ސިންގަޕޫރުގެ ފުރަތަމަ އަންހެން ރައީސް ކަމަށް ހަލީމާ ޔައުގޫބު އިންތިޚާބުވެވަޑައިގެންފިއެވެ.
ސިންގަޕޫރުގެ އިލެކްޝަންްސް ޑިޕާޓްމަންޓުން ހާމަކޮށްފައި ވަނީ ރައީސް ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މަގާމަށް ޝަރުުތު ހަމަވަނީ ހަލީމާ ޔައުގޫބު ކަމަށާއި އެހެންކަމުން އެކަމަނާ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ކަމަށެވެ.
ރައީސްކަމަށް ހަލީމާ ޔައުގޫބު އިންތިޚާބުވެވަޑައިގެންވި އިރު އެކަމަނާއަކީ ސިންގަޕޫރުގެ ޕާލަމެންޓް މެމްބަރެކެވެ. ސިންގަޕޫރުގައި ރައީސްކަމުގެ މަގާމަކީ ރަމްޒީ މަގާމެކެވެ. ސިންގަޕޫރުގެ ރައީސްކަމަށް ކުރިމަތިލެއްވުމުގެ ޝަރުުތުތަކުގެ ތެރޭގައި މިފަހަރު މެލޭ ދަރިކޮޅަށް ނިސްބަތްވާ ފަރާތެއްކަމުގައިވުން ހިމެނެއެވެ. މިއީ، ސީދާ ބައިމަދު ވަކި ދަރިކޮޅަކަށް ރައީސްކަން ހާއްސަ ކުރެވުނު ފުރަތަމަ ފަހަރު ކަމަށްވާއިރު ދާދިފަހުން ސިންގަޕޫރުގެ އިލެކްޝަންސް ޑިޕާޓްމަންޓުން ހާމަކޮށްފައި ވަނީ މިފަހަރު ހަލީމާގެ އިތުރުން ހަތަރު ކެނޑިޑޭޑަކު ރައީސް ކަމަށް ކުރިމަތިލެއްވި ކަމަށާއި އޭގެ ތެރެއިން ދެ ކެނޑިޑޭޓަކީ މެލޭ ދަރިކޮޅަށް ނިސްބަތްވާ ކެނޑިޑޭޓުން ކަމަށެެވެ. އަނެއް ދެ ކެނޑިޑޭޓުންނަށް ޝަރުތު ހަމަވާ ކަމުގެ ލިޔުން ލިބިފައިނުވާ ކަަމަށެވެ.
ސިންގަޕޫރުގެ އިލެކްޝަންސް ކޮމިޝަނުގައި ބުދަ ދުވަހު ހުންނަވާ ދެއްވި ތަގުރީރެއްގައި ހަލީމާ ވިދާޅުވީ އެކަމަނާއަކީ ވަކިބަޔަކަށް ވެރިކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި އެކަމަނާ އަކީ އެންމެންގެ ވެރިއެއް ކަމަށެވެ. އެކަމަނާ އިތުރަށް ވިދާޅުވީ އިލެކްޝަނެއް ނުބާއްވާ އެކަމަނާ އިންތިޚާބުވެވަޑައިގަތަސް އެކަމަނާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ސިންގަޕޫރުގެ ރައީސް ކަން އަންހެން ކަނބަލަކަށް ލިބިވަޑައިގަތުމަކީ، ކޮންމެ އަންހެނަކަށް ވެސް ލިބޭ ޝަރަފެއް ކަމަށާއި މީގެން ދައްކުވައި ދެނީ އަންހެނަކަށް އެންމެ މަތީ މަގާމަށް ވެސް އާދެވޭނެ ކަންކަމަށެވެ.