އިޓަލީގެ އޭސީ މިލާނަށް ކުޅެމުންދާ ޑިފެންޑަރ އެންޑްރޫ ކޮންޓީއަށް އަނިޔާވެ 6 މަހަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެ ކަމަށް މިލާނުން ބުނެފިއެވެ.
މިލާނުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެޓީމުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކޮންޓީގެ ވާތު ފައިގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާގެ ސަބަބުން މަދުވެގެން ހަމަސް ދުވަހުގެ މުއްދަތަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަން ޔަގީން ވެފައިވާ ކަމަށެވެ.
މިލާނުން ބުނީ ކުރިން އެޓަލާންޓާއަށް ކުޅުމަށް ފަހު މިފަހަރުގެ ސީޒަނަށް މިލާނަށް އަލަށް ބަދަލުވި ކޮންޓީ އަށް ލިބުނު އަނިޔާ ފުރަތަމަ މާ ސީރިއަސް އަނިޔާއެއް ގޮތުގައި ނުބެލެވުނު ކަމުގައި ވީނަމަވެސް އޭނާގެ ކަކުލުގެ ސްކޭންތަކަށް ފަހު، ކަކުލަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެއްކަން ހާމަވެފައިވާ ކަމަށެވެ.
އެހެން ކަމުން ކޮންޓީ 6 މަސް ދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ކޮންޓީ ގެ ޓެސްޓުތަކަށް ފަހު މިލާނުން ވަނީ ކަށަވަރު ކޮށްދީފައެވެ.
އޭސީ މިލާނުގެ ހުނަރުވެރި ކުޅުންތެރިޔާ އެންޑްރޫ ކޮންޓީއަށް އަނިޔާވެފައިވަނީ އެންމެ ފަހުން ޔޫރޮޕާ ލީގުގައި އޮސްޓްރިއާގެ އޮސްޓްރިއާ ވިއެންއާ ދެކޮޅަށް މިލާން ކުޅެ 1-5 ގެ ނަތީޖާއިން މޮޅުވި މެޗުގައި ކޮންޓީގެ ވާތު ކަކުލުގެ ލިގަމެންޓަށެވެ.
މި އަނިޔާއާއި ގުޅިގެން އިޓާލިއަން ލީގުގެ ކުރީ ކޮޅާއި ގައުމީ ޓީމާއި އެކު ވޯލްޑް ކަޕް ކޮލިފިކޭޝަންސްގައި ކުޅެން ޖެހޭ ބައެއް މެޗުތަކާއި، ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތަކުގައި ކޮންޓީއަށް ނުކުޅެވޭނެވެ.