ބާ ޖަނަރޭޓަރެއް ގެންދިއުމުން ށ. މަރޮށީ ރައްޔިތުން ރުޅިގަދަވެ، މުޒާހަރާކުރަން ފަށައިފި އެވެ.
މަރޮށީ ކައުންސަލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވި ގޮތުގައި ރައްޔިތުން ހިތްހަމަނުޖެހިގެން ބުރާސްފަތި ދުވަހުގެ ރޭ 7:30 ހާއިރުން ފެށިގެން މުޒާހަރާކުރަން ފަށާފައިވަނީ ހއ. އުތީމުން ބާ ޖަނަރޭޓަރެއް އެ ރަށަށް ގެންދިއުމުން ކަމަށެވެ. ބާ ޖަނަރޭޓަރު އެ ރަށަށް ގެނެސްފައިވަނީ ކަރަންޓުގެ މައްސަލަ ދިމާވާތީ، ވަގުތީ ހައްލަކަށް ކަމަށް ފެނަކަ ކޯޕަރޭޝަން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޒީޒް އިތުރަށް ވިދާޅުވީ މިހާރު އެ ރަށުގައި 24 ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް ދެމުންދަނީ 80 ކިލޯވޮޓްގެ ދެ ޖަނަރޭޓަރުން ކަމަށާއި ތެޔޮ ބަދަލުކުރުން ފަދަ މަސައްކަތެއް ކުރަން ޖެހިއްޖެނަމަ މުޅި ރަށުން ކަރަންޓުގެ މެދުކަނޑާލަން ޖެހޭނެ ކަމަށެވެ.
"ރައްޔިތުން މުޒާހަރާ ހުއްޓާލަން ތިބީ މިކަމަށް ހައްލެއް ލިބިގެން،" އަޒީޒު ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ އެ ރަށުގައި މިހާރު ހުރީ 80 ކިލޯވޮޓްގެ ތިން ޖަނަރޭޓަރު ކަމަށާއި އޭގެ ތެރެއިން 80 ކިލޯވޮޓްގެ ދެ ޖަނަރޭޓަރުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. މިހާރު އެ ރަށުގައި ބޭނުންކުރަމުންދަނީ 80 ކިލޯވޮޓްގެ އެއް ޖަނަރޭޓަރު ކަމަށް ޝަރީފު ވިދާޅުވިއެވެ.
ބައެއް ގަޑިތަކުގައި ޖަނަރޭޓަރުގެ ލޯޑް ބޮޑުވުމުގެ ސަބަބުން އެ ރަށުން ކަރަންޓު ކެނޑޭ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. މިކަން ހައްލުކުރުމަށްޓަކައި އެހެން ރަށެއްގައި ބޭނުންކޮށްފައިވާ 80 ކިލޯވޮޓްގެ އެއް ޖަނަރޭޓަރެއް ފޮނުވާފައިވާ ކަމަށާއި އެ ޖަނަރޭޓަރުގައި އެއްވެސް މައްސަލައެއް ނުޅޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މަރޮށީ ރައްޔިތުން އެ ޖަނަރޭޓަރު ބޭނުން ނުވާނަމަ ޖަނަރޭޓަރު އަނބުރާ ފޮނުވާލުމަށް ކައުންސިލަށް އަންގާފައިވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި މިހާރު މައްސަލަ ޖެހިފައިވާ 80 ކިލޯ ވޯޓްގެ ދެ ޖަނަރޭޓަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މަސައްކަތްކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މައްސަލަ ހައްލުކުރުމަށް ނަގާނެކަމަށް މުއްދަތެއް ނޭނގޭ ކަމަށް ޝަރީފު ވިދާލުވިއެވެ.
ނ. އަތޮޅު ޅޮއްސަށް ބާ ޖަނަރޭޓަރެއް ގެންދިޔަ މައްސަލައިގައި އެ ރަށުގެ ރައްޔިތުން ވެސް މި މަހުގެ ކުރީ ކޮޅު މުޒާހަރާކޮށްފައިވެ އެވެ.