ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 10:44
ގްރީންގެ ބައެއް ކުޅުންތެރިން ދަނޑުމަތީގައި މަޑުކޮށްލައިގެން
ގްރީންގެ ބައެއް ކުޅުންތެރިން ދަނޑުމަތީގައި މަޑުކޮށްލައިގެން
ގްރީން ސްޓްރީޓް
އުރީދޫ ދިވެހި ޕްރިމިއާ ލީގު
ގްރީންސްޓްރީޓާއި ދެކޮޅަށް ފިޔަވަޅު އަޅައިފި
ގްރީން ވަނީ 25000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ
ގްރީންގެ ފަރާތުން މިފަދަ ކަމެއް ތަކުރާރުކޮށްފިނަމަ ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް އިންޒާރު ދީފަ
އެފްއޭއިމްއިން ވަނީ މި މެޗުން މާޒިޔާ މޮޅުވި ކަމަށް ނިންމާފަ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީންސްޓްރީޓް ބައްދަލު ކުރި މެޗުގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެން ގްރީންސްޓްރީޓާއި ދެކޮޅަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސް (އެފްއޭއެމް) އިން ފިޔަވަޅު އަޅައިފިއެވެ.

އެފްއޭމްއިން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނެފައި ވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ، ގްރީން ސްޓްރީޓާއި މާޒިޔާ ބައްދަލު ކުރި މެޗުގައި ގްރީންއިން ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކަށް ދެކޮޅުހަދައި، ކުޅިވަރުގެ ރޫހާއި ހިލާފަށް ބަހާއި އަމަލުން ރެފްރީއާ ދިމާއަށް އަޑުގަދަކޮށް، މެޗުގެ ވަގުތު ހަމަނުވަނީސް ހުއްޓުވާފައިވާތީ އާއި، ތަކުރާރުކޮށް އެފްއޭއެމްއިން މެޗު ކުރިޔަށް ގެންދިއުމަށް އެދުމުން ވެސް ވަކި ޝަރުތުތަކާ އެއްގޮތަށް ނޫނީ މެޗު ކުރިޔަށް ގެންދިއުމަށް ގްރީންއިން ދެކޮޅު ހަދާފައިވާތީ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ 49 މާއްދާއަށް ރިޢާޔަތްކޮށް، ކްލަބް ގްރީން ސްޓްރީޓް 25000 (ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި އެފްއޭއެމްއިން ގޮތެއް ނިންމާފައި ވަނީ މެޗު ކޮމިޝަނަރުގެ ރިޕޯޓާއި ރެފްރީގެ ނަތީޖާ ރިޕޯޓާ އަދި އެ ރިޕޯޓާއެކު އެޓޭޗް ކުރެވިފައިވާ ހާދިސާ ރިޕޯޓުގެ އިތުރުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑަށް ރިޢާޔަތް ކުރުމަށް ފަހު ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

މި މެޗުގައި ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ސުބޯލް އިލިއާ 53 ވަނަ މިނެޓުގައި ރެފްރީއާ ދިމާލަށް އެއްޗެއް ބުނި ކަމަށް ބުނެ އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކިއެވެ. މިކަމާ ހިތްހަމަނުޖެހިގެން ގްރީންގެ ކުޅުންތެރިން ނުރުހުން ފާޅު ކުރަމުން ދަނިކޮށް ރެފްރީ ނިއުޝާދްއަށް މެޗުގެ ކުޅުން އިތުރަށް ކުރިޔަށް ނުގެންދެވުމާ ވިދިގެން މެޗުގެ ކުޅުން ހުއްޓާލުމަށް ފަހު ދަނޑުން ފައިބައިގެން ދިޔައެވެ. އޭރު 1-0 އަކުން ކުރީގަ އޮތީ މާޒިޔާއެވެ.

އެހެނަސް ގްރީން ސްޓްރީޓުން ބުނެފައިވާ ގޮތުގައި އެ ޓީމުގެ ކުޅުންތެރިޔާ ބޭއަދަބީ ބަހުން ރެފްރީއާ މުހާތަބު ކޮށްފައެއް ނުވެއެވެ. އަދި އެ މެޗުގައި ރެފްރީކަން ކުރި މުހައްމަދު ނިއުޝާދު، ގްރީން ކުޅުނު ބައެއް އެހެން މެޗުތަކުގައި ނެގި ޑިސިޝަންތަކުގެ ސަބަބުން ގްރީންއަށް ޕޮއިންޓް ގެއްލިފައިވާ ކަމަށް ވެސް އެ ޓީމުން ބުނެއެވެ. އަދި ދެފަހަރެއްގެ މަތިން ނިއުޝާދުގެ މައްސަލަ އެފްއޭއެމްއަށް ހުށަހެޅި ކަމަށް ވެސް ގްރީންއިން ބުނެފައިވެއެވެ.

މި މައްސަލައިގައި އެފްއޭއެމްއިން ވަނީ މީގެ ކުރިން އެ އިދާރާގެ ރެފްރީސް  ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބަލައި ވަކިގޮތެއް ނިމެންދެން، އެ އިދާރާގެ އެއްވެސް މުބާރާތެއްގެ މެޗެއްގައި ރެފްރީކަން ނުކުރެވޭގޮތަށް ވަގުތީގޮތުން ނައުޝާދު ސަސްޕެންޑު ވެސް ކޮށްފައެވެ. އަދި އެ އިދާރާގެ ރެފްރީސް ޑިޕާޓްމެންޓާ ހަވާލުވެ ހުރި އަހުމަދު އަމީޒުވެސް ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

އެފްއޭއެމްއިން ގްރީން ސްޓްރީޓް ޖޫރިމަނާ ކޮށްފައިވާއިރު އެ އިދާރާއިން ވަނީ ގްރީންގެ ފަރާތުން މިފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ ދަށުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމާމެދު ވިސްނާނެ ކަމަށް ބުނެ ގްރީންއަށް އިންޒާރު ދީފައެވެ.

ގްރީންއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާއިރު އެފްއޭއެމްއިން ވަނީ މި މެޗުން މާޒިޔާ މޮޅުވި ކަމަށް ނިންމައި އެ ޓީމަށް ތިން ޕޮއިންޓް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް