ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 09:58
ފެޔަނޫދްއާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ފެޔަނޫދްއާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
ޔުއެފާ ޗެމްޕިއަންސް ލީގު
ޔުއެފާ ޗެމްޕިއަންސް ލީގު: ސިޓީ މޮޅުވިއިރު ނަޕޯލީ ބަލިވެއްޖެ
މެންޗެސްޓާ ސިޓީއިން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުން ނެދަލޭންޑްސްގެ ފެޔަނޫދްއާ ވާދަކޮ
ނަޕޯލީވަނީ ރަށުން ބޭރުގައި ޝަކްތަރް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފަ
މި ގްރޫޕުގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު ސިޓީއޮތް އިރު ދެވަނައިގައި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ޝަކްތަރް

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗުން އެ ޓީމު މޮޅުވިއިރު ނަޕޯލީ ބަލިވެއްޖެއެވެ.

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި މެންޗެސްޓާ ސިޓީއިން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުން ނެދަލޭންޑްސްގެ ފެޔަނޫދްއާ ވާދަކޮށެވެ.

ރަށުން ބޭރުގައި ސިޓީއިން ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ތަފާތު މޮޅު އެޓޭކިން ގޭމެއް ކުޅެފައެވެ. އެގޮތުން މެޗުގެ ދެވަނަ މިނުޓުގައި ޑޭވިޑް ސިލްވާ ނަގައިދިން ކޯނަރަކުން ޖޯން ސްޓޯންސްވަނީ ގޯލެއް ޖަހައިދީ ސިޓީއަށް ލީޑު ނަގައިދީފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 10 ވަނަ މިނުޓުގައި ކައިލް ވޯކާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއޭރޯއެވެ. އޭގެ 15 މިނުޓު ފަހުން ގެބްރިއެލް ޖީސަސް ވަނީ ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-0 ގެ ނަތީޖާއަކުން ފެޔަނޫދުގެ މައްޗަށް ސިޓީ ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގައިވެސް ސިޓީއިން ވަނީ ފެޔަނޫދުގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ އެ ޓީމުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގެ 63 ވަނަ މިނުޓުގައި ޖޯން ސްޓޯންސްވަނީ މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑު ޖަހައި ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ނަޕޯލީވަނީ ރަށުން ބޭރުގައި ޝަކްތަރް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޝަކްތަރްއިންނެވެ. މެޗުގެ 15 ވަނަ މިނުޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިޑްފީލްޑާ ޓައިސަންއެވެ. އަދި ޝަކްތަރްގެ ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނުޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރެއިރާއެވެ. ނަޕޯލީއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔަބުކޮށްދިނީ ޕޮލެންޑްގެ ފޯވާޑް މިލިކްއެވެ.

މި ގްރޫޕުގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު ސިޓީއޮތް އިރު ދެވަނައިގައި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ޝަކްތަރެވެ. ތިންވަނައިގައި ނަޕޯލީ އޮތްއިރު ތާވަލުގެ ފުލުގައި އޮތީ ފެޔަނޫދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް