މާއެނބޫގެ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މިމަހުގެ 15 ގައި ވިއްކަން ފަށާނެކަމަށް ފިލްމުގެ ޑައިރެކްޓަރ މުހައްމަދު އަބޫބަކުރު (މާއެނބޫ) ބުނެފިއެވެ.
އޭނާ ބުނީ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް ވިއްކާނީ އޮލިމްޕަހުންކަމަށެވެ. ހުރިހާ ޝޯއެއްގެ ޓިކެޓްވެސް ވިއްކާނީ 100ރ. އަށް ކަމަށް މާއެނބޫ ބުންޏެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މަހުދީ އަހުމަދެވެ. މިފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މާއެނބޫ ބުނީ ފިލްމު ޕްރިމިއާ ކުރުމަށް ޝްވެކް ސިނަމާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މިމަހުގެ 27 ވަނަ ދުވަހުގައެވެ.
"ނޭދެން ވަކިވާކަށް" ދައްކާނީ މާލޭގެ އޮލިމްޕަހުގެ އިތުރުން މާލޭ އަދި ހުޅުމާލޭ ޝްވެކްސިނަމާގައެވެ. އަދި މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާރަށެއްގައިވެސް "ނޭދެން ވަކިވާކަށް" އެޅުވުމަށް މަސައްކަތް ކުރަމުން ދާކަމަށް މާއެނބޫ ބުންޏެވެ.
"ނޭދެން ވަކިވާކަށް" ގައި އެކްޓްކޮށްފައިވާ ތަރިންގެ ތެރޭގައި އަލަށް ފެނިގެންދާ ފެޝަން ޑިޒައިނަރު/ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އއ.ތޮއްޑޫއާއި މާލޭގައެވެ.
މި އަހަރުތެރޭގައި ދިވެހި ގިނަ ފިލްމުތައް އެހެން އަހަރުތަކަށް ވުރެ އިތުރެވެ. "ނޭދެން ވަކިވާކަށް" އަކީ މިއަހަރު ނެރޭނެ ދިވަހި ފިލްމު 7 ވަނަ ފިލްމެވެ.