ފަހަކަށް އައިސް ބަލާލި ކޮންމެ ދިމާލަކުން އެންމެ ގަދައަށް ދެކެވޭތަން ފެންނަ އެއް ވާހަކައަކީ، ދުނިޔޭގައި އެންމެ ދަތި، ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ދަރިކޮޅުގެ ގޮތުގައި ސިފަކުރެވޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކުގެ ވާހަކައެވެ. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް މިބައިމީހުންނަށް ލިބެމުންދާ އަނިޔާތަކުގެ ވާހަކަ ދެކެވުނު ނަމަވެސް، އެއީ ކޮން ބައެއްކަމާއި، އެމީހުން ކުރިމަތިލަމުންދާ އަނިޔާތަކުގެ އަސްލު އެނގޭ ދިވެހިން ވަރަށް މަދެވެ.
ރޮހިންޖާ މުސްލިމުންނަކީ ކޮބާ؟
ރޮހިންޖާ ދަރިކޮޅަކީ ވޭތުވެދިޔަ އެތައް ޤަރުނެއްވާންދެން، ބަރުމާގައި ދިރިއުޅެމުންދާ މުސްލިމުންގެ ބައެކެވެ. ބަރުމާ، ނުވަތަ މިހާރު ރަސްމީ ގޮތުން ބޭނުންކުރާ ނަމުންނަމަ މިޔަންމާ އަކީ ބުޑިސްޓު ޤައުމެކެވެ. އެ ޤައުމުގެ އާބާދީގެ ބޮޑު ބަޔަކީ ހަރުކަށި ފިކުރުގެ ބުޑިސްޓުންނެވެ. ފަންސާސް މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ބަރުމާގައި މިހާރުވެސް ރޮހިންޖާ ދަރިކޮޅުގެ އެއް މިލިއަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅެއެވެ. މި އެންމެންހެން ދިރިއުޅެނީ ބަންގާޅުގެ ޗިޓަގޮންގް ޑިވިޝަނާއި އިންވެގެން، ބަރުމާގެ ހުޅަނގު އުތުރަށް އޮންނަ ރަހައިން ސްޓޭޓްގައެވެ.
ބަރުމާ ސަރުކާރުގެ ހުއްދައާއި ނުލައި މި މީހުން ރަހައިން ސްޓޭޓުން ބޭރަށް ދިއުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަސާސީ ގިނަ ޚިދުމަތްތަކުން މަހުރޫމްކޮށްފައިވާ ރަހައިން ސްޓޭތަކީ ބަރުމާގެ އެންމެ ފަޤީރު ސްޓޭޓް ކަމުން ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ގުނައިލެވެނީ ދުނިޔޭގެ ނިސްބަތުން ދިރިއުޅުމުގެ ފެންވަރު އެންމެ ދަށް އެއް ބައެއްގެ ގޮތުގައެވެ.
ރޮހިންޖާ ދަރިކޮޅުގެ މީހުން ވާހަކަ ދައްކަނީ ރޮހިންޖާ ނުވަތަ ރުއެއިންގާ ބަހުރުވައިންނެވެ. މިއީ ޚާއްސަކޮށް ރަހައިން ސްޓޭޓް، އަދި އާންމުކޮށް މުޅި ބަރުމާގައިވެސް ވާހަކަދައްކާ ބަހުރުވައެކެވެ.
ރޮހިންޖާ ދަރިކޮޅަކީ ބަރުމާގައި އުޅޭކަމަށް އެޤައުމުގެ ރަސްމީ އިދާރާތަކުން ޤަބުލުކުރާ 135 ދަރިކޮޅުގެ ތެރޭގައި ހިމެނޭ ދަރިކޮޅެއް ނޫނެވެ. އެހެންކަމުން 1982 ވަނަ އަހަރުން ފެށިގެން ރޮހިންޖާ ދަރިކޮޅުގެ މީހުންނަކީ ބަރުމާގެ ރައްޔިތުން ކަމަކަށް އެ ޤައުމުން ނުބަލައެވެ. ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް، ބަރުމާގެ ރައްޔިތުކަމާއި، އެއާއި ގުޅިގެން ލިބޭ އެއްވެސް ޙައްޤެއްވެސް ނުލިބެއެވެ.
ވޭތުވެދިޔަ ތަނުގައި، ހަމަނުޖެހުމާއި، އެބައިމީހުންނާއި ދެކޮޅަށް ހިންގޭ ޖަރީމާތަކުގެ ސަބަބުން، ރޮހިންޖާ ދަރިކޮޅުގެ އެތައް ހާސް ބަޔަކު ވަނީ އެއްގަމާއި، ކަނޑުމަގުން، ފިލައިގެން އެހެން ޤައުމުތަކަށް ގޮސްފައެވެ.
ރޮހިންޖާ މީހުންނަކީ ކޮންތާކުން އައި ބައެއް؟
ތާރީޚު ދިރާސާ ކުރާ ފަރާތްތަކާއި ޚުދު ރޮހިންޖާ ދަރިކޮޅުގެ މީހުން ބުނާ ގޮތުގައި މިހާރު ބަރުމާގެ ގޮތުގައި އޮތް ސަރަޙައްދުގައި 12 ވަނަ ޤަރުނުން ފެށިގެން މުސްލިމުން ދިރިއުޅެމުން ގޮސްފައިވެއެވެ.
މިހާރު މިޔަންމާގެ ނަން ދެވިފައިވާ ބަރުމާ އިނގެރޭސީންގެ އަޅުވެތިކަމުގައި 100 އަށްވުރެ ގިނަ އަހަރު (1824 އިން 1948 އަށް) އޮތް އިރު، ބަރުމާ އޮތީ އިންޑިއާގެ ޕްރޮވިންސެއްގެ ގޮތުގައެވެ. އޭރު މަސައްކަތު މީހުންގެ ގޮތުގައި މިހާރުގެ އިންޑިއާ އާއި ބަންގާޅުން ގިނަ ބަޔަކު ބަރުމާއަށް ހިޖުރަ ކޮށްފައެވެއެވެ. ނަމަވެސް އޭރު ބަރުމާ، އިންޑިއާގެ ޕްރޮވިންސެއްގެ ގޮތުގައި ހިންގަމުން ދިއުމުގެ ސަބަބުން، މި ހިޖުރަ ކުރުން ބެލެވިފައި އޮތީ އެތެރޭގެ ހިޖުރަކުރުން ކަމުގައެވެ.
ނަމަވެސް، ބަރުމާގައި އޭރު ދިރިއުޅެމުންދިޔަ ބަރުމާ ހިމެނޭ ސަރަޙައްދަށް އުފަން ފަރާތްތަކުން މި ހިޖުރަކުރުންތަކާއި އޭރުވެސް ތިބީ ހިތްހަމަނުޖެހިފައެވެ.
1948 ވަނަ އަހަރު ބަރުމާއަށް މިނިވަންކަން ލިބުމާއިއެކު އުފެދުނު ސަރުކާރުން، އިނގެރޭސިންގެ އަޅުވެތިކަމުގައި އޮތް ދުވަސްވަރު ގިނަ ބަޔަކު ހިޖުރަ ކުރި ކުރުމަކީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށް ނިންމިއެވެ. މި ނިންމުމަށްފަހު ބަރުމާގެ ގިނަ ބުޑިސްޓުން ދެކޭގޮތުގައި ރޮހިންޖާދަރިކޮޅުގެ މީހުންނަކީ ޤާނޫނާއި ޚިލާފަށް ބަންގާޅުން ބަރުމާއަށް އެތެރެވި ބައެކެވެ. އަދި އެމީހުން ދެކޭ ގޮތުގައި "ރޮހިންޖާ"، މި ނަމާއި، އެމީހުންގެ ތާރީޚަކީ ސިޔާސީ ބޭނުމަށް އެމީހުން އުފައްދާފައިވާ ވާހަކަތަކެކެވެ.
ރޮހިންޖާ މީހުންނަށް ރައްޔިތުކަން ނުދީ އެމީހުނަށް އަނިޔާ ކުރަނީ ކީއްވެ؟
ބަރުމާއަށް މިނިވަންކަން ލިބުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން، 1948 ވަނަ އަހަރު، ބަރުމާ ސަރުކާރުން ޔޫނިއަން ސިޓިޒެންޝިޕް އެކްޓް ފާސް ކުރިއެވެ. މި ޤާނޫނުގައި ބަޔާންކޮށްފައިވަނީ ބަރުމާގެ ރައްޔިތުކަން ލިބޭނެ ދަރިކޮޅުތަކެވެ. ޔޭލް ލޯ ސްކޫލްގެ އިންޓަރނޭޝަނަލް ހިއުމަން ރައިޓްސް ކްލިނިކުން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުން މި ޤާނޫނުގައި ރޮހިންޖާ ދަރިކޮޅުގެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ ޖީލަށްވުރެ ގިނަ ދުވަހު ބަރުމާގެ ސަރަޙައްދުގައި ދިރިއުޅެފައިވާ އާއިލާތަކުގެ މީހުންނަށް އައިޑެންޓިޓީ ކާޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެ ޤާނޫނުގައި އޮތީ ހުޅުވާލާފައެވެ. ނަމަވެސް މިއީވެސް ފުރިހަމަ ރައްޔިތުކަމެއް ނޫނެވެ.
މި ލުއީގެ ތެރެއިން އޭރު ރޮހިންޖާ ދަރިކޮޅުގެ ބައެއް މީހުންނަށްވެސް އައިޑެންޓިޓީ ކާޑު ދިނެވެ. އަދި އޭރު ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ ބައެއް މީހުން ބަރުމާގެ ޤާނޫނު ހަދާ މަޖިލީހުގައިވެސް މަސައްކަތް ކުރިއެވެ.
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދިޔަ މި ފުރުޞަތުތައް ފުށުންޖެހި، އެ މީހުންނަށް ކަންކަން ބަދަލުވެގެންދިޔައީ 1962 ވަނަ އަހަރު ބަރުމާއަށް ގެނައި އަސްކަރީ ބަޣާވާތަށް ފަހުއެވެ.
އަސްކަރިއްޔާގެ ވެރިކަމުގައި ބަރުމާގެ ހުރިހާ ރައްޔިތުންނަށް ޤައުމީ ރެޖިސްޓްރޭޝަން ކާޑު ހައްދަން މަޖުބޫރު ކުރިއެވެ. ބަރުމާގެ ހުރިހާ ރައްޔިތުންނަށް މި ކާޑު ދިން ނަމަވެސް، ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ދިނީ ތަފާތު ކާޑެކެވެ. އޭގައިވާގޮތުން އެމީހުންނަކީ ބިދޭސީންނެވެ. މީގެ ސަބަބުން ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ތަޢުލީމާއި، ވަޒީފާ އާއި އެހެނިހެންވެސް ފުރުޞަތުތައް ހޯދުން ނާދިރު ކަމަކަށް ވެގެންދިޔައެވެ.
އަސްކަރިއްޔާއިން ވެރިކަމާއި ހަވާލުވިތާ 20 އަހަރުފަހުން 1982 ވަނަ އަހަރު ބަރުމާގެ ރައްޔިތުކަމާއި ގުޅޭ އައު ޤާނޫނެއް ފާސްކުރިއެވެ. ޔޫނިއަން ސިޓިޒެންޝިޕް އެކްޓެކޭ އެއްގޮތަށް، މި ޤާނޫނުގައިވެސް ބަރުމާއަށް ނިސްބަތްވާ ދަރިކޮޅުތަކުގެ ތެރޭގައި ރޮހިންޖާ ދަރިކޮޅު ހިމަނާފައެއް ނުވެއެވެ. މި ޤާނޫނުގެ ދަށުން ރައްޔިތުކަން ތިން ދަރަޖައަކަށް ބަހާފައިވާއިރު، މީގެތެރެއިން އެންމެ އާދައިގެ ދަރަޖައިގެ ރައްޔިތަކަށް ވުމުގެ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ، 1948 ގެ ކުރިން އެމީހެއްގެ އާއިލާ ބަރުމާ ހިމެނޭ ސަރަޙައްދުގައި ދިރިއުޅުނު ކަމުގެ ހެއްކާއި، ބަރުމާގައި ވާހަކަދައްކައިއުޅޭ އެއް ބަސް ފުރިހަމައަށް އެނގުމެވެ. ވާހަކަދައްކަން އެނގުނު ނަމަވެސް، ފެށުނީއްސުރެ ރޮހިންޖާ ދަރިކޮލުގެ މީހުންނާއިމެދު ގެންގުޅެމުންއައި ތަފާތުތަކުގެ ސަބަބުން އާއިލާ ބަރުމާގައި ދިރިއުޅުނު ކަމުގެ ހެއްކެއް އެފަރާތްތަކުގެ އަތުގައެއް ނެތެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަކީ ބަރުމާއަށް ނިސްބަތްނުވާ ބައެއް ކަމަށް ކަނޑައެޅިއެވެ. މި ޤާނޫނާއިއެކު ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން، ސްޓޭޓްލެސް، ނުވަތަ ޤައުމަކަށް ނިސްބަތްނުވާ ދަރިކޮޅަކަށް ވެގެންދިޔައެވެ. އެއާއިއެކު ތަޢުލީމާއި، ވަޒީފާ އަދާކުރުމާއި، ދަތުރުފަތުރު ކުރުމާއި، ކައިވެނި ކުރުމާއި، އަޅުކަން ކުރުމާއި، ސިއްޚީ ފަރުވާ ލިބިގަތުމުން އެމީހުން މަހުރޫމް ކުރެވިގެން ދިޔައެވެ.
އަދި ގިނަ ދަތިތަކަކަށްފަހު، ބަރުމާ ރައްޔިތަކަށް ވުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދި ނަމަވެސް، ރައްޔިތަކަށް ވުމަށްޓަކައި ރޮހިންޖާ ދަރިކޮޅާއި ހުރިހާ ގުޅުމެއް ކަނޑަން ޖެހެއެވެ. އެގޮތަށް ބަރުމާގެ ރައްޔިތުންނަށް ވާ ފަރާތްތައްވެސް ބައެއް ދާއިރާތަކުން ކިޔެވުމާއި، ބައެއް ދާއިރާތަކުގައި ވަޒީފާ އަދާކުރުން މަނާވެގެންދެއެވެ. މީގެ ތެރޭގައި ސިއްޙީ ދާއިރާ އާއި ޤާނޫނީ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާ ހިމެނެއެވެ.
1970ގެ އަހަރުތަކުން ފެށިގެން، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން، އެ ދަރިކޮޅުގެ އެތައް ލައްކަ ބަޔަކު ދަނީ ފިލައިގެން އަވަށްޓެރި ބަންގާޅާއި މެލޭޝިއާ އަދި ތައިލޭންޑްގެ އިތުރުންވެސް ދެކުނު އޭޝިއާގެ ޤައުމުތަކަށް ދަތުރުކުރަމުންނެވެ. ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގައި އެ ދަރިކޮޅުގެ މީހުންނަށް ލާއިންސާނީ އަނިޔާކޮށް، އޭގެތެރެއިން މީހުން ރޭޕްކޮށް، މީހުން މަރައި، އެމީހުން ދިރިއުޅޭ ޖިފުޓީތަކުގައި ހުޅުޖަހާފައިވާ ކަމުގެ ރިޕޯޓްތައް ކޮށްފައިވެއެވެ.
ފަހުގެ ތާރީޚުގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހަމަލާ ދޭން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅެވެ. 2016 އިގެ އޮކްޓޫބަރުގައި މިޔަންމާ ބޯޑަރު ޕޮލިހުންގެ 9 މީހަކު މަރާލުމާއި ގުޅިގެން، އެއީ ރޮހިންޖާ ދަރިކޮޅުގެ ހަނގުރާމަވެރި ޖަމާޢަތަކުން ދިން ހަމަލާއެއް ކަމަށް މިޔަންމާ ސަރުކާރުން އިޢުލާނުކުރިއެވެ. އަދި މިއާއިއެކު މިޔަންމާ ސިފައިން ރަހައިން ސްޓޭޓްގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުންދިޔަ އަވަށްތަކަށް އެރިއެވެ. އެ އަވަށްތަކުގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަންގައި ގިނަ ބައެއްގެ އިންސާނީ ޙައްޤުތަކަށް އަރައިގަނެ، ގިނަ ބަޔަކު މަރައި، ރޭޕްކޮށް، ތަންތަނުގައި ހުޅުޖެހިކަމުގެ ތުޙުމަތު ދުނިޔޭގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެކި ޖަމާޢަތްތަކުން މިޔަންމާ ސިފައިންގެ މައްޗަށް ކުރިއެވެ. މި ހުރިހާ ތުޙުމަތަކަށް މިޔަންމާ ސަރުކާރުން އޭރު އިންކާރު ކުރިއެވެ.
މި ހާދިސާއަސްފަހު، 2016 އިގެ ނޮވެމްބަރުގައި، މިޔަންމާ ސަރުކާރުން ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ނަސްލު ނައްތާލުމުގެ ޖަރީމާތަށް ހިންގަމުންދާކަމުގެ ތުޙުމަތު އދގެ އޮފިޝަލަކު ކުރިއެވެ. އަދި މިއީ ރަސްމީ ފަރާތަކުން މިފަދަ ތުޙުމަތެއް ކުރި ފުރަތަމަ ފަހަރެއްވެސް ނޫނެވެ.
މިސާލަކަށް، 2013 ވަނަ އަހަރުގެ އޭޕްރިލް މަހު، ހިއުމަން ރައިޓްސް ވޮޗުން ނެރުނު ބަޔާނެއްގައިވެސް މިޔަންމާ ސަރުކާރުން ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ނަސްލު ނައްތާލުމުގެ ޖަރީމާތަށް ހިންގަމުންދާކަމުގެ ތުޙުމަތު ކޮށްފައިވެއެވެ. ނަމަވެސް މިފަދަ ތުޙުމަތެއް ކުރެވުނު ކޮންމެ ފަހަރަކުވެސް، މިޔަންމާ ސަރުކާރުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
މިހާރު މިޔަންމާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް ބަލާއިރު، ލާއިންސާނީ ޖަރީމާތަކުގެ މި ކެމްޕެއިން ފެށިގެންގޮސްފައިވަނީ ނިމިގެންދިޔަ އޯގަސްޓް މަހުގެ ފަހުކޮޅު، މިޔަންމާގެ ފުލުހުންގެ ޕޯސްޓަކާއި، ސިފައިންގެ ބޭސްއަކަށް ދިން ހަމަލާއަކަށް ފަހުއެވެ.
މިޔަންމާ ސިފައިން ވަކި އުސޫލެއްނެތި ބަޑިން ހަމަލާދީ، ރޮހިންޖާ ދަރިކޮޅުގެ އަންހެނުންނާއި، ފިރިހެނުންނާއި، ކުޑަކުދިން މަރަމުންދާ ކަމުގެ ރިޕޯޓްތައް އާންމުވަމުންދާއިރު، މިޔަންމާ ސަރުކާރުން ބުނަމުންދަނީ ރަހައިން ސަރަޙައްދުގައި މީހުން މަރުވެފައިވަނީ، ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ އަރާކަން ރޮހިންޖާ ސެލްވޭޝަން އާމީ ނުވަތަ އަރްސާއިން ފުލުހުންގެ ޕޯސްޓަކަށް ދިން ހަމަލާއެއްގައި ކަމަށާ، އެ ހަމަލާގައި ސަތޭކައެއްހާ މީހުން މަރުވެފައިވާ ކަމަށެވެ.
މިފަހަރުގެ ހަމަލާތަށް ފެށުނުފަހުން، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ރަހައިން ސްޓޭޓްގެ ދިހަ ސަރަޙައްދަކަށްވުރެ ގިނަ ހިސާބުތަކުގައި މިޔަންމާ ސިފައިން ހުޅުޖަހާފައިވާކަން ޑޮކިއުމެންޓް ކޮށްފައިވެއެވެ. މި ހަމަލާތަކާއި ގުޅިގެން ބައިލައްކައެއްހާ މީހުން މިޔަންމާ އާއި އިންވެގެން އޮތް ބަންގްލަދޭޝްއަށް ހިޖުރަކުރުމަށް މަސައްކަތް ކޮށްފައިވާއިރު، މީގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ތިބީ އެ ދެ ޤައުމުގެ ދެމެދުގައިވާ ވެރިކަމާއި މެދު ސުވާލު އުފެދިފައިވާ ސަރަޙައްދުގައި ތާށިވެފައެވެ.
އދ އިން މިހާތަނަށް ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ބަންގްލަދޭޝްއަށް ހިޖުރަކުރަން މަސައްކަތްކުރި އެތައް ސަތޭކަ ބަޔަކު ބަންގާޅުގެ ބޯޑަރު ޕޮލިހުން ވަނީ ފަހަތަށް ޖައްސާފައެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށް، މިޔަންމާގެ އަސްކަރިއްޔާ އާއި ހަވާލުވެސް ކޮށްފައިވެއެވެ.
މިޔަންމާއިން ބޭރަށް ހިޖުރަކުރުމަށް މަސައްކަތްކުރި މީހުންނާއި އެމީހުން ދިޔަ ތަންތަން
1970 އިގެ އަހަރުތަކުން ފެށިގެން މިހާތަނަށް، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކުން ސަލާމަތްވުމަށް، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ އެ ޤައުމު ދޫކޮށް ގޮސްފައެވެ.
މި އަހަރުގެ މޭމަހު އދއިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، 2012 ވަނަ އަހަރުން ފެށިގެން އެކަނިވެސް، ރޮހިންޖާ ދަރިކޮޅުގެ 168،000 އަށްވުރެ ގިނަ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައެވެ. މީގެ ތެރޭގައި 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަމަލާތަކަށްފަހު ހިޖުރަކުރި 87،000 މީހުންވެސް ހިމެނެއެވެ.
މި އަހަރުގެ އޯގަސްޓް މަހު ފެށި ޖަރީމާތަކަށްފަހު މިޔަންމާ ދޫކޮށް ހިޖުރަކޮށްފައިވާ 380،000 މީހުންނާއި، ހިޖުރަ ކުރުމަށް މަސައްކަތްކުރަމުންދާ ބައިލައްކައަށްވުރެ ގިނަ މީހުންނާއި އެކު ފަހުގެ ތާރީޚުގައި މިޔަންމާ ދޫކޮށް ހިޖުރަ ކުރި މުސްލިމުންގެ އަދަދު ވަނީ 800،000 އަށް އިތުރުވެފައެވެ.
ބަންގާޅުގެ އިތުރުން ބޭ އޮފް ބޭންގޯލް އާއި އެންޑަމަން ކަނޑު ހުރަސްކޮށް، މެލޭޝިއާއަށްވެސް ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ހިޖުރަކޮށްފައިވާއިރު، 2012 ވަނަ އަހަރުން ފެށިގެން 2015 އާއި ދެމެދު 112،000 މީހުން މެލޭޝިއާއަށް ދިއުމަށް ދަތުރުކޮށްފައިވާކަމަށް ރިކޯޑްތަކުން ދައްކައެވެ.
މިޔަންމާއިން ބޭރުގައި، ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި މިހާރު ރޮހިންޖާ ދަރިކޮޅުގެ މިލިއަނަކަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާކަމަށް އދ އިން ލަފާކުރާއިރު، އިތުރު 120،000 މީހުން މިޔަންމާގެ އެތެރޭގައި އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައި ތިބި ކަމަށްވެސް އދގެ ރިކޯޑްތަކުން ދައްކައެވެ.
އަން ސަން ސޫޗީ އާއި މިޔަންމާ ސަރުކާރުން ރޮހިންޖާ ދަރިކޮޅުގެ މީހުންނާއި ދޭތެރޭ ދެކެނީ ކިހިނެއް؟
މިޔަންމާގެ ސްޓޭޓް ޗާންސެލަރ އަދި އެ ޤައުމުގެ ލީޑަރު އަން ސަން ސޫޗީ ހަޤީޤަތުގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެއްވެސް ނުވެއެވެ.
ނޮބެލް ސުލްހައިގެ އިނާމުވެސް ލިބިވަޑައިގެންފައިވާ އަން ސަން ސޫޗީ އާއި އެކަމަނާގެ ސަރުކާރުން، ކުރީގެ އަސްކަރީ ސަރުކާރެކޭ އެއްގޮތަށް، ރޮހިންޖާ ދަރިކޮޅަކީ މިޔަންމާގެ ވަކި ދަރިކޮޅެއްކަމަށް ޤަބޫލެއް ނުކުރެއެވެ. އަދި އެފަރާތްތަކުން ބުނާ ގޮތުގައި ރަހައިން ސްޓޭޓްގައި މިހާރު ހިނގަމުންދާ ހުރިހާ ކަމަކީވެސް ރޮހިންޖާ ދަރިކޮޅުގެ ޓެރަރިސްޓުން ހިންގާ ކަންތައްތަކެވެ.
މިޔަންމާގެ ވެރިކަމުގެ ނިޒާމު އޮތްގޮތުން އަން ސަން ސޫޗީއަށް އަސްކަރިއްޔާގެ މައްޗަށް މާބޮޑު ބާރެއް ނުވަތަ ނުފޫޒެއް ނެތް ނަމަވެސް، އަސްކަރިއްޔާގެ ޖަރީމާތައް ކުށްވެރިކުރެއްމާއި، ރޮހިންޖާ ދަރިކޮޅުގެ މިލިއަނަކަށްވުރެ ގިނަ ރައްޔިތުންގެ ޙައްޤުގައި ތެދުވެވަޑައިގަތުމަށް އެކަމަނާ ދެކޮޅު ހައްދަވާފައިވާ ވުމާއި ގުޅިގެން އެކަމަނާއަށް ވަނީ ބައިނަލްއަޤުވާމީ މަސްރަހުގައި ގިނަ ފިއްތުންތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
އަން ސަން ސޫޗީގެ ސަރުކާރުން އަސްކަރިއްޔާގެ މި ޖަރީމާތައް ކުށްވެރި ކުރަން ދެކޮޅު ހަދާއިރު އެފަދަ ޖަރީމާތަކެއް ހިންގަމުންދަކަން ޤަބޫލުކުރުމަށްވެސް އެފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ. އެގޮތުން މިޔަންމާ ސިފައިން އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގަމުންދާ ކަމަށް ބެލެވޭ ކަމަށްބުނެ މި އަހަރުގެ ފެބްރުއަރީ މަހު އދ އިން ނެރުނު ރިޕޯޓަކަށް ނުސީދާކޮށް ރައްދުދީ، މިޔަންމާ ސަރުކާރުން ބުނެފައިވަނީ، އިތުރުވަމުންދާ ޓެރަރިސްޓް ހަމަލާތަކާއި ދެކޮޅަށް ޤާނޫނީ ހަމަތަކުގެ މަތިން މިޔަންމާ ދިފާޢުކުރުމުގެ ޙައްޤު އެޤައުމަށް ލިބިފައިވާ ކަމަށާއި، އަސްކަރިއްޔާއިން ކުރާ ކަންކަން އެ ޤައުމަށް އަމިއްލައަށްވެސް ތަޙުޤީޤު ކުރެވޭނެ ކަމަށެވެ.
އޭގެ ފަހުން އޭޕްރީލް މަހު، ބީބީސީއަށް ދިން އިންޓަރވިއުއެއްގައި އަން ސަން ސޫޗީ ވަނީ ނަސްލު ނައްތާލުމަކީ ރަހައިން ސްޓޭޓްގައި ހިނގަމުންދާ ކަންކަން ސިފަކުރުމަށް މާ ހަރުކަށި އިބާރާތެއް ކަމަށެވެ.
ސޫޗީގެ ސަރުކާރަށް ކުރިމަތިވަމުންދިޔަ ފާޑުކިޔުންތަކާއި ގުޅިގެން، އިތރު ގޮތެއް ނެތި، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އދގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާންގެ ރިޔާސަތުގައި މިޔަންމާގެ އެތެރޭގެ މައްސަލަތައް ހަމަޔަކަށް އެޅުވުމަށް މަޝްވަރާ ދިނުމަށް، މާބޮޑު ބާރެއް ނެތް ކޮމިޓީއެއް އެކުލަވައިލި ނަމަވެސް، މި އަހަރުގެ އޯގަސްޓް މަހު، އެ ކޮމިޓީގެ މަޝްވަރާ ރިޕޯތް ސޫޗީގެ ސަރުކާރަށް ހުށަހެޅުމުން އެއަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. މި ކޮމިޓީއަކީ ސޫޗީގެ ސަރުކާރަށް ކުރިމަތިވަމުންދިޔަ ފާޑުކިޔުންތައް ހުއްޓުވުމަށް އެކަމަނާ ޖެއްސެވި މަޅިއެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
ސޫޗީގެ ސަރުކާރުން ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް އެއްކިބައިގައި އޮތްއިރު، އެ ސަރަޙައްދުގެ ހަޤީޤީ ހާލަތު ހާމަވުމަށްވެސް އެކަމަނާގެ ސަރުކާރުން ވަނީ ހުރަސް އަޅާފައެވެ. އެގޮތުން ރޮހިންޖާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީވާކަމަށް އުޒުރުދައްކައި، ނޫސްވެރިންނާއި، އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތްތައް ރަހައިން ސްޓޭޓަށް ވަނުން ވަނީ މަނާކޮށްފައެވެ.
ފަހުގެ ތާރީޚެއްގައި މި މައްސަލަ އެންމެ ބޮޑުވެގެން ދިޔައީ މި އަހަރުގެ ޖަނަވަރީ މަހު، އދއިން މިޔަންމާގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ހޯދުމަށް ކަނޑައެޅި ޚާއްސަ ރެޕަޓުއަރ، ޔޭންގީ ލީގެ މަސައްކަތަށް ސޫޗީގެ ސަރުކާރުން ހުރަސްއެޅުމާއި ގުޅިގެންނެވެ. އެގޮތުން އެކަމަނާއަށް ރަހައިން ސްޓޭޓްގެ ބައެއް ހިސާބުތަކަށް ދިއުން މަނާކުރިއިރު، އެކަމަނާއަށް ބައްދަލުކުރެއްވުމުގެ ފުރުޞަތު ދީފައިވަނީވެސް މިޔަންމާ ސަރުކާރުން ބޭނުންވާގޮތަށް ވާހަކަދެއްކުމަށް ކަނޑައަޅާފައިވާ ރޮހިންޖާ ދަރިކޮޅުގެ މީހުންނާއިއެވެ.
މީގެ އިތުރުން، ދާދި ފަހުންވެސް މިޔަންމާގެ ސަރުކާރުން ވަނީ އދގެ ތަޙުޤީޤީ ޓީމެއް އެޤައުމަށް އެރުން މަނާކޮށް، އެފަރާތްތަކަށް ވިސާދޭން ދެކޮޅު ހަދާފައެވެ.
ރޮހިންޖާ އާއި މެދު ބަންގާޅުގެ ބަހަކީ ކޮބާ؟
މުސްލިމު ޤައުމުތަކުން ކުރިމަތިވަމުންދާ ޕްރެޝަރުގެ ސަބަބުން ބަންގާޅުން ރޮހިންޖާ ރެފިއުޖީންނަށް ހިޔާވަހިކަން ދީފައިވީނަމަވެސް، ބަންގާލުގެ ސަރުކާރުގެ ފަރާތުން މި މައްސަލައިގައި ފެންނަ މަންޒަރާއި އެފަރާތުގެ ވިސްނުން ވަރަށް ތަފާތެވެ.
ރޮހިންޖާ ދަރިކޮޅަށް ނިސްބަޔްވާ ބައި މިލިއަނެއްހާ މުސްލިމުން މިހާރުވެސް ބަންގާޅުގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބިއިރު މީގެ ތެރެއިން ގިނަ ބަޔަކީ އެއްވެސް ގޮތަކަށް، އެއްވެސް ތަނެއްގައި ރަޖިސްޓްރީ ކުރެވި އެއީ ކޮން ބައެއްކަން އެނގޭނެ ގޮތެއް އޮތް ބައެއް ނޫނެވެ.
ބޯޑަރު ހުރަސްކޮށް، މި ދެންނެވުނު ކޭމްޕްތަކުން ބޭރުގައި ދިރިއުޅެމުންދާ މީހުންނަކީ ޤާނޫނާއި ޚިލާފަށް ބަންގާޅަށް ވަދެގަނެގެން އުޅޭ މީހުން ކަމަށް ބަންގާޅު ސަރުކާރުން ޤަބޫލުކުރާއިރު، ރޮހިންޖާ ދަރިކޮޅުގެ މީހުން ބަންގާޅަށް ވަނުން ހުއްޓުވުމަށް އެ ޤައުމުން ވަނީ އެކި ފަހަރުމަތިން އޮޕަރޭޝަންތައް ހިންގާފައެވެ.
ބަންގާޅު ސަރުކާރުގެ ވިސްނުމުގައި، އަދި ޚާއްސަކޮށް އެޤައުމުގެ ބޮޑުވަޒީރާ ޝައިޚް ހަސީނާގެ ވިސްނުންފުޅުގައި ރޯހިންޖާ ދަރިކޮޅުގެ މުސްލިމުންނަކީ ބަންގާޅާއި އެއްވެސް ގުޅުމެއް އޮތް ބައެއް ނޫނެވެ. އަދި ރޮހިންޖާ ދަރިކޮޅުގެ މީހުންނަކީ ބަންގާޅަށް ބަލަދު އަރާ ބައެއް ނޫން ކަމަށްވެސް އެކަމަނާ ވަނީ އެކި ފަހަރުމަތިން އިންޓަރވިއުތަކުގައި ވިދާޅުވެފައެވެ.
ނަމަވެސް ބަންގާޅަކީ މައިގަނޑު ގޮތެއްގައި މުސްލިމު ޤައުމެއް ކަމަށް ވެފައި މިޔަންމާ އާއި އެންމެ ގާތުގައި އޮތް އެފަދަ ޤައުމުކަމުން، ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި މުސްލިމުންގެ ފަރާތުން ކުރިމަތިވާ ޕްރެޝަރުގެ ސަބަބުން ބަންގާޅުން ވަނީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް ކަމަށްބުނެ އެކި ފަހަރުމަތިން އެކި ކަންކަން ކޮށްފައެވެ.
އެގޮތުން އެޤައުމުން ކުރީއްސުރެ ގެންގުޅެމުންދިޔަ ވިސްނުމަކާއި އެއްގޮތަށް، ބޭ އޮފް ބެންގޯލްގައިވާ ތެންގަރް ޗާރް ކިޔާ ރަށަކަށް ރޮހިންޖާ ދަރިކޮޅުގެ އެންމެން ބަދަލުކުރުމުގެ ޕްލޭނެއް މި އަހރުގެ ޖަނަވަރީ މަހު ބަންގާޅުން ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި ތެންގަރް ޗާރް އާކީ، ދިރިއުޅެން އެކަށޭނަ ރަށެއް ނޫނެވެ. އެގޮތުން ވިއްސާރަ މޫސުމުގައި އެރަށުގައި ފެންބޮޑުވެ، މުޅި ރަށް ދުވަސްތަކެއްވަންދެން ފެނު އަޑީގައި އޮންނަ ކަމަށް ކަމާއިބެހޭ ޖަމާޢަތްތަކުން ބުނެއެވެ.
މި ޕްލޭނަކީ އޮޅުންބޮޅުން ބޮޑު، އަދި ގިނަ މައްސަލަތަކެއް ހުރި ޕްލޭނެއް ކަމަށް އދ އިންވެސް ވަނީ ބުނެފައެވެ.
މިޔަންމާގެ މައްސަލައިގައި މި ސެޕްޓެމްބަރާއި ހަމައަށް ބަންގާޅުން ނިންމާފައިވާ ނިންމުމުގައިވަނީ، ރަހައިން ސްޓޭޓްގައި އުޅޭ ޓެރަރިސްޓުންނާއި ހަނގުރާމަކުރުމަށް މިޔަންމާގެ އަސްކަރިއްޔާ އާއި އެކު އޮޕްރޭޝަނެއް ހިންގުމުގެ ވާހަކައެވެ.
ރޯހިންޖާގެ މައްސަލައިގައި ބައިނަލްއަޤުވާމީ ދުނިޔޭގެ ވިސްނުން ހުރީ ކިހިނެއް؟
ދުނިޔޭގެ ގިނަ ޤައުމުތަކާއި ޖަމާޢަތްތަކުން ޤަބޫލުކުރާގޮތުގައި ރޯހިންޖާ ދަރިކޮޅުގެ މީހުންނަކީ މިއަދުގެ ދުނިޔޭގައި އެންމެ އަނިޔާ ލިބެމުންދާ، އެބަޔަކާއި ދެކޮޅަށް އެންމެ ގިނަ ޖަރީމާތައް ހިންގެމުންދާ ދަރިކޮޅެވެ.
އދ އާއި އެމްނެސްޓީ އިންޓަރނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ފަދަ ޖަމާޢަތްތަކުން އެކި ފަހަރުމަތިން ވަނީ ރޮހިންޖާ ދަރިކޮޅުގެ މީހުންނާއި މެދު ކަންކުރެވެމުންދާގޮތް ކުށްވެރި ކޮށްފައެވެ.
އަދި ރަކައިގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ކަންތައްތަކަކީ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާއި ދެކޮޅު ޖަރީމާގެ ގޮތުގައި ބެލުމުގެ ފުރުޞަތު އޮތްކަމަށް އެ ޖަމާޢަތްތަކުން ބުނެއެވެ.
މި އަހަރުގެ މާޗް މަހު އދ އިން ވަނީ ރޮހިންޖާ ދަރިކޮޅާއި ދެކޮޅަށް ހިންގާ ޖަރީމާތައް ތަޙުޤީޤު ކުރުމަށް އެ ޖަމުޢިއްޔާގެ ޚާއްސަ މިޝަންއެއް އެކުލަވާލުމަށް ފާސްކޮށްފައެވެ. އަދި މި މިޝަންއަށް އދގެ އިންކުއައިރީ ކޮމިޝަނަކާއި ގާތްކުރާވަރަށް ބާރުތައްވެސް ދީފައިވެއެވެ.
