ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 14:08
ޗެލްސިގެ ކުޅުންތެރިޔާ އަލްވާރޯ މޮރާޓާ
ޗެލްސިގެ ކުޅުންތެރިޔާ އަލްވާރޯ މޮރާޓާ
ޓްވިޓަރ
ޗެލްސީ
މޮރާޓާ ބޭނުންވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން: ކޮންޓޭ
މޮރާޓާ ޗެލްސީއަށް ބަދަލުވީ 60 މިލިއަން ޕައުންޑަށް
މޮރާޓާއަކީ ވަރަށް ޒުވާން ހުނަރުވެރި މޮޅު ކުޅުންތެރިޔެއް: ކޮންޓޭ
މޮރާޓާގެ ކިބައިގައި ޗެލްސީގެ ފޯވާޑެއްގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް އެބަހުރި

ޗެލްސީއާ އަލަށް ގުޅުނު ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާގެ އަމާޒަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުން ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޮންޓޭ ބުނެފައިވަނީ މޮރާޓާއަކީ ވަރަށް ޒުވާން ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ތަފާތު މޮޅު ހުނަރުވެރި ކުޅުންތެރިޔެއް ކަމަށެވެ. ހަމައެހެންމެ އޭނާގެ ފަރާތުން މުސްތަގުބަލުގައި އަދި މިޔަށް ވުރެ މޮޅު ކުޅުން ފެންނާނެ ކަމަށާއި އޭނާ އަންނަނީ ޖުވެންޓަސްއާ ރެއާލް މެޑްރިޑްގައި އޭނާއަށް ލިބުނު ތަޖުރިބާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަމުން ކަމަށްވެސް ކޮންޓޭ ބުންޏެވެ.

ސްޕެއިންގެ ގައުމީ ޓީމާއެކުވެސް އޭނާއަށް ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބިފައިވާ ކަމަށާއި އޭނާ ޗެލްސީގައި ހުރުމަކީ އެ ޓީމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ކޮންޓޭ ހާމަކުރިއެވެ. އަދި އޭނާގެ ކިބައިގައި ޗެލްސީގެ ފޯވާޑެއްގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް އެބަހުރި ކަމަށާއި ޓްރެއިނިންގައި އޭނާގެ ފަރާތުން ފެންނަމުންދަނީ ވަރަށް ރަނގަޅު އެޓިޓިއުޑެއް ކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން މޮރާޓާގެ ފަރާތުން ފެންނަމުން އަންނަ މޮޅު ކުޅުމުން އަންގައިދެނީ އޭނާގެ އަމާޒަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުން ކަމަށް ކޮންޓޭ ބުންޏެވެ.

މި ސީޒަނުގައި ޗެލްސީއަށް މޮރާޓާ ގެނެސްފައި ވަނީ އެ ޓީމަށް ކުޅެމުން އަންނަ ޑިއޭގޯ ކޮސްޓާގެ ބަދަލުގައެވެ. އެގޮތުން ކޮންޓޭގެ ޕްލޭންގައި ކޮސްޓާ ނުހިމެނޭތީ ޗެލްސީއިން ވަނީ ރެއާލްއަށް 60 މިލިއަން ޕައުންޑް ދިނުމަށްފަހު މޮރާޓާ ގެނެސްފައެވެ. މޮރާޓާވަނީ މި ސީޒަނުގައި ޗެލްސީއަށް ކުޅުނު ތިން މެޗުގައި އޭނާވަނީ ތިން ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް