ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 06:13
ޔޫއެސް އޯޕަން ފިރިހެން ސިންގަލްސްގެ ޗެމްޕިއަން ރަފައޭލް ނަދާލް
ޔޫއެސް އޯޕަން ފިރިހެން ސިންގަލްސްގެ ޗެމްޕިއަން ރަފައޭލް ނަދާލް
ބީބީސީ
ޔޫއެސް އޯޕަން
ޔޫއެސް އޯޕަން: ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ނަދާލް ހޯދައިފި
ނަދާލް ވަނީ 6-3، 6-3 އަދި 6-4 ސެޓުތަށް ގެންގޮސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ
މިއީ ނަދާލްގެ ހަޔާތުގައި އޭނާ ކާމިޔާބުކުރި 16 ވަނަ ގްރޭންޑް ސްލޭމް
ނަދާލްވަނީ މިއަހަރު ފްރެންޗް އޯޕަން މުބާރާތް ވެސް ކާމިޔާބުކޮށްފަ

ނިއުޔޯކުގައި ކުރިޔަށް ދިޔަ ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ރަފައޭލް ނަދާލް ހޯދައިފިއެވެ.

ފްލަޝިން މެޑޯސްގައި ހުންނަ އަރްތޫރް އޭޝް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ނަދާލް ވާދަކޮށްފައިވަނީ ސައުތް އެފްރިކާގެ ކެވިން އެންޑަސަންއާއެވެ. ނަދާލް ވަނީ 6-3، 6-3 އަދި 6-4 ސެޓުތަށް ގެންގޮސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މިއީ ނަދާލްގެ ހަޔާތުގައި އޭނާ ކާމިޔާބުކުރި 16 ވަނަ ގްރޭންޑް ސްލޭމްއެވެ. އަދި މިއީ 2013 ވަނަ އަހަރުގެ ފަހުން އެއް އަހަރު ތެރޭ އޭނާ ދެ ގްރޭންޑް ސްލޭމް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ނަދާލްވަނީ މިއަހަރު ފްރެންޗް އޯޕަން މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންކަން ހޯދުމަށްފަހު ވާހަކަ ދައްކަމުން ނަދާލް ބުނެފައިވަނީ މިއަހަރު އޭނާއަށް ލިބުނު ކާމިޔާބީތަށް ގަބޫލްކުރަން ދަތިކަމަށާ އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައި އެތަކެއް ދުވަސްތަކެއް ވޭތުކުރަން ޖެހެނު ނަމަވެސް މިއަހަރުގެ ސީޒަންއަށް ތައްޔާރުވުމުގެ ނަތީޖާ ފެނިގެން ގޮސްފި ކަމަށެވެ. އަދި އޭނާގެ ކޯޗަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް ނަދާލް ބުނެފައިވަނީ ކޯޗު ނެތްނަމަ އޭނާ ޓެނިސް ކޯޓުން ނުފެންނާނެ ކަމަށާ އޭނާގެ ކެރިއަރުގައި ހޯދި ކާމިޔާބީތަކުގެ ހަގީގީ ސިއްރަކީ އޭނާގެ ކޯޗު އަދި ބޮޑުބޭބެ ކަމަށްވާ ޓޮނީ ނަދާލް ކަމަށެވެ.

މެޗުން ބަލިވި ނަމަވެސް އެންޑަސަން ބުނެފައިވަނީ އޭނާއަށް ފައިނަލްގައި ކުޅެން ލިބުމަކީވެސް ލިބުނު ކާމިޔާބެއް ކަމަށާ މެޗުން ބޭނުންވި ނަތީޖާ ނުނެރެވުނު ނަމަވެސް ދެން އަންނަން ހުރި މުބާރާތްތަކުން ރަނގަޅު ނަތީޖާ ހޯދުމަށް ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށެވެ. ހަމައެހެންމެ އޭނާވަނީ ނަދާލްއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ނަދާލްއަކީ ޓެނިސްގެ ދުނިޔޭގައި ހުރި އެންމެ އަލިގަދަ އެއްތަރި ކަމަށް ބުނެފައެވެ.

ނަދާލް މި މުބާރާތް ކާމިޔާބުކުރުމާއެކު މިއަހަރު ބޭއްވުނު ހަތަރު ގްރޭންޑް ސްލޭމްގެ ޗެމްޕިއަނުންނަށް ވެގެން ގޮސްފައިވަނީ އޭނާއާ ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާއެވެ. ފެޑެރާވަނީ ވިމްބެލްޑަންއާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައެވެ.

ގްރޭންޑް ސްލޭމް މުބާރާތްތަށް އެންމެ ގިނައިން ކާމިޔާބުކުރި ކުޅުންތެރިޔަކީ 19 ތައްޓާއެކު ފެޑެރާއެވެ. އެހެނަސް އޭނާގެ ފަހަތުން ނަދާލް ދެވަނައިގައި އޮތީ 16 ތައްޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް