ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 19:33
ޓީސީ އަދި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން
ޓީސީ އަދި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ ސްޕޯރޓްސް ކްލަބް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ޗެމްޕިއަން މާޒިޔާ ބަލިކޮށް ޓީސީ ދެވަނަ އަށް
މާޒިޔާ އަތުން ޓީސީ މޮޅުވީ 0-1 ގެ ނަތީޖާއަކުން
ޓީސީގެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗު މާޒިޔާއާ ވާދަކޮށް ޓީސީ މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ޓީސީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޓީސީ އަށް ވަނީ ލީޑު ފުޅާކުރުމަށްވެސް ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އިއްބެ އަދި ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން މާޒިޔާގެ މައްޗަށް ޓީސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމަށް ވަނީ މި ހާފްގައިވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެގޮތުން ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް މަހުދީ (ކުދު އިއްބެ) އަދި ހަލީލް ގަމާލް އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ބުނީ މެޗުގެ ކުރީކޮޅު ލަނޑެއް ވަނުމުން އެއިން އަރައިގަތުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، ޓީމު ކުޅުންތެރިން މަސައްކަތްކުރި ކަމަށެވެ. އެހެންނަމަވެސް ޓީސީން ފަހަތަށް ފައިބާ ކައުންޓާ އަށް ވިސްނައިގެން ކުޅެން ފެށުމާއެކު އުނދަގޫތަކާ ކުރިމަތިވިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މެޗުގެ ރެފްރީންނާމެދު ހިތްހަމަނުޖެހޭކަން ފާހަގަކުރަމުން ސެކުލޮވްސްކީ އެ ރެފްރީންތައް ލީގަށް ގެނައީ ކޮންބައެއްކަންވެސް ނޭގޭ ކަމަށާއި، ބިދޭސީ ރެފްރީން ލީގުގައި ބޭނުން ކުރާނަމަ، އެ ރެފްރީން ވާންޖެހޭނީ ރާއްޖޭ ރެފްރީންނަށްވުރެ ފެންވަރު ރަނގަޅު ރެފްރީންނަށް ކަމަށެވެ.

"ކުރީކޮޅު ލަނޑެއް ވަނުމުން އެއިން އަރައިގަތުމަކީ ފަސޭހަކަމެއް ނޫން. މެޗުގެ ރެފްރީންނާމެދު ހިތްހަމަނުޖެހޭ. ބިދޭސީ ރެފްރީން ރައްޖޭ ރެފްރީންނަށްވުރެ ފެންވަރު ރަނގަޅުވާންޖެހޭނެ" ސެކުލޮވްސްކީ ބުންޏެވެ. 

މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ މެޗަށް ޓީސީ ނިކުތީ ދުވަހަކުވެސް މެޗަކަށް ނުނިކުންނަހާ ހާލުގައި ކަމަށާއި، ޓީމުގައި އާންމުކޮށް ބޭނުންކުރަމުން އަންނަ ފަސް ކުޅުންތެރިން އެކި ސަބަބުތަކާހެދި ބޭނުންނުކުރާ ކަމަށެވެ. އެގޮތުން ނަތީޖާއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މެޗުގެ ނަތީޖާ އަކީ ކުރިޔަށް ހުރި މެޗުތަކަށް ދާން ލިބޭ ރަނގަޅު ކޮންފިޑެންސެއް ކަމަށާއި، އެންމެ އުނދަގޫ ހާލަތުން އަރައިގަނެވިފައިވާ ކަމަށެވެ.

"ނަތީޖާއާ މެދު ހިތްހަމަޖެހޭ. ޓީމުގައި އާންމުކޮށް ބޭނުންކުރާ ފަސް ކުޅުންތެރިން މެޗުގައި ނުހިމަނަން. މި ލިބުނީ ކުރިޔަށް އޮތް މެޗުތަކަށް ރަނގަޅު ކޮންފިޑެންސެއް" ނިޒާމްބެ ބުންޏެވެ.

މި ނަތީޖާއާއެކު ޓީސީ ވަނީ އެއްވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ. އެހެންނަމަވެސް އެޓީމަށް ދެވަނަ ލިބުނީ ފައިދާ ގޯލު މަދުވުމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް