މުޅިން އަލަށް ތައާރަފްކުރާ ބައިނަލްލަގްވާމީ ޓެނިސް މުބާރާތެއް ކަމަށްވާ ލޭވާ ކަޕް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޗެކް ރިޕަބްލިކްގެ ޕްރާގްގައި ހުންނަ އޯޓޫ އެރީނާގެ އިންޑޯ ކޯޓުގައި ކުރިޔަށްދާ މި މުބާރާތުގައި ޓެނިސްގެ ދުނިޔޭގެ އެންމެ ވަރުގަދަ ތަރިން ވާދަކުރާނެއެވެ. މި މުބާރާތް އެކުލެވިގެން ވަނީ ޔޫރަޕުން ހޮވާލެވޭ އެންމެ މޮޅު ކުޅުންތެރިންގެ ޓީމަކާއި ދުނިޔޭގެ އެހެން ބައްރުތަކުން ހޮވާލެވޭ އެންމެ މޮޅު ކުޅުންތެރިންގެ ޓީމެއްގެ މެދުގައި ކުޅެވޭ މެޗުތަކަށެވެ. މި މުބާރާތަށް ނަންދެވިފައި ވަނީ އޮސްޓްރޭލިއާގެ ޓެނިސް ލެޖެންޑެއް ކަމަށްވާ ރޮޑް ލޭވާއަށް ނިސްބަތްކޮށެވެ.
ޔޫރަޕުގެ ޓީމުގައި ދުނިޔޭގެ ރޭންކިންގެ ގަދަ 10 އެއްގައި ހިމެނޭ ފަސް ކުޅުންތެރިޔަކު ހިމެނެއެވެ. އެގޮތުން ޓެނިސްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ދެ ކުޅުންތެރިން ކަމަށްވާ ރޯޖާ ފެޑެރާ އާއި ރަފައޭލް ނަޑާލްގެ އިތުރުން އެލެކްސެންޑާ ޒަވަރޭވް އަދި މަރިން ސިލިޗް މި ޓީމުގައި ހިމެނެއެވެ. ޔޫރަޕުގެ ޓީމާ އިދިކޮޅަށް ނުކުންނަ ޓީމުން އެންމެ ފާހަގަކުރެވެނީ އެމެރިކާގެ ޖޯން އިސްނާއާ ސޭމް ކުއެރީ އަދި އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްގެ އިތުރުން ޑެނިސް ޝަޕޮވަލޯވްއެވެ.
މި މުބާރާތުގެ ފޯމެޓް އޮންނަ ގޮތުން ޖުމްލަ 12 މެޗު ކުޅެވިގެން ދާނެއެވެ. އެގޮތުން ތިން ދުވަހަށް މުބާރާތް ކުރިޔަށް ދާއިރު ސިންގަލްސްގެ ނުވަ މެޗާއި ޑަބަލްސްގެ ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ޔޫރަޕުގެ ޓީމުގެ ކޯޗުކަން ކުރާނީ ސުވިޑެންގެ ބިޔޯން ބޯގްއެވެ. އަދި ދުނިޔޭގެ ޓީމުގެ ކޯޗުކަން ކުރާނީ އެމެރިކާގެ ޖޯން މެކިންރޯއެވެ.
މިއީ މި މުބާރާތް ކުރިޔަށް ގެންދާ ފުރަތަމަ ފަހަރަށް ވިޔަސް މި މުބާރާތަކީ ގަވާއިދުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެއް ކަމަށް މި މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
މި މުބާރާތުގައި ވާދަކުރާ ހުރިހާ ކުޅުންތެރިން ވެސް މިހާރު ޕްރާގަށް ގޮސްފައިވާއިރު މި މުބާރާތް ވެގެންދާނީ ނަޑާލް އާއި ފެޑެރާ އެއް ޓީމަކުން ފެނިގެންދާނެ ފުރަތަމަ މުބާރާތަށެވެ.