ފަރަންސޭސިވިލާތުގެ ޕެރިހުގައި 2015ވަނަ އަހަރު އެކުލަވާލި އެއްބަސްވުމާއި އެމެރިކާއިން ގުޅެން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެގައުމުން ދޮގުކޮށްފިއެވެ.
2015 ވަނަ އަހަރުގެ އެއްބަސްވުމުން އެމެރިކާ ވަކިކުރާނެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާނުކުރައްވާފައި ވަނީ މިއަހަރުގެ ޖޫން މަހުއެވެ. އޭރު އެކަން އިއުލާނުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ޕެރިސް އެއްބަސްވުމުގެ ސަބަބުން އެމެރިކާއަށް ހައެއް ޕޮއިންޓް ފަހެއް މިލިއަން ޑޮލަރުގެ ވަޒީފާ ގެއްލޭނެކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އިންޑިއާ އަދި ޗައިނާ ފަދަ ގައުމުތަކަށް ފައިދާތައް ލިބޭ ކަމަށްވެސް އެމެރިކާގެ ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމެރިކާގެ ސަރުކާރުން މިހާރު ވަނީ މި ކަމުގައި އެ ގައުމުން ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށް ނުވަތަ އެއްބަސްވުމުން ވަކި ނުވުމަށް ނިންމާފައިކަމަށް އެމެރިކާގެ ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ.
އެހެންނަމަވެސް ވައިޓް ހައުސްއިން ވަނީ މި ރިޕޯޓްތައް ދޮގުކޮށްފައެވެ. އަދި މިކަމުގައި އެމެރިކާއިން ނިންމާފައިވާ ނިންމުން ބަދަލު ނުވާ ކަމަށާ މިކަމަށް ބަދަލުވާނީ އެއްބަސްވުމުގައި ބައިވެރިވުމަށް އެމެރިކާއަށް ހުށަހަޅާ ޝަރުތުތަކަށް ބަދަލުތައް ގެނެސްގެން އެކަނިކަމަށެވެ. ބައިނަލްއަޤުވާމީ ބާރުތަކުން ބުނެފައިވަނީ އެމެރިކާގެ ސަރުކާރަށް ބޭނުންވާގޮތަށް މިއެއްބަސްވުމުގެ ޝަރުތުތައް ބަދަލު ނުކުރެވޭނެ ކަމަށާއި، އެއްބަސްވުމުގައި ބައިވެރިވާ ހުރިހާ ގައުމަކަށް ވެސް އެޅޭނީ އެއް ފިޔަވަޅުތަކެއްކަމަށެވެ.
ދުނިޔޭގެ 187 ގައުމަކުން ބައިވެރިވެގެން 2015 ވަނަ އަހަރު ޤާއިމުކުރި މިއެއްބަސްވުމުގައި އޭރު ބައިވެރިނުވާ ޤައުމުތަކަކީ، އެމެރިކާގެ އިތުރުން ސޫރިޔާ އާއި ނިކަރާގުއާއެވެ.