ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 19:42
އެޓްލެޓިކޯ އަށް އަނެއްކާވެސް ބަދަލުވި ޑިއެގޯ ކޯސްޓާ
އެޓްލެޓިކޯ އަށް އަނެއްކާވެސް ބަދަލުވި ޑިއެގޯ ކޯސްޓާ
ޓްވިޓަރ
ކޯސްޓާ އެޓްލެޓިކޯއަށް
އެޓްލެޓިކޯ އަށް ކޯސްޓާ ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ
ކޯސްޓާ ވަނީ މީގެކުރިންވެސް އެޓްލެޓިކޯ އަށް ކުޅެފައި

އެޓްލެޓިކޯ މެޑްރިޑަށް ޑިއެގޯ ކޯސްޓާ ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ އެވެ.

ޗެލްސީން ނެރުނު ބަޔާނެއްގައި ބުނީ އެޓްލެޓިކޯ އަށް ކޯސްޓާ ވިއްކާލަން ނިންމާފައިވާ ކަމަށާއި، އެޓްލެޓިކޯ އާއި ޗެލްސީއާ ދެމެދު އެކަމާ ގުޅިގެން އެއްބަސްވުމަކަށްވެސް އާދެވިފައިވާ ކަމަށެވެ.

އެޓްލެޓިކޯ އިން ނެރުނު ބަޔާނެއްގައި ބުނީ މެޑިކަލް ފުރިހަމަ ކުރުމަށް ކުރިޔަށް އޮތް ހަފްތާތެރޭގައި ކޯސްޓާ ސްޕެއިން އަށް ދަތުރުކުރާނެ ކަމަށާއި، މެޑިކަލް ފުރިހަމަކުރުމަށްފަހު އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.

ކޯސްޓާ އެޓްލެޓިކޯއަށް ބަދަލުވާން އެއްބަސްވެފައިވާއިރު، އޭނާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ކްލަބްތައްވެސް ހިމެނެއެވެ.

ކޯސްޓާ ޗެލްސީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ޓްރާންސްފާ ބާޒާރުގައި ވަނީ މަސައްކަތް ކޮށްފައެވެ. އޭނާ އެ ކްލަބް ދޫކޮށްލަން މަސައްކަތް ކުރީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ގޭމް ޕްލޭނަށް އޭނާ ފިޓް ނުވާ ކަމަށް ބުނުމުންނެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުގައި ކޮންޓޭ ވަނީ މިދިޔަ ޖެނުއަރީ ޓްރާންސްފާ އިން ފެށިގެން ކޯސްޓާ ވިއްކާލުމަށް ކްލަބުގެ ބޯޑަށް އަންގާފައެވެ. އެހެންނަމަވެސް އެކަން އަދިވެސް އެގޮތަށް ހިނގާފައެއްނުވެއެވެ.

އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލުމަށް ފަހު 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކޯސްޓާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 119 މެޗުގައި 58 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް