އުތުރު ކޮރެއާގެ "ވިސްނުމެއް ނެތް ފަރުވާ ކުޑަ އަމަލުތައް" ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ނަމަ އެމެރިކާ އާއި އެގައުމުގެ ގާތް ރަހްމަތްތެރި ގައުމުތަކުގެ ދިފާއުގައި އުތުރު ކޮރެއާ "ނައްތާލަން ޖެހިދާނެ" ކަމުގެ އިންޒާރު އެމެރިކާ އިން ދީފިއެވެ.
އެެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ އާދީއްތަ ދުވަހު ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމާ ގުޅޭ ގޮތުން އދ. ގެ ސެކިޔުރިޓީ ކައުންސިލަށް ހުރި އޮޕްޝަންތައް ނުވަތަ ހުރި ގޮތްތައް މިހާރު ހުސްވެފައިވާ ކަމަށާއި ދެން އެމެރިކާ އިން ބަރޯސާ ވަނީ އެމެރިކާގެ ޑިފެންސް އިދާރާ ޕެންޓަގަންއަށް ކަމަށެވެ.
ސީއެންއެންގެ ޓޯކް ޝޯ "ސްޓޭޓް އޮފް ދަ ޔޫނިއަން" އަށް ނިކީ ހޭލީ ވިދާޅުވީ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އުތުރު ކޮރެއާއާ ދެކޮޅަށް ކުރެވޭނެ ކަަންކަން މިވަގުތު ހުސްވެއްޖެ ކަމަަށާއި ދެން އެކަމަނާ އުތުރު ކޮރެއާގެ މައްސަލަ ހުށަހަޅުއްވަން، ގަސްދުކުރައްވަނީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސްގެ އަތްޕުޅަށް ކަމަށެވެ.
މީގެ ހަފްތާތަކެއް ކުރިން އުތުރު ކޮރެއާ އިން ބުނެފައި ވަނީ ޕެސިފިކްގައި އޮންނަ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް ކަނޑަށް އުތުރު ކޮރެއާ އިން މިސައިލް ހަމަލާ ދޭނެ ކަމަށެވެ. އުތުރު ކޮރެއާ އިން ގުއާމް ކަނޑަށް މިސައިލް ހަމަލާ ދިނުމާ ބެހޭ ޕްލޭން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ރިވިއު ކޮށްފައިވާ ކަމަށް ވެސް އެގައުމުން ވަނީ ބުނެފައެވެ. އުތުރު ކޮރެއާ އިން ބުނެފައި ވަނީ ގުއާމް އަށް ސީދާ ހަމަލާ ދިނުމުގެ ކުރިން އެމެރިކާގެ އަމަލުތަކަަށް ބަލާނެ ކަމަށެވެ. ގުއާމްއަކީ އެމެރިކާގެ އަސްކަރީ ބޭސްތައް ހިމެނޭ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދެކެވެ.
އުތުރު ކޮރެއާ އިން ވަނީ ދާދިފަހުން ޖަޕާނު މަތިން މިސައިލެއް ވެސް އުދުއްސާލާފައެވެ. މިސައިލް ފޮނުވާލުން ހަރުއަޑުން ކުށްވެރި ކުރާ ކަމަށާއި އަދި މިހާރުން މިހާރަށް މިފަދަ އަމަލުތައް ހުއްޓާލުމަށް އދ. ގެ ސެކިޔުރިޓީ ކައުންސިލުން ހުކުރު ދުވަހު އުތުރު ކޮރެއާ އަށް ވަނީ ގޮވާލާފައެވެ. ކައުންސިލްގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ އދ. އިން މިހާތަނަށް އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް، މެމްބަރު ގައުމުތަކުން "ފުރިހަމައަށް އަދި މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ގޮވާލާ ކަަމަށެވެ." އދ. ގެ ސެކިޔުރިޓީ ކައުންސިލަކީ އދ. ގެ އެންމެ ބާރުގަދަ ގުނަވަނެވެ. ބަޔާނުގައި އިތުރަށް ބުނީ އުތުރު ކޮރެއާގެ މައްސަލައަށް ސުލްހަވެރި ހައްލެއް މަޝްވަރާގެ ތެރެއިން ހޯދަން ޖެހޭ ކަމަށެވެ.
ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ.