ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 13:10
ޔުނައިޓެޑް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޔުނައިޓެޑް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ބޮޑުތަފާތަކުން ޔުނައިޓެޑް މޮޅުވިއިރު، ޗެލްސީ އާއި އާސެނަލްގެ ކުރިމަތިލުން އެއްވަރުވެއްޖެ
ޔުނައިޓެޑް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި
އާސެނަލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައި

ޕްރިމިއާ ލީގުގައި ބޮޑުތަފާތަކުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ޗެލްސީ އާއި އާސެނަލްގެ ކުރިމަތިލުން އެއްވަރުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ އެވަޓަންއާ ވާދަކޮށް 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ވެލެންސިއާ އެވެ.

މި ލަނޑަށް ފަހު ވެސް ޔުނައިޓެޑުން ދިޔައީ ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. އެހެންނަމަވެސް އެވަޓަން އިން ވަނީ ފުރަތަމަ ހާފްގެ ވަކި ހިސާބަކުން މެޗުގެ ކޮންޓްރޯލް ހޯދާ ޔުނައިޓެޑުގެ ހާފަށް ބާރުބޮޑުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އެވަޓަންގެ މައްޗަށް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އެވަޓަން އިން އެޓީމުގެ އެޓޭކްތައް އިތުރުކުރި އެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ދިޔައީ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. މެޗުގެ ފަހު 10 މިނެޓުގައި ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ވަރުގަދަކޮށްފައެވެ.

އެގޮތުން 83 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ރޮމެލޫ ލުކާކޫގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ މިހްތަރިޔާން އެވެ. ޔުނައިޓެޑްގެ ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ޖެސޭ ލިންގާޑްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ އެވަޓަންގެ ކުރީގެ ފޯވާޑް ލުކާކޫ އެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި އެންތޮނީ މާޝިއާލް އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. މެޗުން ބަލިވި އެވަޓަން އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ޗެލްސީ އަދި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އާސެނަލް އިންނެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ޗެލްސީ އަށް ވެސް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް ތިން ދަނޑިން އެތެރެޔަށް އެއް ބޯޅަ ވެސް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ. 

ދެވަނަ ހާފް ފެށިގެން ޗެލްސީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެހެންނަމަވެސް އާސެނަލް އިން ދިޔައީ ފުލުފުލުގައި ޗެލްސީގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން ލަކަޒާޓްއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. 

މެޗުގެ 89 ވަނަ މިނެޓުގައި ޗެލްސީގެ ޑޭވިޑް ލުއިޒް އަށް ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ސީޑް ކޮލަސިނެޗްގެ ފަޔަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އޭގެ ކުރިން އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އޯވާހެޑެއް ޖަހަން އުޅުމުގެ ތެރޭގައި ލޯރެންޓް ކޮސިއެލްނީގެ މޫނުގައި ފައިން ޖެހުމާ ގުޅިގެން ލުއިޒް އަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ނަމަވެސް ދެވަނަ ހާފް ނިމެން ދަނިކޮށް ކޮލަސިނެޗް އަށް ކުރި ފައުލްއާ ގުޅިގެން ލުއިޒްއަށް ދައްކާފައި ވަނީ ސީދާ ރަތް ކާޑެކެވެ. 

ޗެލްސީން އެކަކު މަދުވި ނަމަވެސް ލިބުނު މަދުވަގުތުކޮޅުގެ ތެރޭގައި އާސެނަލް އަށް ނަތީޖާ ނެރެވިފައެއް ނުވެއެވެ. މި މެޗުގައި ގިނަ ކާޑުތަކެއް ފެނިގެން ދިޔައެވެ. 

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ. ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު ޗެލްސީ މިވަގުތު އޮތީ ޓޭބަލްގެ ތިން ވަނައިގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް