ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 00:59
ބަންގްލަދޭޝްގައި ތިބި ރޮހިންޖާ ރެފިއުޖީންގެ ބަޔަކާ ޝޭޚް ހަސީނާ ބައްދަލު ކުރައްވަނީ
ބަންގްލަދޭޝްގައި ތިބި ރޮހިންޖާ ރެފިއުޖީންގެ ބަޔަކާ ޝޭޚް ހަސީނާ ބައްދަލު ކުރައްވަނީ
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން ޕްރެޝަރ ކޮށްދީ: ބަންގްލަދޭޝް ބޮޑުވަޒީރު
 
ރޮހިންޖާ މީހުންގެ މައްސަލައިގައި އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް ސްވިޑްން، އިނގިރޭސި ވިލާތުން ގޮވާލައިފި
 
ރޮހިންޖާ ރެފިއުޖީންނަށް ބައިނަލް އަގްވާމީ އެހީ ބޭނުންވާ ކަމަށް އައިއެފްއާރުސީން ބުނޭ
 
ރޮހިންޖާ ރެފިއުޖީން ކޭމްޕްތަކުގައި ތިބީ ވަރަށް ނިކަމެތި ހާލުގައި

ބަންލްގްލަދޭޝްގެ ރެފިއުޖީ ކޭޕްމްތަކުގައި ތިބި އެތައް ލައްކަ ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންގޮސް އެމީހުންނާ މެދު ރަނގަޅަށް ކަން ކުރުމަށް މިޔަންމާ ސަރުކާރަށް ޕްރެޝަރ ކޮށްދިނުމަށް ރެފިއުޖީންނަށް މެހުމާންދާރީ އަދާ ކުރެއްވަމުން ގެންދަވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާ ބައިނަލް އަގްވާމީ މުޖްތަމައަށް ގޮވާލައްވާފިއެވެ.

ޝޭޚް ހަސީނާ މިހެން ވިދާޅުވިއިރު ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގައި ރޮހިންޖާ ރެފިއުޖީން އެގައުމުގައި ނުބޭތިއްބޭނެ ކަމަށް ވަނީ ކަނޑައަޅާ ފާސްކޮށްފައެވެ. އަދި އެމީހުން އަނބުރާ ގެންދަން ޖެހޭނެ ކަމަށްވެސް ބަންގްލަދޭޝްގެ ޕާލިމެންޓުން ފާސްކުރި ގަރާރުގައި ބަޔާން ކޮށްފައި ވެއެވެ.

މިހާތަނަށް 370،000 (ތިން ލައްކަ ހަތްދިހަ ހާސް) ށް ވުރެ ގިނަ ރޮހިންޖާ ރެފިއުޖީން ސަރަހައްދީ ރޮނގު ހުރަސްކޮށް ބަންގްލަދޭޝް އަށް އެތެރެވެފައި ވެއެވެ.

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެ ގައުމުގެ ސަރުކާރުން ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތައް އ.ދ އިން ސިފަ ކޮށްފައިވަނީ ނަސްލެއް ނާއްތާލުމަށް ހިންގާ ޖަރީމާ އެއްގެ ގޮތުގައެވެ.

ޝޭޚް ހަސީނާ ވަނީ ރޮހިންޖާގެ ބައެއް ރެފިއުޖީންނާ ބައްދަލު ކުރައްވާ، އެމީހުންނަށް އެނބުރި ގައުމަށް ދެވެންދެން ރަނގަޅަށް ކަންތައް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ބަންގްލަދޭޝްގައި ދިރިއުޅެމުންދާ އެތައްހާސް ރޮހިންޖާ މުސްލިމް ރެފިއުޖީން އުޅެމުންދަނީ އެހީގެ ގޮތުގައި ލިބޭ ތަކެތިންނެވެ. ރެފިއުޖީ ކޭމްޕަކަށް ޒިޔާރަތް ކުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވަނީ އެމީހުންނަށް ސާފު ބޯފެން ލިބެން ނެތް ކަމަށެވެ.

"އަހަރެމެން ބަންގްލަދޭޝްއަށް އައީ ރައްކާތެރި ކަމާއެކު ދިރި ތިބުމަށް އެކަމަކު ރައްކާތެރި ކަމުގެ އިތުރުން އަހަރެމެންނަށް ކާބޯތަކެތިވެސް ބޭނުންވޭ". ރެފިއުޖީ ކޭމްޕްގައި ދިރިއުޅުމުންދާ ރޮހިންޖާ މީހަކު އަލްޖަޒީރާއަށް ކިޔައި ދިނެވެ.

ބަންގްލާދޭޝްގައި ތިބި ރެފިއުޖީން ދިރިއުޅެމުންދަނީ ވަރަށް އާދައިގެ ގޮތަކަށް މަތި ނިވާކޮށްލާފައިވާ ކުދި ކުދި ޓެންޓްތަކުގައި ކަން ފާހަގަ ކުރެވެއެވެ. އެ ޓެންޓުތަކުން ރަނގަޅަށް ވާރޭ ހިޔާ ނުވާކަމަށްވެސް އަލްޖަޒީރާ ރިޕޯޓަރު ބުނެފައިވެއެވެ.

ކޭމްޕްގައި ދިރިއުޅެމުންދާ މަޔަކު ބުނި ގޮތުގައި އޭނާގެ ތުއްތު ދަރިފުޅަށް ބޭސް ބޭނުން ވެއެވެ. އަދި ކޭޕްމްގައި ގިނަ ދުވަހު ދިރިއުޅެން ޖެހިއްޖެނަމަ އެކުދިން ދިރިތިބެދާނެ ކަމާމެދު ޝައްކު ކަމަށްވެސް އޭނާ ބުންޏެވެ.

ކޭމްޕްގައި ދިރިއުޅޭ އެކަކު ބުނި ގޮތުގައި އެނބުރި މިޔަންމާއަށް ދާން އޭނާ ބިރު ގަނެއެވެ. އޭނާ ބުނި ގޮތުގައި އެނބުރި މިޔަންމާއަށް ހިނގައްޖެނަމަ އެމީހުން އޭނާ މަރާލާނެއެވެ. އޭނާ ބުނީ މިޔަންމާ ސިފައިން ތުއްތު ކުދިން އަލިފާންގަނޑަށް އުކި މަންޒަރު ފެނިފައިވާ ކަމަށެވެ.

"ކިހިނެއް ދާން ކެރޭނީ، އެނބުރި ދާއިރާ އެމީހުން އަހަރެމެން މަރާލާނެ" ކޭމްޕްގައި ދިރިއުޅޭ އަންހެނަކު ބުންޏެވެ.

ރޮހިންޖާ މުސްލިމުންނާ ބެހޭ ގޮތުން ސްވިޑްން އާ އިނގިރޭސި ވިލާތުން ވަނީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމަށް އެދި ހުށަހަޅާފައެވެ.

ބަންގްލާދޭޝްގައި ހަރަކާތްތެރިވާ އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓުގެ މަންދޫބަކު ބުނެފައިވަނީ ރެފިއުޖީންނަށް އެހީވުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި ނަމަވެސް ކޮންމެ ދުވަހަކު އެތައްހާސް ބަޔަކު އަންނަމުންދާތީ އެ އެންމެންނަށް ބޭނުންވާ އެހީ ހޯދުމުގައި ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެން ކަމުން އޭނާ ބުނީ ބައިނަލް އަގްވާމީ އެހީ މި ކަމުގައި ބޭނުންވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
100%
0%
0%
0%
ކޮމެންޓް