ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 12:48
 ޓިބެޓްގެ ބުދިސްޓުންގެ ލީޑަރު ޑަލައި ލާމާ
ޓިބެޓްގެ ބުދިސްޓުންގެ ލީޑަރު ޑަލައި ލާމާ
ގޫގުލް
މިޔަންމާ މުސްލިމުން
ރޮހިންޖާ މުސްލިމުންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯއްދަވައި ދެއްވާ: ޑަލައި ލާމާ
ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ  އަން ސަން ސޫޗީ މިޔަންމާގެ މުސްލިމުންގެ ހާލާމެދު އަމަލު ކުރައްްވާ ގޮތުގެ ސަބަބުން އެކަމަނާ އަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި

މިޔަންމާގެ ރަކައިން ސްޓޭޓުގައި މުސްލިމުންނާ މެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯއްދަވައި ދެއްވުމަށް ޓިބެޓްގެ ބުދިސްޓުންގެ ލީޑަރު ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް ގޮވާލައްވައިފިއެވެ.

ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ  އަށް މިމޭރުމުން ގޮވާލެއްވީ ދާދިފަހުން އަން ސަން ސޫޗީ އަށް އޭނާ ފޮނުއްވި ސިޓީފުޅެއްގައެވެ. އޭއެފްޕީން ރިޕޯޓު ކުރާ ގޮތުން ޑަލައި ލާމާ މިޔަންމާގެ ލީޑަރު ސޫޗީ އަށް މި ސިޓީފުޅު ފޮނުއްވީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިންނެވެ. މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

ޓިބެޓްގެ ބުދިސްޓުންގެ ލީޑަރު ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، ރަކައިން ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލު ކުރުމަށްޓަކައި، "މުޅި މުޖުތަމައުގެ ހުރިހާ ބަޔަކު ގޮވައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި" މިޔަންމާ ބުދިސްޓު ގައުމެއްގެ ގޮތުގައި އޮވެ އެގައުމުގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމުގެ ސަބަބުން ދުނިޔޭގައި މިޔަންމާގެ އަގަށް އައިސްދާނެ ބަދަލަކާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ. 

ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ  އަން ސަން ސޫޗީ މިޔަންމާގެ މުސްލިމުންގެ ހާލާމެދު އަމަލު ކުރައްްވާ ގޮތުގެ ސަބަބުން އެކަމަނާ އަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެެވެ. ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް، މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް ގޮވާލެއްވިއިރު، ނޯބެލް ސުލްހައިގެ އިނާމުގެ ހައްގުވެރިން ކަމަށްވާ ޑެސްމުންޓް ޓޫޓޫ އާއި މަލާލާ ޔޫސުފްޒާއީ ވެސް ވަނީ ސޫޗީ އަށް މި މޭރުމުން ގޮވާލައްވާފައެވެ. 

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

 

 

 

- ކޮމެންޓް