މި މިޝަންއަށް ހޯދޭ ކަންކަމާއި ގުޅޭގޮތުން މި މަހު އދ އަށް އަނގަބަހުން ޖަވާބުދާރީ ވާންޖެހޭއިރު، އަންނަ އަހަރު އެ ތަޙުޤީޤުގެ ފުރިހަމަ ރިޕޯޓެއް އދއަށް ހުށަހަޅަން ޖެހެއެވެ. ނަމަވެސް އެ މިޝަންގެ މަސައްކަތަށްވެސް މިޔަންމާ ސަރުކާރުން ދަނީ އެކި ކަހަލަ ދުއްތުރާތައް ކުރަމުންނެވެ.
ރޯހިންޖާ ދަރިކޮޅުގެ މީހުންނާއިމެދު މިހާރު އަމަލުކުރަމުންދާ ގޮތް ބަދަލު ނުކުރާނަމަ، އުތުރު ކޮރެއާ ފަދައިން މިޔަންމާވެސް ދުނިޔެއާއި ގުޅުންކެނޑިފައިވާ އެކަހެރި ޤައުމަކަށް ވެގެންދާނެ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ތުރުކީގެ ރައީސް، ރަޖަބް ޠައްޔިބް އުރުދުޣާން ވަނީ ރޯހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް، ވާންޖެހުނު ގޮތަކަށް އެހީވާން ތައްޔާރަށް ތުރުކީ އޮތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބަންގާޅުން ރޮހިންޖާ ދަރިކޮޅުގެ މީހުން ބަލައިގެންފިނަމަ އެމީހުންގެ ހުރިހާ ޚަރަދަކާއި ހަވާލުވާންވެސް ތުރުކީ އޮތީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ރޯހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ދިފާޢުގައި އަސްކަރިއްޔާ ބޭނުންކުރައްވަން ޖެހިވަޑައިގެންފި ހިނދެއްގައި އެކަމަށްވެސް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމުގެ އިޝާރާތް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.
މިޔަންމާއިން މި ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށްބުނާ އަރާކަން ރޮހިންޖާ ސެލްވޭޝަން އާމީ (އަރްސާ)
ކުރިން އަލް ޔަޤީން ފެއިތު މޫވްމަންޓްގެ ނަމުގައި ހިންގި މި ޖަމާޢަތް، އެ ޖަމާޢަތުގެ ނަން އަރާކަން ރޮހިންޖާ ސެލްވޭޝަން އާމީ (އަރްސާ) އަށް ބަދަލުކޮށް، މި އަހަރުގެ މާޗް މަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ޖަމާޢަތުގެ މަޤުޞަދަކީ، ރޯހިންޖާ ދަރިކޮޅުގެ މުސްލިމުން ދިފާޢުކޮށް، އެމީހުންނަށް ރައްކާތެރިކަމާއި ސަލާމަތް ހޯދައިދިނުމެވެ.
އަދި އެ ޖަމާޢަތުގެ ޤާބިލިއްޔަތުކަން ހުރި މިންވަރަކުން ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމިއްލަ ރައްކަލަށް މަސައްކަތް ކުރާނެ ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ބަޔާނުގައި އަރްސާއިން ބުނެފައިވަނީ، ދުނިޔޭގެ އެއްވެސް ހިސާބެއްގައި، އެއްވެސް މަޤުޞަދެއްގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތަކާއި އަރްސާ އާއި ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށާ، އަރްސާ އަކީ، ދީނީ އަދި ނަސްލީ ވާދަވެރިކަމުގެ ފިކުރުގައި ކުށެއްނެތް އެއްވެސް ބަޔަކާއި ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ދޭނެ ޖަމާޢަތެއް ނޫން ކަމަށެވެ.
އަރްސާއިން ދޭ ހަމަލާތައް ރައްދުކުރަނީ ހަމައެކަނި ބަރުމާގެ އަނިޔާވެރި ސަރުކާރަށް ކަމަށާ، އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އެއްގޮތަށް ދޭ ހަމަލާތަކެއް ކަމަށާ، އަދި ރޯހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަމާންކަން ލިބެންދެން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އަރްސާއިން ވަނީ ބުނެފައެވެ.
އަރްސާއިން މިފަދައިން ބުނި ނަމަވެސް، މިޔަންމާގެ ސަރުކާރުން ވަނީ ނުރައްކާތެރި ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި އަރްސާ ކަނޑައަޅާފައެވެ.
މިޔަންމާގެ އަސްކަރިއްޔާއަށް ދީފައިވާ ބައެއް ހަމަލާތަކުގެ ޒިންމާ އަރްސާއިން ނަގާފައިވާއިރު، މި ހަމަލާތަކުގައި މިޔަންމާގެ ސިފައިންގެ އިތުރުން، އަރްސާގެ ހަނގުރާމަވެރިންނާއި، ރޯހިންޖާ ދަރިކޮޅުގެ އާންމުންގެ ގިނަ ބަޔަކުވެސް މަރުވެފައިވާކަމަށް ކަމާއިބެހޭ ޖަމާޢަތްތަކުން ބުނެއެވެ،
އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕުން ބުނެފައިވާ ގޮތުގައި އަރްސާ އާއި ސައުދީ އަރަބިއާގައި ދިރިއުޅެމުންދާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ އެހީއާއި އެކު ހިންގާ ޖަމާއަތެކެވެ.