މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ އިސްލާމް ދީން އުނގަންނައިދޭ ސްކޫލެއްގައި ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުޑަ ހަތް ކުއްޖަކު ހައްޔަރުކޮށްފިއެވެ.
މިހާދިސާގައި 23 ކުދިން މަރުވި އިރު މިކަމާ ގުޅިގެން މެލޭޝިއާ ފުލުހުން ހައްޔަރުކޮށްފައި ވަނީ ހަތް ފިރިހެން ކުދިންނެވެ. މަރުވި ކިޔަވާ ކުދިންގެ ތެރޭގައި ހިމެނެނީ ހަ އަހަރާއި 17 އަހަރުގެ ކުދިންނެވެ. މެލޭޝިއާ ފުލުހުން ބުނެފައި ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ހަތް ކުދިންނަކީ އަލިފާނުގެ ހާދިސާ ހިނގި ސްކޫލާ ޖެހިގެން ހުރި އިމާރާތެއްގައި، ހާދިސާ ހިނގި ދުވަހުގެ ކުރީ ރޭ ހަރަކާތްތެރިވި ކަމަށް، ސީސީޓީވީ ފުޓޭޖުން ފެންނަ ކުދިންތަކެއް ކަމަށެވެ. ހައްޔަރު ކުރި ކުދިންގެ ތެރޭގައި ހިމެނެނީ 11 އަހަރާއި 18 އަހަރުގެ ކުޑަކުދިން ކަަމަށެވެ.
ހާދިސާ ހިނގި ސަބަބާ ގުޅިގެން ކުއަލަ ލަމްޕޫރުގެ ފުލުހުންގެ ވެރިޔާ އަމަރު ސިންގް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ، އެ ހާދިސާ ހިންގުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ހާދިސާ ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުދިންނާއި އަދި "ތަހްފީޒް ދާރުލް ގުރުއާން އިއްތިފާގިއާ" ގެ ދަރިވަރުންނާ މެދު ހިނގި، "ޖެއްސުން ކުރުމުގެ ހަރަކާތެއްގައި އެރި އޮޅުމެއްގެ ތެރެއިން" ކަަމަށެވެ.
"ތަހްފީޒް ދާރުލް ގުރުއާން އިއްތިފާގިއާ" ގައި ހިނގި މި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު ގަނޑިއެއްހާ އިރު ތެރޭ ނިއްވާލެވިފައި ވެއެވެ. އަލިފާން ރޯވި ދީނީ ސްކޫލަކީ ގުރުއާން އުނގަންނައިދޭ ސްކޫލެކެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވަނީ އަލިފާނުގެ ހާދިސާގެ ޝިކާރައަކަށްވި ފާރާތްތަކުގެ އާއިލާތަކަށް ހަމްދަރުދީ ފޮނުއްވާ ވީހާ ވެސް އަވަހަކަށް ހާދިސާ ތަހުގީގު ފުރިހަމައަށް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.