އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބޮޑު ތަފާތަކުން މާޅޮސް ބަލިކޮށް ގްރީން ސްޓްރީޓް ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ޖެހިލައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން މާޅޮސްގެ މައްޗަށް ގްރީން ކުރިހޯދީ 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 10 ވަނަ މިނެޓުގައި ގްރީން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ރިޒުހާން އެވެ.
މި ލަނޑަށް ފަހު ވެސް ގްރީން އަށް ވަނީ ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އަހުމަދު ރަޝީދު (އައްމަޑޭ) އަދި ވިލިއަމް މެކޯ އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ގްރީން އަށް ލީޑު ފުޅާކޮށްދިނީ ގްރީން އަށް ލީޑު ފުޅާކޮށްދިނީ އަހުމަދު ނިޒާމް އެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތިޖާއިން މާޅޮސްގެ މައްޗަށް ގްރީން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ވެސް ގްރީން އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ވަނީ 57 ވަނަ މިނެޓުގައި ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮވަސެޗް ޕެޓްރޯ އެވެ. އޭގެ ތިން މިނެޓު ފަހުން ގްރީންގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ނިޒާމް އެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގްރީންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި އަލީ ޝާނިޒް އެވެ.
މި ނަތީޖާއާއެކު ގްރީން އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި މާޅޮސް އޮތީ ދެ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގަ އެވެ.