ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 18:28
ރައީސް މައޫމުން އަބްދުލް ޤައްޔޫމް
ރައީސް މައޫމުން އަބްދުލް ޤައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫންގެ ޓުވީޓް
އދ. ގެ ވޯޓުގައި ރާއްޖެއިން ބައިވެރި ނުވުމަކީ ލަދުވެތިކަމެއް: ރައީސް މައުމޫން
މުޅި ދުނިޔެ އޮތީ ރޮހިންޖާ މުސްލިމުންނާއެކު ކަމަށް ދަނީ ހާމަކުރަމުން

ރާއްޖެއިން ޔޫއެން ވޯޓުގައި ބައިވެރި ނުވުމަކީ ލަދުވެތިކަމެއް ކަމަށް ކުރީގެ ރައީސް މައޫމުން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ދުނިޔެއިން ވެސް ރޮހިންޖާ މުސްލިމުންނާއެކު ތިބިކަން ސާބިތުކޮށްދިން ދަނޑިވަޅެއްގައި މުސްލިމް މި ދިވެހިރާއްޖެއިން  ޔޫއެންގެ ވޯޓުގައި ބައިވެރިނުވުމަކީ ލަދުވެތިކަމެއް ކަމަށެވެ.

މިޔަންމާ ސަރުކާރުން ރޮހިންޖާ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ނަސްލު ނައްތާލުމާއި ގަތުލު އާންމުތައް ހުއްޓުވުން އދ. ގެ ރަސްމީ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓަށް ރާއްޖެއިން ހާޒިރުވެފައިނުވާކަން ވަނީ ހާމަވެފައެވެ.

އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި "ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން" ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ހުކުރު ދުވަހު ވޯޓް ނެގި އިރު ޗެމްބަރުގައި ރާއްޖެއިން ހާޒިރުވެ ނެތްކަން ވޯޓްގެ ތަފްސީލް ޝީޓުންވެސް ވަނީ ހާމަވެ އެވެ.

އެ އައިޓަމް ރަސްމީ އެޖެންޑާގައި ހިމެނުމަށް ފާސްވީ 113 ގައުމެއްގެ ތާއީދާއެކު އެވެ. ރަސްމީ އެޖެންޑާގައި އައިޓަމް ހިމެނުމާ ދެކޮޅަށް 21 ގައުމަކުން ވޯޓް ދީފައިވެއެވެ. 17 ގައުމަކުން ވަކި ކޮޅަކަށް ވޯޓް ދީފައެއް ނުވެ އެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓަށް ރައްދު ދެއްވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަން 40 އަހަރަށް ކުރެއްވި ބޭފުޅަކަށް ވެހުރެ، ޔޫއެންގައި ނެގިގެންދިޔަ ވޯޓަކީ ރޮހިންޖާ މުސްލިމުންނާ ގުޅުން ހުރި ވޯޓެއްކަން ރައީސް މައުމޫނަށް އެނގިވަޑައިނުގަންނަވާ ކަމަކީ ލަދުވެތިކަމެއް ކަމަށެވެ.

ޝައިނީގެ ޓުވީޓަށް ރައްދު ދެއްވާ ރައީސް މައުމޫން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި "ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން" ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ނިންމުމަކީ ރޮހިންޖާ މުސްލިމުންނާއި ގުޅުން ހުރި ކަމެއް ކަމަށާއި މި ކަންތައް ސަރުކާރުގެ ބައެއް އިސްވެރިންނަށް އެނގިވަޑައިނުގަންނަވާ ކަމަކީ ލަދުވެތިވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
16 ސެޕްޓެންބަރ 2017 | ހޮނިހިރު 19:06
ސައްޕޭ
މިވެރިންކޮށްފިއްޔާ ލަދުވެތިކަމަކީ ރީތިކަމެއް، ، ވައްކަމެއްކޮށްފިއްޔާ ރަސްކަމެއް، ، މުލިންވެސް ފައިސާގެ ދަހިވެތިކަމާއި އަމިއްލައެދުމުން ފުރިފައިވާ