ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 12:24
އަންގާރަ ދުވަހު ސޫޗީ ވާހަކަފުޅު ދައްކަވަނީ
އަންގާރަ ދުވަހު ސޫޗީ ވާހަކަފުޅު ދައްކަވަނީ
އޭއެފްޕީ
އެމްނެސްޓީ އިންޓަނޭޝަނަލް
ސޫޗީގެ ވާހަކަފުޅުގައި ހަގީގަތާ ހިލާފު ބައެއް ވާހަކަތައް ހިމެނޭ: އެމްނެސްޓީ އިންޓަނޭޝަނަލް
ސިއްރުކުރަން ބޭނުން ނޫން ނަމަ އދ ގެ ތަހުގީގު ކުރާ ފަރާތްތައް މިޔަންމާ އަށް އެތެރެވާން ހުއްދަވެސް ދޭން ޖެހޭ

ރޮހިންޖާ މުސްލިމުންނަށް މިޔަންމާގެ އަސްކަރިއްޔާ އިން ކުރަމުންދާ ލާއިންސާނީ އަމަލުތަކަށް ހަނުހުންނެވުމަށް ފަހު މިޔަންމާގެ ލީޑަރު  އަން ސަން ސޫޗީ ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަފުޅަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެމްނެސްޓީ އިން ނެރުނު ބަޔާނެއްގައި ބުނީ ސޫޗީގެ ވާހަކަފުޅުގައި ހަގީގަތާ ހިލާފު ބައެއް ވާހަކަތަކާއި އަދި ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ބަދުނާމު ކުރުުމުގެ ވާހަކަތައް ހިމެނޭ ކަމަށެވެ. އެމެނެސްޓީގެ ބަޔާނުގައި ބުނީ މިޔަންމާގެ އަސްކަރިއްޔާއިން މީހުންގެ ގަސްތުގައި މަރާލުމުގެ ތެރެއިން ނަސްލު ނައްތާލުމުގެ ހަރަކާތް ހިންގަމުންދާ ކަމަށާއި އަދި  ގެދޮރުން ފައްސާލަމުންދާ ކަމަށެވެ. ރަކައިން ސްޓޭޓުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަން ސޫޗީ އެކަމަނާގެ ވާހަކަފުޅުގައި ކުށްވެރިކުރެއްވި ކަމަށާއި އެހެންނަމަވެސް ހަމަނުޖެހުންތައް ހިންގުމުގައި މިޔަންމާގެ އަސްކަރިއްޔާގެ ރޯލާ މެދު ސޫޗީ އަދިވެސް ހުންނެވީ ހަނު ކަމަށެވެ. 

އެމްނެސްޓީގެ ބަޔާނުގައި ބުނީ މިޔަންމާ އިން ކަމެއް ސިއްރުކުރަން ބޭނުން ނޫން ނަމަ އދ. ގެ ތަހުގީގު ކުރާ ފަރާތްތައް މިޔަންމާ އަށް އެތެރެވާން ހުއްދަ ދޭން ޖެހޭނެ ކަމަށް ބުނެފައެވެ. މިޔަންމާގެ ރަކައިން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ވެސް އެމްނެސްޓީގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ރޮހިންޖާ މުސްލިމުން ވަނީ އެބައިމީހުންގެ ގައުމުގައި ރައްޔިތުކަމުގެ ހައްގު  ލިބުމުން މަހްރޫމްވެ އެކަހެރިކުރެވިފައި ކަން ވެސް އެމްނެސްޓީގެ ބަޔާނުގައި ބުނެވިފައި ވެއެވެ. 

ސޫޗީ އަންގާރަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް މިޔަންމާގައި ދިމާވަމުންދާ "ހަގީގީ މައްސަލަތަކަކީ ކޮބައިކަން" ބަލަން ބޭނުންވާ ކަމަށާއި"އެއްބަޔަކު އެ މައްސަލާގައި ތުހުމަތުތައް ކުރާއިރު އަނެއް ބަޔަކު އޭގެ ރައްދުގައި ކުރާ ތުހުމަތުތަކެއް ވެސް" އެބަހުރި ކަމަށެވެ. 

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު ފުރަތަމަ ފަަހަރަށް ވާހަކަފުޅުދައްކަވަމުން ސޫކީ ވިދާޅުވީ މިޔަންމާގެ ރޮހިންޖާ މުސްލިމުން އުޅެމުންދާ ރަކައިން ސްޓޭޓަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި ދުނިޔޭގައި ޒިންމާދާރު ގައުމެއްގެ ހައިސިއްޔަތުން ބައިނަލްއަގްވާމީ ދުނިޔެއިން ކަންކަން ބަލަމުންދާ ދިޔުމާ މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.

ސޫކީ ވިދާޅުވީ ރޮހިންޖާ މުސްލިމުންގެ މައްސަލާގައި ހުރިހާ ފަރާތްތަކުގެ ބަސް ވެސް އަޑުއަހަން ޖެހޭ ކަމަށާއި ރޮހިންޖާ މުސްލިމުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގަމުންދާކަމުގެ ތުހުމަތުތައް ބިނާވާން ޖެހޭނީ ހެކީގެ މައްޗަށް ކަމަށާއި، މިކަންކަމަކީ ފިޔަވަޅެއް މި މައްސަލާގައި އެޅުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ކަމަށެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ހެދި އެގައުމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

 

- ކޮމެންޓް