ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ މަލާގާއާ ދެކޮޅަށް ކުޅުނު މެޗުން އެޓްލެޓިކޯ މެޑްރިޑު މޮޅުވެއްޖެއެވެ.
ރޭ މަލާގާއާ ދެކޮޅަށް ކުޅުނު މެޗު އެޓްލެޓިކޯ އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.
އެޓްލެޓިކޯގެ އާ ސްޓޭޑިއަމް ކަމަށްވާ ވޮންޑާ މެޓްރޯޕޮލިޓްނޯ ރަސްމީކޮށް ހުޅުވިގެން ގޮސްފައި ވަނީ މި މެޗުންނެވެ.
މި މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނު ނަމަވެސް ލަނޑުޖަހަން ދެ ޓީމަށް ވެސް ވަނީ ފުރުސަތު ލިބިގެން ގޮސްފައެވެ.
މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރި ކުޅުންތެރިޔަކީ އެންޓޯން ގްރީޒްމަން އެވެ. އެންހަލް ކޮރެއާ ތަނަވަސްކޮށްދިން ފުރުސަތަކުން ތާރީހީ ލަނޑު ގްރީޒްމަން ކާމިޔާބު ކުރީ މެޗުގެ 61 ވަނަ މިނެޓްގަ އެވެ. މެޗަށް ފަހު ގްރީޒްމަން ބުނީ އޭނާ މިހާތަނަށް ކުޅުނު އެންމެ ފުރިހަމަ ސްޓޭޑިއަމްއަކީ ވޮންޑާ މެޓްރޯޕޮލިޓްނޯ ކަމަށާއި އެގޮތުން މި ސްޓޭޑިއަމްގައި ކާމިޔަބު ކުރި ލަނޑުގެ ސަބަބުން ތާރީޚްގެ ތެރެއަށް ވަދެގެން ދިއުމަކީ ލިބުނު އުފަލެއް ކަމަށެވެ.
"" އަހަރެން ކުޅުނު އެންމެ ހިތްހަމަޖެހޭ ސްޓޭޑިއަމްއަކީ ވޮންޑާ މެޓްރޯޕޮލިޓްނޯ ސްޓޭޑިއަމް، އެއީ އަހަރެމެންގެ ހޯމް ދަނޑު ވެގެނެއް ނޫން. މި ސްޓޭޑިއަމްގައި ކުޅެލަން ހަމަ ހިނހަމަ ޖެހޭތީ. އަދި މި ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވީމަވެސް އުފާވޭ." ގްރީޒްމަން ބުންޏެވެ.
ރޭގެ މެޗަކީ ސަސްޕެންޝަނަށް ފަހު ސްޕެނިޝް ލީގްގައި ގްރީޒްމަން ކުޅުނު ފުރަތަމަ މެޗެވެ. ލީގް ފުރަތަމަ މެޗުގައި، މުޅިން އަލަށް ސްޕެނިޝް ލީގްގައި ވާދަ ކުރާ ޖިރޯނާ އަތުން 2-2 ން އެއްވަރުވި މެޗުގައި ރެފްރީއަށް ނިސްބަތްކޮށް ބޭއަދަބީ ބަހުން ވާހަކަ ދެއްކުމުން ސްޕެއިންގެ އެފްއޭއިން ވަނީ ގްރީޒްމަން ދެ މެޗަށް ސަސްޕެންޑް ކޮށްފައެވެ.
އޭގެ ފަހުން ލީގުގެ ދެ މެޗެއް ގްރީޒްމަންއަށް ގެއްލުނު ނަމަވެސް ރޭގެ ތާރީޚީ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.