ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 10:50
ކޮސްޓާ އަދި ކޮންޓޭ
ކޮސްޓާ އަދި ކޮންޓޭ
ގޫގުލް
ކުޅިވަރު
ކޮންޓޭއާ މެދު އެއްވެސް ހިންހަމަ ނުޖެހުމެއް ނެއް ކަމަށް ކޮސްޓާ ބުނެފި
ކޮސްޓާ ވަނީ ޗެލްސީއަށް އެނބުރި އައުމަށް ދެކޮޅު ހަދާފަ

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ މެދު އެއްވެސް ހިއްހަމަ ނުޖެހުމެއް ނެތް ކަމަށް ތަޖުރިބާކާރު ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފިއެވެ.

ފާއިތުވި ތިން ސީޒަނުގައި ވެސް ޗެލްސީގައި މުހިއްމު ދައުރެއް އަދާކޮށް ގިނަ ލަނޑުތަކެއް ޖަހައިދީފައިވާ ކޮސްޓާ ބުރެޒިލްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ބުނީ ކޮންޓޭއާ މެދު އެއްވެސް އަދި އެހެން ފަރާތަކާ މެދުވެސް ހިންހަމަ ނުޖެހުމެއް އަދި ރުޅިވެރިކަމެއް ވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް ޗެލްސީއާ އަލުން ގުޅުމަކީ އޭނާ ކުރަން ބޭނުން ކަމެއް ނޫން ކަމަށް ކޮސްޓާ ވަނީ ބުނެފައެވެ.

ކޮސްޓާ މި ސީޒަނުގެ ޗެލްސީގެ ޕްލޭންތަކުގައި ނުހިމެނޭކަން އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ މެސެޖަކުން ކޮސްޓާއަށް އަންގާފައެވެ.

ކޮންޓޭގެ މި މެސެޖާއެކު ކޮސްޓާ ވަނީ އޭނާގެ ކުރީގެ ކްލަބު އެޓްލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމައި އެކަން ރަސްމީކޮށް ޗެލްސީއަށް އަންގާފައެވެ.

"އެއްވެސް މީހަކާ މެދު ރުޅިވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް ވެސް ނެތް. ހުރިހާ ކަމެއް ވެސް މިހާރު ވަރަށް ކޫލް. އެހެން ނަމަވެސް ޗެލްސީއަށް އެނބުރި ދިއުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން،" ކޮސްޓާ ބުންޏެވެ.

އެގޮތުން ރޭގެ ވަގުތެއްގައި ޗެލްސީން ވަނީ ކޮސްޓާ ދޫކޮށްލުމަށް ފަހު އެޓްލެޓިކޯއާ އެކު އެއްބަސްވުމަކަށް އައިސްފައިވާކަން އިއުލާންކޮށްފައެވެ. އަދި ކޮސްޓާ އެޓްލެޓިކޯއަށް ބަދަލުވަނީ 60 ނޫނީ 70 މިލިއަން ޕައުންޑަށް ކަމަށް ރިޕޯޓްތަށް ބުނެފައިވެއެވެ.

ނަމަވެސް ފީފާއިން އެޓްލެޓިކޯއަށް ދީފައިވާ އަދަބެއްގެ ސަބަބުން ކޮސްޓާއަށް އެ ކްލަބަށް ރަސްމީކޮށް ބަދަލުވެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ޗެލްސީއާ 2014  ވަނަ އަހަރު ގުޅުނު ކޮސްޓާ ވަނީ މިދިޔަ ސީޒަނުގައި، އެ ކްލަބަށް 22 ގޯލު ކާމިޔާބުކޮށްދީ، ޕްރިމިއަރ ލީގު އެ ކްލަބަށް ހޯދައިދިނުމުގައި، މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮސްޓާ ވަނީ ޗެލްސީއާ އެކު ދެ ފަހަރެއްގެ މަތިން، ޕްރިމިއަރ ލީގު ކާމިޔާބުކޮށް، އިނގިރޭސި ލީގު ކަޕެއް ވެސް ކާމިޔާބުކޮށްފައެވެ.

ކޮސްޓާ ނެތްތަން ފޫބެއްދުމަށް، ޗެލްސީން ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އައި ޒުވާން ފޯވާޑް، އަލްވަރޯ މޮރާޓާ ގެނެސްފައެވެ.

 

- ކޮމެންޓް