ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކައިގެން އިނގިރޭސި ވިލާތުގެ ހަތިޔާރު ވިއްކާ ކުންފުނި ތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ފައިދާ ވެފައިވާކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.
ކުޑަކުދިންނަށް އެހީވާ ޖަމާއަތެއްކަމަށްވާ ވޯ ޗައިލްޑުން ލަފާކޮށް ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ސައުދީ ވަތްފަހުން އިނގިރޭސިވިލާތުގެ ހަތިޔާރު ވިއްކާ ކުންފުނިތަކަށް ލިބުނު އާމްދަނީ 8 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ ކަމަށެވެ. އޭގެ ތެެރޭގައި ބީއޭއީއާއި ރޭތިއޯންވެސް ހިމެނެއެވެ. ފައިދާގެ ގޮތުގައި 775 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ލަފާކޮށްފައިވެއެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިނގިރޭސި ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ އެންމެ 40 މިލިއަން ޑޮލަރެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބުނު އާމްދަނި ކުޑައިރު އެތައް ހާސް ކުދިންނެއް މަރުވެ އަދި ޒަޚަމްވެ އަދި ބަނޑުހައި ހޫނުކަމުގައި އުޅެން ޖެހިފައިވާއިރު މި ހަމަނުޖެހުން ވެފައިވަނީ މި ވިޔަފާރި ދެމިއޮތުމަށް އޮތް އެހީއަކަށެވެ.
ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ ދިފާއުގައި ހޫސީންނާ ހަނގުރާމަ ކުރުމަށް ސައުދީ އިސްވެ އޮވެ އަސްކަރީ ކޯލިޝަނެއް އުފައްދާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުއެވެ.
އދގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ހަނގުރާމައިގައި މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 40،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.