ބާސެލޯނާ އަށް ދާދި ފަހުން ބަދަލުވި އުސްމާން ޑެމްބެލޭ އަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ގެޓާފޭ އަތުން 1-2 ގެ ނަތީޖާއިން ބާސާ މޮޅުވި މެޗުގައި ޑެމްބެލޭގެ ފަލަ މަސްގަނޑަށް ވަނީ އަނިޔާވެފައެވެ.
ބާސާ އިން ނެރުނު ބަޔާނެއްގައި ބުނީ ޑެމްބެލޭ އަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށާއި، އެގޮތުން މި ހަފްތާ ތެރޭގައި ފިންލޭންޑްގައި އެކަންތައް ކުރިޔަށް ގެންދާނެ ކަމަށެވެ.
މި ބަޔާނުގައި އިތުރަށް ބުނީ ލަފާކުރެވޭ ގޮތުގައި ޑެމްބެލޭ އަށް ލިބުނު އަނިޔާއާއެކު އޭނާ ތިން މަހާ ބައި ނުވަތަ ހަތަރު މަހަށް ކުޅުމާ ދާންޖެހޭނެ ކަމަށެވެ.
އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ބާސާ ވަނީ ސްޕެނިޝް ލަލީގައި އެޓީމު ކުޅުނު ފަސް މެޗުންވެސް މޮޅުވެފައެވެ.
ބޮރުޝިއާ ޑޯޓްމަންޑަށް ކުޅުނު ޑެމްބެލޭ ބާސާއަށް ސޮއިކޮށްފައިވަނީ 135 މިލިއަން ޕައުންޑަށެވެ. އޭނާގެ ޓްރާންސްފާ ފީގެ ގޮތުގައި ބާސާއިން ހުށަހެޅީ 96 މިލިއަން ޕައުންޑެވެ. އަދި ބާކީ 39 މިލިއަން ޕައުންޑަކީ ބޯނަސްގެ ގޮތުގައި ޑޯޓުމަންޑަށްބާސާއިން ހުށަހެޅި އަދަދެކެވެ. ޑެމްބެލޭގެ ރިލީސް ފީއެއްގެ ގޮތުގައި ބާސާއިން ކަނޑައަޅާފައިވަނީ 369 މިލިއަން ޕައުންޑެވެ.
ޑެމްބެލޭއަކީ ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާއަކީ ދުވެލި ބާރު އަދި ދެފައިން އެއްވަރަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެކެވެ. ޑޯޓްމަންޑަށް ކުޅުމުގެ ކުރިން ޑެމްބެލޭ ވަނީ ފްރާންސްގެ ރެނޭސްއަށްވެސް ކުޅެފައެވެ.
އޭނާގެ އުމުރުން 20 އަހަރުވީ އިރު އޭނާ ވަނީ ޖުމްލަ ހަތް ފަހަރަކު ފްރާންސްގެ ގައުމީ ޓީމަށް ކުޅެފައެވެ. އަދި މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ކުޅުނު 49 މެޗުގައި އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ.