ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 08:57
ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމު
ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމު
ގޫގުލް
18 އަހަރުން ދަށުގެ ސާފް
18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެ
ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ގައުމީ ޓީމު ބަލިވެފައިވަނީ 2-0 ގެ ނަތީޖާއަކުން
ރާއްޖޭގެ ޓީމަށް މުބާރާތުގައި ކުރިޔަށް ދިޔުމުގެ ފުރުސަތު ވަނީ ގާތްގަނޑަކަށް ގެއްލިފަ
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުންވެސް ވަނީ ބަލިވެފަ

ބޫޓާންގައި ކުރިޔަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ގައުމީ ޓީމު ބަލިވެފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ރާއްޖޭގެ ގައުމީ ޓީމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު ބަންގްލަދޭޝްއިން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ބަންގްލަދޭޝްއިން ވަނީ މެޗުގެ 9 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރަހުމާންގެ އެހީތެރިކަމާއެކު ޝާކިތްއެވެ. ބަންގްލަދޭޝްގެ ދެވަނަ ލަނޑު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިގްބާލްއެވެ.

ރާއްޖޭގެ ޓީމަށް މެދުތެރޭގައި ބޯޅަ ނުގެންގުޅެވުމުގެ ސަބަބުން ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރެވިފައެއް ނުވެއެވެ. ހަމައެހެންމެ ރާއްޖޭގެ ޓީމުން އެޓޭކް ކުރި ދަނޑިވަޅުތަކުގައި ފޯވާޑުންނަށް ސަޕޯޓް ދެވިފައި ނުވެއެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނެފައި ވަނީ ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި މެޗަކަށް ފަހު މެޗެއްގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެންނަމުން އަންނަ ކުޅުން ރަނގަޅު ވަމުން އަންނަ ކަމަށެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުންވެސް ވަނީ ބަލިވެފައެވެ. އެގޮތުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ ޓީމަށް މުބާރާތުގައި ކުރިޔަށް ދިޔުމުގެ ފުރުސަތު ގާތްގަނޑަކަށް ގެއްލިފައިވާއިރު ތިންވަނަ މެޗުގައި ރާއްޖޭގެ ޓީމު ނުކުންނާނީ އިންޑިއާއާއި ދެކޮޅަށެވެ.

- ކޮމެންޓް