑު 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ މިޑްފިލްޑަރު ކަންޑޭލާއެވެ. މި ލަނޑަށްފަހުވެސް ނިއު އިން ދިޔައީ ތިނަދޫގެ ހާފަށް ބާރުބޮޑުކުރަމުންނެވެ.

އެހެންނަމަވެސް ތިނަދޫ އިން ވަނީ ކައުންޓާގައި ނިއުގެ ގޯލަށް ނުރައްކާކޮށްފައެވެ. ތިނަދޫ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 37 ވަނަ މިނެޓުގައި ސިއަޑޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ތިނަދޫގެ އަހުމަދު ނިޔާޒް (ނިޔާ) ނަގައިދިން ހުރަހަކުން އެއްފަހަރުން ބޮލުން ކުރިޔަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ނިއު އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، އެޓޭކްތައްވެސް ގިނަކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ދެވަނަ ހާފްގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނިއު އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ 69 ވަނަ މިނެޓުގައި އެޑްރިއަން ގަލާޑޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) ދިން ޕާހަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ގަލާޑޯ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ތިނަދޫގެ ކޯޗު ހުއާން މެނުއެލް ބުނީ ކުޅުންތެރިން ފަރިތަކުރުންތަކަށް ނާންނަ މައްސަލަ ވަރަށް ބޮޑު ކަމަށާއި، ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނީ ޓީމާއެކު ފަރިތަކޮށް ފުރަތަމަ އެގާރައަށް އަރަން މަސައްކަތްކުރާ ކުޅުންތެރިންނަށް ކަމަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނިއުގެ ކޯޗު އޮސްކާ ބްރޯޒް ބުނީ އެޓީމަށް ޑިފެންސްގެ މައްސަލަ ދިމާވެފައިވާ ކަމަށާއި، އެ މައްސަލަ މެޗުން ފެނުނު ކަމަށެވެ. އޭނާ ބުނީ ތިނަދޫ ފަދަ ޓީމެއް އަތުން މޮޅުވުމުން އުފާވާ ކަމަށާއި، އެޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް