އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ހަވީރު ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށްނުލާނެ ކަމަށް ނިއު ރޭޑިއަންޓްގެ ކޯޗު އޮސްކާ ބްރޫޒޯން ބުނެފިއެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ކުޑަހުވަދޫއަކީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ކަމަށާއި އެ ޓީމު ޕްރިމިއާ ލީގާ ހަމައަށް އައިސްފައިވަނީ ޗެމްޕިއަނެއްގެ ގޮތުގައި ކަމަށް ވާތީ އާދިއްތަ ދުވަހުގެ މެޗު ފަސޭހަކޮށްނުލާނެ ކަމަށެވެ. ޕްރިމިއާ ލީގުގެ މެޗުތަކުގައި ކުޑަހުވަދޫއަށް އަދި ނަތީޖާ ނެރެވިފައި ނުވުމަކީ އެ ޓީމުގެ ކުޅުން ދަށްވުން ނޫން ކަމަށާއި ނިއުއިން މެޗުގައި ކުޅޭނީ ކުޑަހުވަދޫއަކީ ރަށްރަށުން އައި ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ޓީމުގެ ގޮތުގައި ދެކިގެން ކަމަށް އޭނާ ބުންޏެވެ.
އާދިއްތަ ދުވަހުގެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި ލީގުގެ ދެވަނަ ބުރުގައި ވާދަކުރަން ޖެހެނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކަމަށް ވުމާއިއެކު ކޮންމެ މެޗަކުންވެސް މޮޅުވުމަކީ މިހާރު އެންމެ ބޮޑު އަމާޒުކަމަށް ބްރޫޒޯން ބުންޏެވެ. ހަމައެހެންމެ އޭނާވަނީ ކުޑަހުވަދޫގެ ޓީމުގެ ފަރާތުން ފެންނަމުންދާ ކުޅުމަށް ތައުރީފުކޮށްފައެވެ.
ނިއުރޭޑިއަންޓް ކުޑަހުވަދޫއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު މިވަގުތު އޮތީ ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ކުޑަހުވަދޫ އޮތީ ކުޅުނު ފަސް މެޗުން ލިބުނު އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.