ބަންގްލަދޭޝް ސަރުކާރަށް، ރޮހިންޖާ ދަރިކޮޅުގެ ހަތް ލައްކަ ރެފިއުޖީންނަށް ކާންދީ ބެލެހެއްޓޭނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރާ ޝައިޚް ހަސީނާ ވިދާޅުވެއްޖެއެވެ.
މި ހަފްތާގައި ރޮހންޖާ ރެފިއުޖީ ކޭމްޕްތަކަށް ޒިޔާރަް ކުރެއްވުމަށް ފަހު ޝައިޚް ހަސީނާ ވިދާޅުވީ، އެ ރެފިއުޖީންނަށް ކާންދީ، ބެލެހެއްޓޭނެ ޤާބިލުކަން ބަންގާޅަށް ލިބިފައިވާ ކަމަށެވެ.
"ބަންގްލަދޭޝްގެ 160 މިލިއަން މީހުންގެ އާބާދީއަށް ކާންދީ، އަހަރުމެންނަށް ބެލެހެއްޓެންޏާ، 700،000 ރޮހިންޖާ ރެފިއުޖީންނަށް ވެސް ކާންދީ އަހަރުމެންނަށް ބެލެހެއްޓޭނެ" ކޮކްސެސް ބާޒާރުގެ އުޚިޔާގައި ޤާއިމް ކޮށްފައިވާ ކުޓުޕަލޯންގް ރެފިއުޖީ ކޭމްޕްގައި ހުންނަވައި އެކަމަނާ ވިދާޅުވިއެވެ.
1971 ވަނަ އަހަރުގެ ބަންގާޅު ލިބަރޭޝަން ހަނގުރާމައިގައި ހާލުގައި ޖެހުނު 10 މިލިއަން ބަންގާޅު ރެފިއުޖީންގެ ހަނދާން އާކުރައްވާ ޝައިޚް ހަސީނާ ވިދާޅުވީ، އިންސާނިއްޔަތަށްޓަކައި ރޮހިންޖާ ރެފިއުޖީންނަށް ބަންގާޅުން ހިޔާވަހިކަން ދީފައިވާ ކަމަށާ، އެ ރެފިއުޖީންނަށް އެހީވުމަށް ބަންގާޅު ރައްޔިތުންގެ ކިބައިން އެދިލައްވާ ކަމަށެވެ.
ނިމިގެންދިޔަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހުގެ ފަހުން މިޔަންމާގެ ރަހައިން ސްޓޭޓްގައި އަލުން ފެށިފައިވާ ހަމަނުޖެހުންތަކާއިއެކު، ބަންގާޅަށް ހިޖުރަ ކުރި 300،000 ރެފިއުޖީންނާއިއެކު ބަންގާޅުގައި މިހާރު ތިބި ރެފިއުޖީންގެ އަދަދު ވަނީ 700،000 އަށް އިތުރުވެފައެވެ.
ޝައިޚް ހަސީނާ އިތުރަށް ވިދާޅުވީ، އަވަށްޓެރި ޤައުމުތަކާއި ގާތް ގުޅުމާއި، އަމާންކަން ބާއްވަން ބަންގާޅުން ބޭނުންވާ ކަމަށާ، ނަމަވެސް، މިޔަންމާ ސަރުކާރުން ހިންގާ ޖަރީމާތަށް ބަލައިނުގަނެވޭނެ ކަމަށެވެ. ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެން އޮތް ހުރިހައި މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް އެކަމަނާ ވަނީ ދެއްވާފައެވެ.
މީގެ އިތުރުން އެކަމަނާ ވަނީ މިޔަންމާ ސަރުކާރުގެ ހަމަބުއްދި ނެތީއޯއާއި މަދު ބަޔަކު ހިންގާ އަމަލުތަކަކާއި ގުޅިގެން އެތައް ލައްކަ ބަޔަކަށް މިފަދަ އަނިޔާއެއް ލިބެން ދޫކޮށްލަނީ ކޮން އުސޫލަކުންތޯ ސުވާލު އުފައްދަވާފައެވެ.
ރެފިއުޖީ ކޭމްޕްތަކަށް ވަޑައިގަތުމަށް ފަހު، ބަންގާޅަށް ހިޖުރަކުރި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން ސިއްޙީ ފަރުވާ ބޭނުންވާ ފަރާތްތަކަށް ވަގުތުން ސިއްޙީ ފަރުވާ ދިނުމަށް ޝައިޚް ހަސީނާ ވަނީ އަމުރު ކުރައްވާފައެވެ.