ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 15:28
ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
މެންޗެސްޓާ ޔުނައިޓެޑް
ޔުނައިޓެޑަށް ރިކޯޑު އާމްދަނީއެއް
މިދިޔަ ސީޒަނުގައި އެ ކްލަބަށް 581.2 މިލިއަން ޕައުންޑްގެ އާމްދަނީއެއް ވަނީ ލިބިފަ
މިއީ އޭގެ ކުރީގެ ސީޒަނާ އަޅާބަލާއިރު 60 މިލިއަން ޕައުންޑަށްވުރެ އިތުރު އަދަދެއް
ޔުނައިޓެޑުގެ ޙަރަދުތައް ވެސް ވަނީ މިދިޔަ ސީޒަނުގައި 13 އިންސައްތަ އިތުރުވެފައި

މިދިޔަ ސީޒަނުގައި ރިކޯޑު އަދަދަކަށް އާމްދަނީ ލިބިފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ހާމަކޮށްފިއެވެ.

އެ ކްލަބްގެ އެގްޒެކްޓިވް ޗެއާމަން އެޑް ވުޑްވާޑް މީޑިއާއަށް ހާމަކުރި ގޮތުގައި މިދިޔަ ސީޒަނުގައި އެ ކްލަބަށް 581.2 މިލިއަން ޕައުންޑްގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީގެ ސީޒަނާ އަޅާބަލާއިރު 60 މިލިއަން ޕައުންޑަށް ވުރެ އިތުރު އަދަދެކެވެ.

ހޯސޭ މޯރީނިއޯގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނަށް ނުކުތް ޔުނައިޓެޑުގެ އާމްދަނީ އިތުރުވި އެންމެ ބޮޑު އެއް ސަބަބަކީ މިދިޔަ ސީޒަނުގައި އެ ކްލަބުން ހޯދި ކާމިޔާބީތަކެވެ. އެގޮތުން އެ ކްލަބްއިން ވަނީ މިދިޔަ ސީޒަނުގައި ކޮމިއުނިޓީ ޝީލްޑާއި އިނގިރޭސި ލީގު ކަޕްގެ އިތުރުން ޔުއެފާ ޔުރޯޕާ ލީގު ކާމިޔާބުކޮށްފައެވެ.

ހަމައެހެންމެ ޕްރިމިއާ ލީގުން ސްކައި ސްޕޯޓްސް އަދި ބީޓީ ސްޕޯޓްސްއާ ދެމެދު ގާއިމުކުރި 5.1 ބިލިއަން ޕައުންޑްގެ ބްރޯޑްކާސްޓް ކުރުމުގެ އެއްބަސްވުމުގެ ސަބަބުން ޔުނައިޓެޑަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން ޔުނައިޓެޑްގެ މެޗުތައް ޓީވީ މެދުވެރިކޮށް ބްރޯޑްކާސްޓް ކޮށްގެން އެ ޓީމަށްވަނީ 194 މިލިއަން ޕައުންޑް ލިބިފައެވެ. މިއީ އޭގެ ކުރީ ސީޒަނާ އަޅާކިޔާއިރު 38 އިންސައްތައިގެ ކުރިއެރުމެކެވެ.

ޔުނައިޓެޑުގެ ޙަރަދުތައް ވެސް ވަނީ މިދިޔަ ސީޒަނުގައި 13 އިންސައްތަ އިތުރުވެފައެވެ. ބެލެވޭ ގޮތުގައި އެ ޓީމުގެ ހަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ އާ ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމަށް ޕައުލް ޕޮގްބާ އާއި ހެންރިކް މިހްތަރިޔަންގެ އިތުރުން ލާޓަން އިބްރަހިމޮވިޗް ފަދަ ތަރިން ގެނައުމުގެ ސަބަބުންނެވެ. އެ ޓީމުގެ ހަރަދުތައް ވަނީ 263 މިލިއަން ޕައުންޑަށް އުފުލިފައެވެ.

ވުޑްވާޑް ހާމަކުރިގޮތުގައި މިވަރުގެ ބޮޑު އާމްދަނީއެއް ލިބުމުން ހާމަކޮށްދިނީ އެ ކްލަބްގެ ސްކޮޑް ރަނގަޅުކުރުމަށް މެނޭޖްމަންޓުގެ ފަރާތުން ކުރި އިންވެސްޓްމެންޓް ކާމިޔާބުވެފައިވުން ކަމަށާއި މި ސީޒަނުގައި ވެސް އިތުރު ކާމިޔާބު ލިބުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން މިއަންނަ އަހަރަށް ލަފާކޮށްފައިވަނީ 575 މިލިއަން ޕައުންޑަށް ވުރެ އިތުރު އަދަދެއް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް