އުތުރު ކޮރެއާ އިން ދާދިފަހުން ޖަޕާނު މަތިން އުދުއްސާލި މިސައިލް ހަރުއަޑުން ކުށްވެރި ކުރާ ކަމަށާއި އަދި މިހާރުން މިހާރަށް މިފަދަ އަމަލުތައް ހުއްޓާލުމަށް އދ ގެ ސެކިޔުރިޓީ ކައުންސިލުން ހުކުރު ދުވަހު އުތުރު ކޮރެއާ އަށް ގޮވާލައިފިއެވެ.
އދ ގެ ސެކިޔުރިޓީ ކައުންސިލުން މިހެން ގޮވާލީ އުތުރު ކޮރެއާ އިން އެންމެ ފަހުން ޖަޕާނު މަތިން އުދުއްސާލި މިސައިލާއި ގުޅިގެން، ހުކުރު ދުވަހު ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހުގައެވެ.
ކައުންސިލްގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ އދ އިން މިހާތަނަށް އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް، މެމްބަރު ގައުމުތަކުން "ފުރިހަމައަށް އަދި މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ގޮވާލާ ކަަމަށެވެ." އދ ގެ ސެކިޔުރިޓީ ކައުންސިލަކީ އދ ގެ އެންމެ ބާރުގަދަ ގުނަވަނެވެ. ބަޔާނުގައި އިތުރަށް ބުނީ އުތުރު ކޮރެއާގެ މައްސަލައަށް ސުލްހަވެރި ހައްލެއް މަޝްވަރާގެ ތެރެއިން ހޯދަން ޖެހޭ ކަމަށެވެ.
ޖަޕާނުި މަތިން އުތުރު ކޮރެއާ އިން ފޮނުވާލި މިސައިލާ ބެހޭގޮތުން ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވެފައި ވަނީ އުތުރު ކޮރެއާގެ އަމަލުތައް "އެއްވެސް ގޮތަކަށް ބަލައިނުގަންނާނެ" ކަމަށެވެ.
އުތުރު ކޮރެއާ އިން އުދުއްސާލި މިސައިލާ ބެހޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވީ އުތުުރު ކޮރެއާގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ. ޓިލާސަން ވަނީ އުތުރު ކޮރެއާގެ އަމަލުތައް މިހާރު ބަހައްޓަން ޖެހޭ މޭރުމުން ބަހައްޓަން ޖެހޭ އެއް ސަބަބަކީ ޗައިނާ އާއި ރަޝިއާ ކަމަށްވެސް ތުޙުމަތުކުރައްވާފައެވެ. އެގޮތުން ޓިލާސަން ވިދާޅުވީ ޗައިނާ އާއި ރަޝިއާ އިން އުތުރު ކޮރެއާގެ މިސައިލް އުދުއްސާލުންތަކަށް ފިޔަވަޅު އަޅާ މިކަމަށް ނޫނޭކޭ ބުނަން ޖެހޭ ކަމަށެވެ. އިތުރަށް ޓިލާސަން ވިދާޅުވީ އުތުރު ކޮރެއާއަށް އެތެރެ ކުރާ ތެލުގެ އެންމެ ބޮޑު އިންސައްތަ އެތެރެ ކުރަނީ ޗައިނާއިން ކަަމަށެވެ. އަދި އުތުރު ކޮރެއާގެ މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ގަދަކަމުން މަސައްކަތް ކުރުވުމަށް މީހުން އެގައުމަކަށް އެތެރެކުރާ ގައުމަކީ ރަޝިއާ ކަމަށް ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އުތުރު ކޮރެއާއަށް ކިތަންމެ ވަރަކަށް އަމާޒުވިޔަސް، ބައިނަލްއަގްވާމީ ދުނިޔެއިން ކިތަންމެ ފިޔަވަޅެއް އެޅިއަސް، އަދި އެކިޔާ ފާޑުކިޔުމަކުން ނުވަތަ އަޅާ ފިޔަވަޅަކުން އުތުރު ކޮރެއާ ހަމަ އެއްވެސް ޖެހިލުމެއް ނުވެއެވެ.