އިނގރޭސި ލީގު ކަޕްގެ ރައުންޑް އޮފް 16 އަށް އާސެނަލްއާއި ޗެލްސީވެސް ކޮލިފައިވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނޮޓިންގްހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު ޗެލްސީއިން ކާމިޔާބު ކޮށްފައިވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޗެލްސީގެ ފަރާތުން މޮޅު އެޓޭކިން ގޭމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑާ ކެނެޑީ ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބު ކޮށްދީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭގެ ފަސް މިނިޓު ފަހުން ޗެލްސީއިން ވަނީ އެ ޓީމުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާ ބުކޮށްދިނީ ފޯވާޑް މިޗީ ބަޗްޝުއާއީ އެވެ.
ޗެލްސީގެ ޒުވާން މިޑްފީލްޑާ ޗާލީ މުސޮންޑާ ވަނީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ފެބްރިގާސް ތަނަވަސް ކޮށްދިން ފުރުސަތަކުން އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-0 ގެ ނަތީޖާއަކުން ނޮޓިންގްހަމް ފޮރެސްޓްގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ޗެލްސީއިން ނުކުތީ އިތުރު ލަނޑުތަކެއް ޖެހުމުގެ އުއްމީދުގައެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ބަޗްޝުއާއީ ވަނީ ޗެލްސީގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. ބަޗްޝުއާއީ ވަނީ 86 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ނޮޓިންގްހަމް ފޮރެސްޓްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ 90 ވަނަ މިނިޓުގައި ޓެންޑައި ޑަރިކްވާއެވެ.
ބުދަ ދުވަހުގެ ރޭ ޑޮންކާސްޓާރ ރޯވާސްއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.
The @Carabao_Cup fourth-round draw has been made - and we will host @NorwichCityFC at Emirates Stadium pic.twitter.com/lPVcJjj7nQ
— Arsenal FC (@Arsenal) September 20, 2017
އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް ވަނީ ގިނަ ލަނޑުތަކެއް ޖެހުމަށް ފުރުސަތު ލިބި ބޭކާރުވެފައެވެ. އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެލެކްސިސް ސަންޗޭޒްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ތިއޯ ވޮލްކޮޓްއެވެ.
ޓޮޓެންހަމް ހޮޓްސްޕާސްއިން ވަނީ އަމިއްލަ ދަނޑުގައި 1-0 އަކުން ބާންސްލީ ބަލިކޮށްފައެވެ. ޓޮޓެންހަމްއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒުވާން އިނގިރޭސި މިޑްފީލްޑާ ޑެލޭ އަލީއެވެ.
އެވަޓަންއިންވެސް ވަނީ އަމިއްލަ ދަނޑުގައި 3-0 އަކުން ސަންޑަލޭންޑް ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދީފައިވަނީ ޑޮމިނިކް ކެލްވާޓްއާއި އޮމަރް ނިއާސޭއެވެ. މީގެ ތެރެއިން ޑޮމިނިކް ކެލްވާޓް ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ ރަށުން ބޭރުގައި ސްވަންސީއިން ވަނީ 2-0 އަކުން ރެޑިން ބަލިކޮށްފައެވެ. ސްވަންސީއަށް ލަނޑުތަށް ކާމިޔާބު ކޮށްދިނީ އަލްފީ މޯސަންއާއި ޖޯޑަން އަޔޫއެވެ.
ރައުންޑް އޮފް 16 ގައި އަމިއްލަ ދަނޑުގައި ޗެލްސީއިން އެވަޓަންއާ ދެކޮޅަށް ނުކުންނަ އިރު އާސެނަލް ނުކުންނާނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ. އަދި ޓޮޓެންހަމް ނުކުންނާނީ ވާދަވެރި ވެސްޓް ހާމްއާ ދެކޮޅަށެވެ.