ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 15:39
ބޭލް ރެއާލްގެ ޖާޒީގައި
ބޭލް ރެއާލްގެ ޖާޒީގައި
ގޫގުލް
ގެރެތް ބޭލް
ޔުނައިޓެޑަށް ބަދަލުވުމުގެ އެއްވެސް ހިޔާލެއް ނެތް: ބޭލް
ބޭލް ހޯދުމަށް ޔުނައިޓެޑުން މި ނިމުނު ޓްރާންސްފާ މާކެޓުގައިވެސް މަސައްކަތް ކުރި
ވިސްނުން މިވަގުތު ހުރީ ޓީމާ އެއްކޮށް ގިނަ ތަށިތަކެއް ކާމިޔާބުކުރަން: ބޭލް
އޭނާއާށް ޓޮޓެންހަމްގައި ދެއްކި ކުޅުން ރެއާލްގައި ނުދެއްކޭ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުން

މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުގެ އެއްވެސް ހިޔާލެއް ނެތްކަމަށް ރެއާލް މެޑްރިޑުގެ ފޯވާޑް ގެރެތް ބޭލް ބުނެފިއެވެ.

ޓޮޓެންހަމްއިން 2013 ވަނަ އަހަރު އޭރުގެ ރެކޯޑު ޓްރާންސްފާ ފީއެއް ކަމަށްވާ 100 މިލިއަން ޔޫރޯއަށް ރެއާލް ބަދަލުވި ބޭލް ހޯދުމަށް ޔުނައިޓެޑުން މި ނިމުނު ޓްރާންސްފާ މާކެޓުގައިވެސް މަސައްކަތް ކުރިއެވެ.

އެހެނަސް މީޑިއާއާ ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ ރެއާލްގެ ސްޓާ ކުޅުންތެރިޔަކީ ރޮނާލްޑޯ ކަމަށާ ޔުނައިޓެޑަށް ގޮސްގެން ސްޓާ ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު އޮތަކަސް މިވަގުތު އޭނާއަށް އެކަން މުހިންމު ނޫން ކަމަށެވެ. އޭނާގެ ވިސްނުން މިވަގުތު ހުރީ ޓީމާ އެއްކޮށް ގިނަ ތަށިތަކެއް ކާމިޔާބުކުރަން ކަމަށާ އަދި ޔުނައިޓެޑަށް ވުރެ އެކަން ފުރިހަމަ ކުރަން ފަސޭހަވާނީ ރެއާލްގައި ހުރެގެން ކަމަށް އޭނާ ބުންޏެވެ.

ޑެއިލީ މެއިލްއާ ވާހަކަ ދައްކަމުން ބޭލް އިތުރަށް ބުނެފައިވަނީ ރިޓާޔާ ކުރުމަށްފަހު ކުޅުންތެރިއެއްގެ ކެރިއާ ކާމިޔާބުތޯ މިނެކިރަނީ އެ ކުޅުންތެރިޔަކަށް ލިބުނު އިންޑިވިޖުއަލް އެވޯޑުތަކުން ނޫން ކަމަށާ ކުޅުންތެރިއެއްގެ ކާމިޔާބު ބިނާވެފައިވަނީ އެ ކުޅުންތެރިޔަކު ޓީމާއެކު ހާސިލްކުރާ ޓްރޮފީތަކަށް ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ގިނަ މެޗުތަކެއް އަނިޔާގެ ސަބަބުން ގެއްލުނު ބޭލްއަށް ރެއާލްގެ ސަޕޯޓަރުންގެ ފަރާތުން ތަފާތު އެކި ފާޑުކިޔުންތަށް ވަނީ އަމާޒުވެފައެވެ. އެގޮތުން އޭނާއާށް ޓޮޓެންހަމްގައި ދެއްކި ކުޅުން ރެއާލްގައި ނުދެއްކޭ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އެހެން ނަމަވެސް ރެއާލްއަށް ބަދަލުވި ފަހުން އޭނާގެ ކުޅުން ބަދަލުވެއްޖެ ކަމަށާ އޭނާގެ ފަރާތުން ފެންނަ ކުޅުން ކުރިޔާ އަޅާބަލާއިރު މާ ބޮޑުތަނުންވެސް ރަނގަޅު ކަމަށް ބުނެ އޭނާވަނީ މި ފާޑުކިޔުންތަކަށް ރައްދުދީފައެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބޭލް ޓޮޓެންހަމްއާ ދެކޮޅަށް ނުކުންނައިރު އޭނާވަނީ އެ ޓީމު ކޮޅަށް އޭނާ ލަނޑެއް ކާމިޔާބުކޮށްފިނަމަ އުފާފާޅުކުރާނެ ކަމުގެ އިޝާރާތެއްވެސް ދީފައެވެ. އެގޮތުން މެޗުން މޮޅުވާ ލަނޑު އިތުރުވަގުތުގެ ތެރޭގައި އޭނާ ޖަހައިފިނަމަ އޭނާ އެ ލަނޑު ސެލެބްރޭޓް ކުރަން ޖެހޭނެ ކަމަށް ބޭލް ބުންޏެވެ.

ރެއާލްގައި ބޭލް މުހިންމު ދައުރެއް އަދާކުރަމުން އަންނައިރު އޭނާ ވަނީ އެ ޓީމާއެކު 10 ތަށި ކާމިޔާބުކޮށްފައެވެ. އަދި ރެއާލްއަށް ކުޅުނު 103 މެޗުގައި އޭނާވަނީ 55 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް