ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބެންޖެހޭނެ މީހުންގެ ލިސްޓެއް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ހައުސިންގ މިނިސްޓްރ ޑޮކްޓަރ މުހައްމަދު މުއިއްޒުއަށް ފޮނުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު މާފަންނު ކުނޫޒްގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ ފްލެޓް ލިބިފައިވާ ރައްޔިތުމީހާގެ މައުލޫމާތު ހާމަ ކުރުމަކީ ލަދުވެތިކަމެއް ކަމަށް މިނިސްޓަރ މުއިއްޒު ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަށާއި ހައުސިންގް މިނިސްޓަރ މުއިއްޒުއަށް ފުލެޓް ލިބުނު މީހުންގެ މައުލޫމާތު ޕޮއިންޓާއި އެކީ އާންމު ކޮށްދިނުމަށް ގޮވާލައްވާ ކަމަށެވެ.
"ރައީސް ޔާމީންގެ އަރިހުގައި ތިބި މީހުން އަޅުގަނޑާއި ހިއްސާ ކުރެއްވި. ތަކުރާރުކޮށް މިދަންނަވަނީ އިކޮނޮމިކް މިނިސްޓަރ ސައީދު މިކަމުގައި ހުންނަވައިގެން މިކަން ކުރީ. ލިސްޓެއް ހަދާފައި ފޮނުވީ މުއިއްޒު އަތަށް އެކަން ކުރަން. އޭގެ ތެރޭގައި އެބަތިބި ފަނޑިޔާރުންނަށް ފުލެޓް ލިބިފައި، ވިޔަފާރިވެރިންނަށް ފްލެޓް ލިބިފައި އަދި އޭގެ ތެރޭގައި އެބަތިބި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް ފުލެޓް ލިބިފައި" މަހްލޫފް ވިދާޅުވިއެވެ.
ހައުސިންގް މިނިސްޓްރީން ފުލެޓް ލިބުނު ރައްޔިތުމީހާގެ ނަމާއި އައިޑީކާޑް ނަންބަރާއި އަދި އެޑްރެސް އާންމު ނުކުރެވޭނެ ނަމަ ސްލިޕް ނަންބަރު ކައިރީގައި، ޕޮއިންޓް ލިބުނު އަދަދު ހާމަކޮށްދިނުމަށް މަހްލޫފް އެދިވަޑައިގެންނެވި އެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ މިހާރު އޮތް ވެރިކަން ބަދަލުކުރައްވާނެ ކަމަށާއި އޭގެ ފަހުން މި ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނުގެ އަމަލުތައް ބައްލަވާނެ ކަމަށެވެ.